30 May 2022, 20:16
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ދަރިވަރުންނަށާއި އާންމުންނަށް ޚާއްސަކޮށް މާދަމާ ބާއްވަން ހަމަޖެހިފައިވާ "ފަހި ފުރުސަތު" ޖޮބް ފެސްޓިވަލް ފަސްކޮށްފިއެވެ.
އެ ފެސްޓިވަލް ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ ބުދަ ދުވަހުގެ ހަވީރު 04:00 އިން ރޭގަނޑު 10:00 ކަށެވެ.
މި އިވެންޓުގައި އެމްއެންޔޫގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާ ސަރުކާރުގެ މުއައްސަސާތައް ހިމެނޭގޮތަށް 30އަށް ވުރެ ގިނަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
އެމްއެންޔޫއިން ބުނީ މި ފެސްޓިވަލްގެ މަގުސަދަކީ، އާއްމުންނާ ހިސާބަށް ނުފޯރާ ހުރި އެކި ކަހަލަ ފުރުސަތުތަކާއި ބްރޭންޑުތައް އާއްމުންނާ ހަމައަށް ގެންގޮސްދޭނެ މަގެއް ފަހި ކޮށްދިނުމާއި ރާއްޖޭގައި ހުރި އެކި ކަހަލަ ސިނާއީ ފުރުސަތުތަކާއި އެއާގުޅޭ ކަންކަމުގައި ހުނަރުވެރިން ބިނާކުރަން އަހުލުވެރި ކުރުން ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައްޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުސަތުތައް އާއްމުންނަށް ދައްކާލުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް، އެމްއެންޔޫ މެދުވެރިކޮށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.