މަސްތުވާތަކެތީގެ ދެ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ތިން މީހުންގެ ތެރެއިން ދެ މީހުން ހައްޔަރު ކުރީ މިމަހުގެ 21 ވަނަދުވަހު ވައިގެ މަގުން އައްޑޫ ސިޓީއަށް އެތެރެވި ދެ މީހެއްގެ އިތުރުން މިދިޔަ އަންގާރަ ދުވަހު މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެހި ތަކާކައި އެކު އަތުލައިގަތް މީހެއް ކަމަށެވެ.

އައްޑުއަށް މަސްތުވާތަކެތި އެތެރެކުރި އުމުރުން 21 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ. މި ދެ މީހުންގެ އަތުން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ތަކެތި ފެނިފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތާއެކު ގޮސް އޭގެ ތެރެއިން 23 އަހަރުގެ މީހާ ބަލައި ފާސް ކުރުމުންނެވެ. އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 10 ރަބަރު ޕެކެޓް ފިލްމު ހުސްކުރި ދަޅު ވަނީ ފެނުނެވެ.

މީގެއިތުރުން އުމުރުން 48 އަހަރުގެ މީހާ ލައިގެން ހުރި ފަޓްލޫންގެ ތެރެއިން ހަތް ޕެކެޓް ފެނިފައިވާއިރު ފަޓްލޫން ޖީބު ތެރޭގައި އޮތް ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ ޕެކެޓެއް ފެނިފަވާ ކަމަށެވެ. މި ތިންމީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮތް މީހުންނެވެ. މިއިން އެއްވެސް މީހެއްގެ ތަފުސީލެއް ނުދެ އެވެ.