30 May 2022, 15:44
ދިވެހިރާއްޖޭގައި ކުނި މެނޭޖް ކުރުމުގެ ކަންކަން މިއަދު ވެސް އޮތީ ހަތަރު ވަނަ ގަރުނުގައި ގްރީކް މީހުން އެކަން ކުރި ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހެޅުއްވި ކުނި މެނޭޖްކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ ކުނި މެނޭޖް ކުރުމުގެ މައްސަލައަކީ އެންމެ ކުރިން ފެށިގެން ވެސް އޮތް ބޮޑު މައްސަލައެއް ކަމަށެވެ.
މެންބަރު ސަލީމް ވިދާޅުވީ ހަތަރުވަނަ ގަރުނުގެ ތެރޭގައި ގަދީމީ ގްރީކް މީހުން ކުނި މެނޭޖްކުރީ ޝަހަރުގެ ތެރޭގައި އުފެދޭ ކުނި ޖަމާކޮށް ޝަހަރުން ބޭރުގައި ހަދާފައި ހުންނަ ވަޅުގަނޑަކަށް އަޅައިގެން ކަމަށެވެ.
"18 ވަނަ ގަރުނާ ހަމައަށް އައި އިރުގައި ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި އެތަންތާންގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށައިފި. ވިހި ވަނަ ގަރުނާ ހަމައަށް އައި އިރު ޒަމާނީ އިންގިލާބުތައް އަޅުގަނޑުމެންނަށް ފެންނަން ފަށައިފި،" މެންބަރު ވިދާޅުވިއެވެ.
ސަލީމް ވިދާވުވީ އިންސިނެރޭޝަން ފަދަ މުހިއްމު ޓެކްނޮލޮޖީތައް އުފައްދާ ސެނިޓަރީ ލޭންޑްފިލްތައް ޑިޒައިންކޮށް، ޚިދުމަތް ވަރަށް ރަނގަޅަށް ތަރައްގީވަމުން އައިސް، މިއަދު ކުންޏަކީ ބައެއް ގައުމުތަކުގައި އަގުހުރި ވަސީލަތެއް ކަމަށެވެ.
"ސިންގަޕޫރަށް ބައްލަވާ. ސްވިޑެންއަށް ބައްލަވާ. އެގައުމުތަކުގައި ކުނި މިއަދު އެ ބޭނުންކުރަނީ އެގައުމުތަކަށް ބޭނުންވާ ކަރަންޓުގެ ބޮޑު ބައެއް އުފެއްދުމަށް. ސްވިޑެންގައި ކުންޏަކީ އިމްޕޯޓުކުރެވޭ އަގުބޮޑު މުދަލެއް. ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރު އިނގިރޭސިވިލާތުން 1.6 މިލިއަން ޓަނުގެ ކުނި ސްވިޑެންއިން ގަނެފަވޭ،" ސަލީމް ވިދާޅުވިއެވެ.
މިހިސާބަށް ކުނީގެ ކަންކަން މެނޭޖްކުރަމުން އައި އިރުގައި މިދެކޭ 21 ވަނަ ގަރުނުގައި ދިވެހި ރާއްޖެ އަދިވެސް އޮތީ ހަތަރުވަނަ ގަރުނުގައި ގްރީކް އޮތް ހިސާބުގައި ކަމަށް މެންބަރު ވިދާޅުވިއެވެ.
"ވަރަށް އާދައިގެ ލެވެލްގައި ރާއްޖޭގެ ވޭސްޓް މެނޭޖްމަންޓް ދާއިރާ މިއޮތީ. އަޅުގަނޑުމެން ހަގީގަތް ގަބޫލުކުރާނަމަ ދަންނަވަން ޖެހެނީ އެއްވެސް ސަރުކާރަކުން މިހާތަނަށް މި މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ނުދިނުން،" މެންބަރު ވިދާޅުވިއެވެ.
މިސަރުކާރު އައި އިރު ވާރުތަވި ދެކަމެއްގެ ތެރޭގައި، ދަރަންޏާއި ކުނީގެ މައްސަލަ އެބައޮތް ކަން ފާހަގަ ކުރައްވާ މެންބަރު ވިދާޅުވީ އެކަމުގެ ހެތްކަކީ ދިވެރި ރާއްޖޭގެ 15 ރަށް ސާފުކޮށް ނިމުނު އިރު 29،509 ޓަނުގެ ކުނި އެއް ރަށުން އަނެއް ރަށަށް އުފުލަން ޖެހުން ކަމަށެވެ.
މިކަމަށް 51 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮށްފި ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. އަދި މި އުނދަގޫ ދަތި މަސައްކަތް ފެށުމައްޓަކައި ސަރުކާރުން މިހާރުވެސް އެތަކެއް ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް މެންބަރު ސަލީމް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅިގެން މިދާ ބިލަކީ ވެސް މިގޮތުން އެޅޭ ވަރަށް ހަރުދަނާ ރަނގަޅު ފިޔަވަޅެއް. ކުނި މެނޭޖްކުރުމަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް އައު ގާނޫނުގެ ޒަރިއްޔާއިން ހައްލުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން."
މެންބަރު ވިދާޅުވީ އެ ބިލު ގާނޫނެއްގެ ގޮތުގައި ތަންފީޒު ކުރުމަށްޓަކައި ކައުންސިލްތަކަށް އެކަށީގެންވާ އަދަދެއްގެ މުވައްޒަފުން ބޭނުންވާނެ ކަމަށާއި އެމީހުންނަކީ އެކަށިގެންވާ ތަމްރީނުތަކެއް ލިބިފައިވާ ބަޔަކަށް ވެސް ވާންޖެހޭނެ ކަމަށެވެ.
އެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ކައުންސިލްތަކަށް އެކަށީގެންވާ ރަނގަޅު މިންވަރަކަށް ފައިސާ ބޭނުންވާނެ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ. މީގެ އިތުރުން ސަބްސިޑީ ދެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުނި މެނޭޖް ކުރުމުގެ ނިޒާމަކީ ހަމައެކަނި ފީގެ މައްޗަށް ބަރޯސާވެގެން ހިންގާ ނިޒާމެއް ގޮތަށް ދެކިއްޖެ ނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވިއެވެ.