އުސް ފަސްގަނޑުގައި ވެސް ލޮނުޒިޔާރަތްކޮޅުގައި ހަރަކާތްތެރިވި ގޮތަށް ޓެންޓު ޖަހައިގެން ސިޔާސީ ހަރަކާތްތަށް ފަށައިގަންނާނެ ކަމަށާއި ލޮނުޒިޔާރަތްކޮޅު މައްސަލައިގައި ކޯޓުން އެމްޑީޕީ ކޮޅަށް ނިމިއްޖެނަމަ އަލުން ލޮނުޒިޔާރަތްކޮޅުގައި ކޭމްޕް ޖަހާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ދަރުބާރުގޭގެ އުސް ފަސްގަނޑުގައި ވެސް ހަރަކާތްތައް ހިންގާނީ އިންސާފުގެ ދަތުރުގެ ކޭމްޕް ހިންގި ގޮތަށް ޓެންތްތައް ޖަހައިގެން ކަމަށެވެ. ނަމަވެސް ޓެންޓް ޖަހަނީ ކޮން ދުވަހަކުން ކަމެއް ވިދާޅެއް ނުވެއެވެ.

މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް އުސް ފަސްގަނޑު ދޫކޮށްފައި ވަނީ ތިން މަސް ދުވަހަށެވެ. ނަމަވެސް އެކަމަށް ދެކޮޅު ހަދައި ސަރުކާރުން ބުނެފައި ވަނީ އުސް ފަސްގަނޑުގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގައިގެން ނުވާނެ ކަމަށެވެ.

އިންތި ވިދާޅުވީ ލޮނުޒިޔާރަތް ކޮޅުގައި އެމްޑީޕީން ޖެހި ޓެންޓްތައް ރޫޅާލައި ފުލުހުން އެ ސަރަހައްދުގައި ހުރި ތަކެތި ގެންދިޔަ މައްސަލައިގައި އެޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ، އިންސާފުން ކަމެއް ނިންމާ ކަމަށް ވަންޏާ އެމްޑީޕީ އަށް ކާމިޔާބު ވާނެ ކަމަށެވެ.

އަވަސް އިންތިޚާބަކަށް ދާން ގިނަ ރައްޔިތުން ބޭނުން ނުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވުމުން އެކަމަށް ވެސް އެމްޑީޕީން ފާޑު ކިޔެވެ. އިންތި ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އަވަސް އިންތިޚާބެއް ބާއްވަން ކަމަށާއި ރައީސް ވަހީދު މިއަދު އެގޮތަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބަހާ ދެކޮޅަށް ކަމަށެވެ.

"[ރައީސް] ވަހީދު ވިދާޅުވި ކަމަށް ވަނީ ދިވެހި ރައްޔިތުން ބޭނުމެއް ނުވެޔޭ އިންތިޚާބެއް. މުޅި ގައުމުގެ ރައްޔިތުން ބުނާ އެއްޗަކާއި އިދިކޮޅު ވާހަކައެއް އެއީ،" އިންތި ވިދާޅުވި އެވެ

ރައީސް ވަހީދު މިއަދު މުލިއާގޭގައި ރައްޔިތުންނާއި ބައްދަލުކުރެއްވި ކުރުމަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އިންތި ވިދާޅުވީ ރައީސް ވަހީދާއި ބައްދަލުކުރެއްވުމަށް މުލީއާގެއަށް މިއަދު ދިޔައީ އެމަނިކުފާނަށް ސަޕޯޓުކުރާ މަދުބަޔެއް ކަމަށެވެ. އެމީހުން އެތަނަށް ދިޔައީ ރައީސް ވަހީދު ސިޓީ ފޮނުވައިގެން ކަމަށް ވެސް އިންތި ވަނީ ތުހުމަތު ކުރައްވާފައެވެ.

"މަދުބަޔަކު ހާޒިރުވީ ސިޓީ ފޮނުވައިގެން. އެތަނަށް 100 މީހުން ވެސް ހާޒިރުވި ކަމެއް ނޭނގޭ،" އިންތި ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ ރައީސާ ބައްދަލު ކުރެއްވުމަށް މިއަދު 10:00 ން 11:30 އަށް ހުޅުވާލި ފުރުސަތުގައި 700 އަށް ވުރެ ގިނަ މީހުން ދިޔަ ކަމަށެވެ.