22 Mar 2012, 19:53
މާލޭގައި މިހާރު ހިންގާ ހަމަނުޖެހުންތައް ހިންގުމާއި، ސިފައިންނާއި ފުލުހުންނަށް ދޭ ހަމަލާތައް ރާވާ ހިންގުމުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތު ކުރާ މީހާ، އަމިއްލައަށް ގޮސް މިއަދު ފުލުހުންނާ ހަވާލު ވެއްޖެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ ހ. ހެދޭތުނޑި، ޝިޔާން ޝަފީގް (ޝިޔަޅޭ) އަމިއްލައަށް ފުލުހުންނާއި ހަވާލުވީ މިއަދު އިރުއޮއްސި 6:30 އެހާކަން ހާއިރު ކަމަށެވެ. ޝިއަޅޭ ފުލުހުންނާއި އަމިއްލައަށް ހަވާލުވެފައި ވަނީ އޭނާ ހޯދަން ފޮޓޯއާއެކު އާންމުކޮށް އިއުލާން ކޮށްފައި ވަނިކޮށެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ރައީސް ޑރ. ވަހީދަށް ރިޔާސީ ބަޔާން އިއްވެވުމާ ދެކޮޅަށް އެމްޑީޕީން ކުރި މުޒާހަރާގައި ތޫނު ހަތިޔާރު ހިފައިގެން ނުކުމެ ފުލުހުންނާއި ސިފައިންނަށް ބިރުދެއްކި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ކަމަށެވެ. އަދި އޭނާ އަކީ މާރާމާރީއާ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އޭނާ އަކީ މީގެކުރިން ވެސް ފުލުހުންގެ ތަހުގީގަގަށް ހޯދަމުން ދިޔަ މީހެއް ކަމަށެވެ.