31 May 2022, 16:52
އިންޑިއާގެ ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ސިދޫ މޫސޭ ވާލާގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.
އިންޑިއާގެ ހުޅަނގު އުތުރުގައި އޮންނަ ޕަންޖާބުގެ އަވަށެއް ކަމަށްވާ މަންސާގައި ކާރަކުން ދަނިކޮށް ސިދޫ މޫސޭ ގަޔަަށް ބަޑި ޖަހާ މަރާލާފައި ވަނީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އުމުރުން 28 އަހަރުގެ ޝުބްދީޕް ސިންގް ސިދޫ އާންމު ނަމުންނަމަ ސިދޫ މޫސޭ ވާލާއަށް ހަމާލާ ދިނުމާއެކު އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިދޫ މޫސޭ މަރާލުމުގެ އެއް ދުވަސް ކުރިން ޕަންޖާބު ސަރުކާރުން ވަނީ މޫސޭ ވާލާ ހިމެނޭ ގޮތަށް، 400އަށް ވުރެ ގިނަ މީހުންނަށް ސެކިއުރިޓީ ފޯރުކޮށްދޭ މިންވަރު މަދުކޮށްފައެވެ.
ޕަންޖާބުގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ވީކޭ ބަވޯރާ ވަނީ އެއީ ސިދޫ މޫސޭގެ މަރާ، ގޭންގުތަކާ ގުޅުމެއްވާ ކަމަށް މިހާތަނަށް ހޯދިހޯދުމުން ލަފާ ކުރެވޭ ކަމަށް ވިދާޅުވެފައެވެ.
ޕަންޖާބުގެ ޗީފް މިނިސްޓަރު ބަގަވަންތު މަން ވަނީ އެ މައްސަލާގައި ކުށްވެރިވާ އެންމެން ހޯދާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ރާހުލް ގާންދީ ވަނީ މޫސޭ ވާލާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ޓުވީޓެއް ކުރައްވާފައެވެ.
"ކޮންގްރެސްގެ އުންމީދީ ލީޑަރެއް އަދި ހުނަރުވެރި އާޓިސްޓެއް ކަމަށްވާ މޫސޭ ވާލާގެ މަރާއެކު ވަރަށް ބޮޑު ހައިރާންކަމަކާއި ހިތާމައެއް ލިބުނު،" އޭނާ ވިދާޅުވިއެވެ.
މޫސޭ ވާލާ ކޮންގްރެސް ޕާޓީއާ ގުޅުނީ މިދިޔަ އަހަރެވެ. އޭނާ ޕަންޖާބުގެ ގާނޫނު ހަދާ މަޖިލިސް އިންތިޚާބުގައި ވާދަ ކުރި ނަމަވެސް އެ އިންތިޚާބުން އޭނާ ނާކާމިޔާބުވިއެވެ.
މޫސޭ ވާލާއަކީ މަޝްހޫރު ލަވަތަކެއް ނެރެފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާގެ ފުރަތަމަ އަލްބަމް 2018 ވަނަ އަހަރު ކެނެޑާގެ ބިލްބޯޑް ޗާޓަށް ވެސް އެރިއެވެ.