19:00


"ނިއު ބްލަޑް ފޯ ދި ވޯލްޑް"ގެ ތީމްގެ ދަށުން ބޭއްވި ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ދީފި އެވެ.


އެތުލެޓިކްސް އެސޯސިއޭޝަނާއި ދިރާގު ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް މިއަހަރު ބާއްވާފައިވަނީ ލޮނުޒިޔާރަތްކޮޅު ރާޅު ގަނޑު ސަރަހައްދުގަ އެވެ. މިއަހަރުގެ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމް ދެއްވީ ޔޫތު މިނިސްޓަރ އަލްއުސްތާޒު ހަސަން ލަތީފާއި، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އާއި އަދި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މައިޒާން އަލިމަނިކެވެ.


މިފަހަރުގެ ބްރޯޑް ބޭންޑް ރޯޑް ރޭހުގައި ވެސް ވަނީ ތަފާތު ކެޓަގަރީތަކުން ވަނަތައް ހޮވާ އެ ފަރާތްތަކަށް އިނާމް ދީފަ އެވެ. އެގޮތުން ޕްރޮފެޝަނަލް ކެޓަގެރީން އަންހެން ފިރިހެން ހޮވާ ވަނަ ވަނަ އަށް އައި ފަރާތްތަކަށް ވަނީ ތައްޓާ ފައިސާގެ އިނާމް ދީފަ އެވެ. އަދި 40 އަހަރުން މަތިން އަންހެން ފިރިހެން، އަދި 40 އަހަރުންދަށުގެ އަންހެން ފިރިހެން ހޮވާ އެފަރާތް ތަކުގެ ތެރެއިން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ ފައިސާގެ އިނާމް ދީފަ އެވެ.


މީގެ އިތުރުން ވެސް ކޮންމެ އަހަރަކުވެސް ހޮވާ އެންމެ މުސްކުޅި ބައިވެރިޔާ އާއި އެންމެ ޒުވާން ބައިވެރިޔާ އަށް ވަނީ ތިން ހާސް ރުފިޔާގެ ވައުޗަރ ދީފަ އެވެ. އެގޮތުން މި ފަހަރުގެ އެންމެ ޒުވާން ބައިވެރިއަކަށް ހޮވިފައި ވަނީ މަރިޔަމް ހަޝްމާ ހާނިމެވެ. އަދި އެންމެ މުސްކުޅި ބައިވެރިއަކަށް ހޮވިފައިވަނީ އަބުދުލް ލަތީފެވެ.


ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސް ކުރިއަށް ދިޔައިރު އެސަރަހައްދުގައި ވަނީ ކުޑަކުދިންނަށް ހާއްސަ ހަވީރެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިއުޒިކާއި ފޭސް ޕެއިންޓިން ފަދަ ތަފާތު ހަރަކާތްތައް ވަނީ ކުރި އަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ވެސް ލޭގެ ޕަރެޝަރާއި ހަކުރު ޗެކް ކުރެވޭ އިންތިޒާމް ވަނީ އެހަވީރުގައި ހަމަޖައްސައިފަ އެވެ. އަދި ލޭ ހަދިޔާކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.


ވަރުނުލާ ރާޅު ގަނޑު ސަރަހައްދުން ފެށި އެ ރޭހުގައި 45 މިނިޓް ތެރޭ މާލެ ވަށާ ކޮންމެ ބައިވެރިއަކު ވެސް ބުރެއް ޖަހަން ޖެހެ އެވެ.