މިއަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރަށް ހަމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ މެންދުރުފަހު 2:00އެވެ.

ޤައުމީ އިނާމަށް މިއަހަރު ވެސް ހުޅުވާލާފައިވަނީ މައިގަނޑު 34 ދާއިރާއަކުންނެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ދާއިރާތަކާ ގުޅޭގޮތުން އިނާމާ ބެހޭ ކޮމިޓީގައި ވަނީ މަޝްވަރާ ކުރެވި ކަމާބެހޭ ފަރާތްތަކުގެ ހިޔާލުހޯދާފައެވެ. އެގޮތުން ހިޔާލުތަކާ މަޝްވަރާތަކުގެ މަތިން އުސޫލަށް ގެންނަން ޖެހޭ ބަދަލުތައް ވަނީ ގެނެސްފައި ކަމަށް އެ އޮފީހުން ބުނެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެއެވެ.

ޤައުމީ އިނާމަށް ފޯމު ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމެޓީން ވަނީ އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އީމެއިލް މެދުވެރިކޮށް އަދި ޕޯޓަލް މެދުވެރިކޮށް ވެސް ޤައުމީ އިނާމަށް ފޯމު ހުށަހެޅޭނެެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރަސްމީ ގަޑީގައި ޤައުމީ އިނާމަށް ހުށަހަޅާ ފޯމު ދޫކުރާނެއެވެ. އަދި ސަރުކާރުގެ އޮފީހުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

މި އަހަރުގެ ޤައުމީ އިނާމަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗް 31 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރު 270 ފަރާތަކުން ޤައުމީ އިނާމަށް ފޯމު ހުށަހެޅިއެވެ.