އިއްޔެ ހަވީރު އައިޖީއެމްގެ ކުޑަ ކުދިންގެ ވޯޑުން އައިޕެޑަކާއި 2000ރ. އާއި ދެ ރަން އަނގޮޓި ވަގަށް ނެގި ދެ މީހަކު ހޯދައި ހައްޔަރުކޮށްފި އެވެ.

ފުލުުން އަތުލައިގަނެ ހައްޔަރު ކުރީ ގ. ލައިޓްނިންވިލާ، މުސްތަފާ އާދަމާއި ނ. މާފަރު، ވައިމަތީގެ ޢަލީ ރިއުޝާނެވެ. މީގެ ތެރެއިން ރިއުޝާނަކީ ރައީސް މުހައްމަދު ނަޝީދުގެ ދެވަނަ ފުރުސަތު އަފޫއާންމުގައި ދޫކޮށްލާފައިވާ މީހެކެވެ. މި ދެ މީހުން ހައްޔަރު ކުރުމުގެ އިތުރުން ކުޑަކުދިންގެ ވޯޑުން މި ދެ މީހުން ވަގަށް ނެގި ތަކެއްޗާއި ފައިސާ ވެސް ވަނީ ފުލުހުން ހޯދާފަ އެވެ.

ފުލުހުން ބުނީ މި ދެ މީހުން ވަގަށް ނެގި ތަކެތި ހޯދީ އައިޖީއެމްއެޗުން ލިބުނު ވީޑިއޯ ފުޓޭޖްތައް ބެލުމަށްފަހު ކޯޓް އަމުރެއްގެ ދަށުން އެ ދެ މީހުން އުޅެމުންދިޔަ ގެއަށް ވަދެ ފާސް ކުރި އިރު ރިއުޝާންގެ ދަބަހުން ކަމަށެވެ. އަދި ބުނީ އެތަކެތި މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.