30 May 2022, 11:41
ޖަޕާން ސަރުކާރުން ރާއްޖެއަށްދޭ ބެޗްލާސް އަދި މަސްޓާސް ޑިގްރީގެ ސްކޮލަޝިޕްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ ފަރާތުން ދޭ "ޖަޕަނީސް ގަވަމެންޓް ސްކޮލަޝިޕް 2023"ގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާން ޔުނިވާސިޓީތަކުގެ ގްރެޖުއޭޓް ސުކޫލުތަކުގައި ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އެ ސްކޮލަޝިޕްތަކުގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ޖަޕާނުންނެވެ. އަދި މި ސްކޮލަޝިޕަށް ކެނޑިޑޭޓުން ހޮވުމަށް އެޕްލިކޭޝަން ރިވިއުކޮށް، ޓެސްޓު އަދި އިންޓަވިއު މަރުހަލާއަށް ކުދިން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގައެވެ. މި ޓެސްޓު އަދި އިންޓަވިއު އޮންނާނީ ވެސް އެ އެމްބަސީގައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޮލާޝިޕްތަކަށް ހޮވޭ މީހުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ ތަނަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެކްކިއުއޭ)އިން ގަބޫލުކުރާ އިންސްޓިޓިއުޓެއް ކަމާއި ހޮވިފައިވާ ކޯހަކީ އެމްކިއުއޭއިން ގަބޫލުކުރާ ކޯހެއް ކަން ކަށަވަރު ކުރުމަށް އެދިފައެވެ.
މީގެ އިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގެ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ މީހުން ވެސް އެކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އެ ސްކޮލަޝިޕްތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 15އާ ހަމައަށެވެ.