އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އެ މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ކޮންގްރެސް ބާއްވާ ތާރީޚު ފަސްކޮށްފައިވާއިރު އެޕާޓީގެ ދަފްތަރުގައި ތިބި މެންބަރުން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ޖެހެން ތިން މަސް ދުވަސް ދިނުމަށް ވެސް ފާސްކޮށްފައިވެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަދި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު ޢަލީ ނިޔާޒު، "ސަން"އަށް މިއަދު ވިދާޅުވީ ދަފްތަރުގައި ނަން އޮތްކަން ފުރަތަމަ 30 ދުވަހުގެ ތެރޭގައި ޔަގީންވާ މީހުންނަށް ކޮންގްރެސްގައި ބައިވެރިވެވޭނެ ކަމަށް ރޭގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ--- ފޮޓޯ/ އެމްޑީޕީ

"ދަފްތަރުން ވަކިވެފައި އޮތް ކަމަށް ރެެކޯޑްތަކުން އެބަ ދައްކާ 30،000އަށް ވުރެ ގިނަ މީހުން. ރޭގެ ޖަލްސާގައި މި ފުރަތަމަ 30 ދުވަހުގެ ތެރޭގައި ސާފުވާ މީހުންނަށް ކޮންގްރެސްގައި ބައިވެރިވެވޭ ގޮތަށް،" ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ އެ ޕާޓީގެ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ގާނޫނަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ސަބަބުން އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި ނެތް މީހުން ކަމަށެވެ.

"ގާނޫނަށް ގެނައި ބަދަލާއެކު އީސީގެ ދަފްތަރުން އުނި ކޮށްފައިވާ މެންބަރުންނާ މެދު އަމަލުކުރާނެ ގޮތް ކުރިއަށް އޮތް ތިން މަސް ދުވަހު ނިންމާނެ،" އޭނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އެގޮތަށް އަމަލު ކުރުމަށް ހުށަހެޅުއްވީ އިބްރާހީމް ވަހީދެވެ. އިބްރާހިމް ވަހީދުގެ އެ ހުށަހެޅުމަށް ޖަލްސާގައި ބައިވެރިވި 90 މެންބަރުންގެ ތެރެއިން 70 މެންބަރުން ވަނީ ތާއީދު ކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށް އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާފައިވާއިރު ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވެއެވެ.