ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖަޕާނަށާއި، ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދެ ސަފީރަކު އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މީގެ ތެރޭގައި ޖަޕާނުގެ ސަފީރުގެ މަގާމަށް ގ. ފިޔާތޮށިގެ ޙަސަން ޞާބިރު ހަމަޖައްސަވައި، ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރުކަމުގެ މަގާމަށް ހ. ހިކިފިނިފެންމާގެ އުމަރު ޢަބްދުއްރައްޒާޤު ވަނީ އައްޔަނު ކުރައްވާފައެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ހަމަޖެއްސެވި، ޙަސަން ޞާބިރު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ޙަސަން ޞާބިރަށާއި، ޢުމަރު ޢަބްދުއްރައްޒާޤަށް މަގާމުގެ ފަތްކޮޅު ދެއްވާފައެވެ.

ޙަސަން ޞާބިރު މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރީން އޭނާ ހުންނެވީ ބެލްޖިއަމްއާއި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

ޙަސަން ޞާބިރު ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވައި ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.

ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް ހަމަޖެއްސެވި، ޢުމަރު ޢަބްދުއްރައްޒާޤު -- ފޮޓޯ/ ރައީސް އޮފީސް

ޢުމަރު ޢަބްދުއްރައްޒާޤު މި މަގާމަށް އައްޔަމުކުރެއްވުގެ ކުރިން ރައީސް، ވަނީ ޢުމަރު ޢަބްދުއްރައްޒާޤު ކުރިން ހުންނެވި މަގާމުކަމުގައިވާ ސްރީ ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން އޭނާ ވަކިކުރައްވާފައެވެ.

ޢުމަރު ޢަބްދުއްރައްޒާޤު ކިންގްޑަމް އޮފް ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.