މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ލިބޭ ދަރިވަރުނަށާއި ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ސްކޮލާޝިޕަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުންނަކީ ރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީސީސީ އޭ ލެވެލްގެ ތިން މާއްދާއިންނާއި އެޗްއެސްސީ ގެ ދިވެހި އަދި އިސްލާމް، މި ދެ މާއްދާއިން "އޭ ސްޓާ" ހާސިލުކޮށްފައިވާ ދަރިވަރުންނެވެ.

ނުވަތަ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލް، މަދަރުސާ އަކުން ޝަހާދާ ސާނަވީ ނިންމައި ހުރިހާ މާއްދާއަކުން "އޭ ސްޓާ" ހާސިލުކޮށްފައިވާ ދަރިވަރުންނެވެ.

މި ދަރިވަރުން ބޭނުންވާ ދާއިރާއަކުން އަދި ބޭނުންވާ ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ވެސް ސަރުކާރުން ހަމަޖައްސައިދޭން ވަނީ ނިންމާފައެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަކީ ދިވެހިރާއްޖޭގެ ސްކޫލް މަދްރަސާތަކުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ޖީސީސީ އޭ ލެވެލްގެ ތިން މާއްދާއިންނާއި އެޗްއެސްސީގެ ދިވެހި، އިސްލާމް މި ދެ މާއްދާއިން "އޭ" ފާސް ހާސިލްކޮށްފައިވާ ދަރިވަރުންނެވެ.

މީގެ ތެރެއިން ކޮންމެ ދަރިވަރަކު ވެސް އެ ދަރިވަރަކު ބޭނުންވާ ދާއިރާއަކުން އަދި ބޭނުންވާ ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

ސްކޮލާޝިޕް ލިބޭ މި ދަރިވަރުން ތަމްރީނުވާން ޖެހޭ ދާއިރާއަކުން ކަނޑައެޅިފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު ވެސް ސަރުކާރުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމާފައެވެ.