30 May 2022, 21:04
ފްރާންސްގެ ޕެރިސް ސެންޓި ޖާމަން (ޕީއެސްޖީ)އާއެކު އަންނަ ސީޒަނަކީ ރަނގަޅު ސީޒަނަކަށް ވާނެކަމަށް ދުނިޔޭގެ ކާމިޔާބު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ބުނެފިއެވެ.
މިދިޔަ 16 ސީޒަންގައި ބާސެލޯނާއަށް ކުޅުމަށްފަހު ޕީއެސްޖީއަށް ބަދަލުވެ އޭނާގެ ސަޕޯޓަރުން ބޭނުންވާފަދަ ޖާދުވީ ކުޅުމެއް އޭނާއަށް އަދި ކުޅެވިފައެއް ނުވެއެވެ.
ފުޓުބޯޅަ ދިރާސާކުރާ މާހިރުން ބުނާ ގޮތުގައި އޭނާގެ އެންމެ ފުރިހަމަ ކުޅުން އަދި ނުފެންނަނީ އެންމެ ފުރިހަ ގޮތުގައި އެ ޓީމަށް އަދި ހޭނިފައި ނުވާތީއެވެ. 2000 ވަނަ އަހަރުން ފެށިގެން ކުޅެމުންދިޔަ ޓީމު ދޫކޮށް އާ ޓީމަކަށް ހޭނުމަށް ވަގުތު ބޭނުންވާނެކަމަށް ވެސް މާހިރުން ބުނެއެވެ.
މި ސީޒަނަކީ މެސީއަށް ކާމިޔާބު ސީޒަނެއް ނޫންކަމަށް ޚުދު މެސީ ވެސް ހެކިވެއެވެ. އޭނާ މީޑިއާތަކަށް ދިން އިންޓަވިއުއްގައި ބުނެފައިވަނީ އަންނަ ސީޒަނަކީ މި ސީޒަނަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު ސީޒަނަކަށް ވާނެކަމަށެވެ.
އޭނާ ބުނީ މިދިޔަ ޓްރާންސްފާ މާކެޓުގައި އޭނާ އެ ޓީމު ދޫކޮށްލަން އެއްގޮތަކަށް ވެސް ނުވިސްނާކަމަށެވެ.
"އެ ވީގޮތެއް ހޯދުމަކީ ވަރަށް އުނދަގޫކަމެއް. އަހަރެން ބާސެލޯނާ ދޫކޮށްލާކަށް އޭރު ނުވިސްނަން. އެއީ އަހަރެންނަށް ލިބުނު ޝޮކެއް،" މެސީ ބުންޏެވެ.
ޕީއެސްޖީގައި ހޭދަކުރި ސީޒަނުގައި އޭނާ ވަނީ 26 މެޗު ކުޅެދީ ހަ ގޯލު އެ ޓީމަށް ޖަހާދީފައެވެ. އަދި އޭނާ ވަނީ 13 ގޯލު ޖެހުމަށް އެހީތެރި ވެސް ވެ ދީފައެވެ.
ނަމަވެސް އެއީ 2020 ވަަނަ އަހަރުގެ ސީޒަނުގައި އޭނާ ޖެހި ގޯލަށް ވުރެ މާ ބޮޑަށް ވެސް ދަށް އަދަދެކެވެ. އޭނާ ބާސެލޯނާގައި ހޭދަކުރި އެންމެ ފަހު ސީޒަނުގައި ވަނީ 35 މެޗުން 30 ގޯލު ޖަހައި 11 ގޯލު ޖަހަން އެހީތެރިވެފައެވެ.