ކުޑަދަރިފުޅު ދުޅަހެޔޮ ސިއްޙަތެއްގައި ހެދިބޮޑުވުމަށްޓަކައި ހަށިގަނޑަށް ފައިދާހުރި ކާނާ ކާންދިނުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ބައެއް ކުދިންނަށް ކާންދިނުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ކުޑަކުދިންނަށް ކާންދިނުމަށް އުނދަގޫވާ ބައެއް ސަބަބުތަކުގެ ތެރޭގައި އެކުދިން ހަމައެކަނި އެކުދިންނަށް ކަމުދާ ކާތަކެތި ކާން ބޭނުންވުމާއި، އެކުދިން ކެއުމަށް ބެލެނިވެރިން މާބޮޑަށް ޕްރެޝަރު ކުރުމާއި، ކެއުމުގެ ތެރޭގައި "ސެމީ-ސޮލިޑް ފުޑް" ހިމެނުން ލަސްވާތީއެވެ.

ކުޑަކުދިން ކެއުންމަތިން ފޫހިވާ ސަބަބުތަކަކީ ކޮބާ؟

ބޮޑެތި މީހުންނާ އަޅާ ބަލާއިރު ކުޑަކުދިން ފޮނި ތަކެތި ކެއުމަށް ބޭނުންވާ މިންވަރު ބޮޑެވެ. ސަބަބަކީ ކުޑަކުދިން ދުނިޔެއަށް އުފަންވާއިރުވެސް ގުދުރަތީ ގޮތުން ފޮނި ތަކެއްޗަށް ލޯބި ކުރާތީއެވެ. ގިނަ ހާލަތްތަކުގައި ސިއްހަތަށް ފައިދާހުރި ތަރުކާރީ އާއި މޭވާގެ ބަދަލުގައި މެޓާ އަދި ޗޮކޮލެޓްފަދަ ފޮނި ތަކެތި ކާން ބޭނުންވެއެވެ. އެހެންކަމުން ތަރުކާރީ ފަދަ ކެއުންތައް ނުކެއުމަށް އެ ކުދިން ބޮޑާހާކައެވެ. ނަމަވެސް އެކުދިން ހެދިބޮޑުވަމުން ދާވަރަކަށް ތަފާތު ރަހަތަކަށް ހޭނި، ހުތް ނުވަތަ ހިތި ކެއުންތަކަށް ލޯބިކުރަން ފަށާނެއެވެ.

ކުދިންނަށް ކާން ތައްޔާރުކުރާ ކާނާގެ ބަދަލުގައި ޕާނާއި ކޭކާއި ބިސްކޯދު ފަދަ ތަކެތި އެ ކުދިން ބޭނުންވާ ކަމުގެ ވާހަކައަކީ ގިނަ ބެލެނިވެރިން ދައްކާ ވާހަކައެކެވެ. މިކަމުގެ ސަބަބަކީ ކުޑަކުދިން ވަކި ބާވަތެއްގެ ކާބޯހައިޑްރޭޓްސް އެކުލެވޭ ކެއުންތަކަށް ލޯބި ކުރާތީއެވެ. ކާބޯހައިޑްރޭޓްސްއިން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބޭނެއެވެ.

މީގެ އިތުރުން އެ ކާނާތަކަކީ ހެފުމަށާއި ދިރުވަން ފަސޭހަ ކާނާތަކަށް ވާތީ ވެސް ކުޑަކުދިން އެފަދަ ކާނާ ކާން ބޭނުންވެއެވެ.

ކުޑަކުދިންނަށް ކާންދޭއިރު ސަމުސަލުން ކާންދިނުމަކީ އެކުދިން ކެއުންމަތިން ފޫހިވާކަމެކެވެ. ނަމަވެސް ކާއެއްޗެހި ތައްޓަށް އަޅާ އެކުދިންގެ އަމިއްލަ އަތުން ކެއުމަށް ދޫކޮށްލުމަކީ ރަނގަޅު ކަމެކެވެ.

ކުޑަކުދިން ކެއުންމަތިން ފޫހިވުމުން ދުރުކޮށްދޭނެ ކަންތައްތަކަކީ ކޮބާ؟

ކުޑަކުދިން ކާ ގާޑިގައި ބޮޑާހާކާ ނުކެއުމަކީ ގިނަ ބެލެނިވެރިން ކަންބޮޑުވާކަމެކެވެ. ސަބަބަކީ ރަނގަޅަށް ނުކެވުމުގެ ސަބަބުން އެކުދިންގެ އިސްކޮޅަށާއި ބަރުމިނަށް އަސަރުކުރާތީއެވެ.

މިކަމަށް ހައްލެއް ގެނެއުމަށްޓަކައި ކެއުމުގެ ވަގުތުތަކެއް ކަނޑައަޅާފައި ހުރުމަކީ މުހިންމު ކަމެކެވެ. ދުވާލަކު އެއްފަހަރު ސިއްހަތަށް ފައިދާހުރި ކާނާއެއް އެކުދިންގެ ކެއުމުގެތެރެއަށް ތައާރަފް ކުރުމަކީ މުހިންމުކަމެކެވެ. އަދި އެ ކުދިން އެ ކާނާއަށް ހޭނެންދެން މި ކެއުން ތަކުރާރު ކުރާށެވެ.

ފޯނު، ޓީވީ ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް، ކާ ވަގުތުގައި ދިނުމުގެ ބަދަލުގައި އާއިލާ މީހުންނާ އެއްކޮށް ކެއުމަށް އާދަކުރުމަކީވެސް މުހިންމުކަމެކެވެ.