31 May 2022, 09:40
މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ޑެންގީ ބައްޔަކީ މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. ޑެންގީ ހުން ފެތުރެނީ އީޑީސް އެޖިޕްޓިއާ ކިޔާ އަންހެން މަދިރިއެއްގެ ސަބަބުންނެވެ.
ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑެންގީ އިންފެކްޝަންގެ އެތައް މިލިއަން ކޭސްތަކެއް ފެނެއެވެ. ޑެންގީ ހުމުގެ ކޭސްތަށް އެންމެ އާންމުވަނީ ދެކުނު އިރުމަތީ އޭޝިއާ، ހުޅަނގު ޕެސިފިކް، ލެޓިން އެމެރިކާ އަދި އެފްރިކާގައެވެ. ނަމަވެސް މިހާރު ޔޫރަޕާއި އެމެރިކާގެ ދެކުނުގެ ސަރަހައްދުތަކުގައި ވެސް މި ބަލީގެ އައުޓްބްރޭކްތައް ވަނީ ފެންނަން ފަށާފައެވެ.
ޑެންގީ ޖައްސާ ހަތަރު ވައިރަހެއް ހުރެއެވެ. ނަމަވެސް އެއީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. ޑެންގީ ފެތުރެނީ، އީޑީސް މަދިރިއެއް، ބަލި ޖެހިފައިވާ މީހެއްގެ ލޭ ބޮއެގެން ގޮސް އެހެން މީހެއްގެ ގައިގައި ހެފުމުންނެވެ.
ވިއްސާރަ މޫސުމަކީ ޑެންގީ ހުމުގެ ކޭސްތައް އެންމެ ގިނަވާ ދުވަސްވަރެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ޑެންގީ ހުމަކީ އާންމު ޞިއްޙަތަށް އޮތް އެންމެ ބޮޑު ދިހަ ނުރައްކަލުގެ ތެރޭގައި ހިމެނޭ ބައްޔެއް ކަމަށް ކަނޑައަޅާފައެވެ.
ޑެންގީ ހުން ޖެހުމުން ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނި ހިނގައިދާނެއެވެ. ނަމަވެސް އާންމު ގޮތެއްގައި ޑެންގީ ހުުމުގެ އަލާމާތްތަކަކީ ދެނެގަނަން ފަސޭހަ އަލާމާތްތަކެކެވެ. އާންމު ގޮތެއްގައި ގައިގައި މަދިރި ހަފާތާ ހަތަރު ދުވަހާއި ދިހަ ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.
އޭގެ ތެރޭގައި ގަދައަށް ހުން އައުން، ބޮލުގައި ރިއްސުން، ގައިގައާއި ހުޅުތަކުގައި ރިއްސުން، ހޮޑުލުން، ލޮލަށް ތަދުވުން، ގައިގެ މަސްގަނޑު ދުޅަވުން ފަދަ އަލާމާތްތައް ހިމެނެއެވެ.
މި ބަލި އިތުރަށް ގޯސްވަނީ ހުން ގަދަވެ، ލޭހޮޅިތައް ހަލާކުވެ، ޕްލޭޓްލެޓް މަދުވުމުންނެވެ. މި ކަމުގެ ނަތީޖާއެއްގެ ގޮތުން ޝޮކް ޖެހި، އެތެރެހައްޓަށް ލޭ އެޅި، ހަށިގަނޑުގެ ގުނަވަންތައް ފެއިލްވެ، ފުރާނައަށް ނުރައްކާވެއެވެ.
މި ބަލި އިތުރަށް ގޯސްވާނަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި:
ގަދައަށް ބަނޑުގައި ރިއްސުން
- ހޮޑުލުން އިތުރުވުން
- އަވަސް އަވަހަށް ނޭވާލެވުން
- ބޮޑުކަމުދާއިރު އަދި ހޮޑުލާއިރު ލޭ އައުން
- ހިރުގަނޑުން އަދި ނޭފަތުން ލޭ އައުން
ޑެންގީ އިންފެކްޝަން އެކި ގޮތްގޮތުން ދެނެގަނެވޭނެއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ވެސް ލޭގެ ސާމްޕަލެއް ބޭނުންވާނެއެވެ.
ސައިންސުވެރިން ދަނީ ޑެންގީން ރައްކާތެރިވުމަށް ޖެހޭނެ ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ. އެގޮތުން ޑެންގީ އާންމުކޮށް ފެތުރޭ ބައެއް ސަރަހައްދުތަކުގައި ނުވަ އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް ދެވިދާނެ ވެކްސިނަކަށް މިވަގުތު ޑަބްލިޔުއެޗްއޯއިން ވަނީ ހުއްދަ ދީފައެވެ.