30 May 2022, 17:40
ރާއްޖޭގެ ސްކޫލުތަކުގައި ޓީބީ ބަލި ފެތުރޭ ކަމަށް ދެކެވޭ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.
ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ޓީބީ ފެތުރެމުންދާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރުމާ ގުޅިގެން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ، އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރެއް ކަމަށެވެ.
އެފަދަ ޚަބަރު ތަކުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭނެތީ، އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
"ހެލްތް ޕްރޮޓެކްޝަން އޭޖެންސީ [އެޗްޕީއޭ] އިން ކުރިއަށް ގެންދާ 'ޓިއުބާކްލޯސިސް [ޓީބީ] އެލިމިނޭޝަން ޕްރޮގްރާމް' ގެ ދަށުން، އެޗްޕީއޭ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލުތަކުގެ ދަރިވަރުން ޓީބީ ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމަކީ ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް،" މިނިސްޓްރީގެ ނޫސްބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ މި އަހަރުވެސް އެ ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.
ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މިނިސްޓްރީން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ ކަން ކަމަށާއި އެކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް މިނިސްޓްރީން ވަނީ ދީފައެވެ.