30 May 2022, 23:19
އެސްޓީއޯ އިން ފައިދާގެ ގޮތުގައި ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
ކްރޮސްރޯޑްސް ގައި މިރޭ އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 99.9 އިންސައްތަ ހިއްސާދާރުންގެ ވޯޓާއެކުއެވެ.
އެ ޖަލްސާގައި 728 ހިއްސާދާރަކު ހާޒިރުވެގެން ވަނީ ބައިވެރިވެފައެވެ. އަދި ޕްރޮކްސީ މެދުވެރިކޮށް 686 ހިއްސާދާރަކު ވަނީ ބައިވެރިވެފައެވެ. އެ ހިއްސާދާރުން ކުންފުނީގެ ޖުމްލަ ރައުސްމާލުގެ 84 އިންސައްތަ ހިއްސާ ތަމްސީލުކުރެއެވެ.
މީގެ އިތުރުން އެ ކުންފުނީގައި ސަރުކާރު ތަމްސީލުކުރާ މެންބަރުން އިތުރު ދައުރަކަށް ބޯޑަށް އިންތިޚާބުކުރުމަށް އެ ޖަލްސާގައި ވަނީ ނިންމާފައެވެ. އަދި، އާންމު ހިއްސާދާރުން ތަމްސީލް ކުރައްވާ މެންބަރުގެ މަގާމަށް ޢަބްދުﷲ ސައީދު ވަނީ އިންތިޚާބުވެފައެވެ. އޭނާއަށް 59.2 އިންސައްތަ ވޯޓު ލިބުނެވެ. އޭނައާ ވާދަ ކުރެއްވި އާމިނަތު ރުޝްމާއަށް ލިބުނީ 40.8 އިންސައްތަ ވޯޓެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ
އެ ކުންފުނީގެ 2021ވަނަ އަހަރުގެ މާލީ ހިސާބުތަކުގައި ވާގޮތުން ކުންފުނީގެ އާމްދަނީ 10.2 ބިލިއަނަށް އަރައެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު އެއީ 41 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ނުކަނޑާ ލިބުނު ފައިދާ 1.5 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ 15 އިންސައްތައިގެ ކުރިއެރުމެކެވެ.
މުޅި އެސްޓީއޯ ގުރޫޕުގެ ހިސާބުތަކަށް ބަލާއިރު، ޖުމްލަ އާމްދަނީ ވަނީ 11.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކުރީ އަހަރާ އަޅާ ބަލާއިރު އެއީ 37 އިންސައްތައިގެ ކުރިއެރުމެކެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެ ގުރޫޕަށް 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އަދި ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބުނެވެ. ކުރީ އަހަރާ އަޅާ ބަލާއިރު، އެއީ 47 އިންސައްތައިގެ ކުރިއެރުމެކެވެ.