22 Mar 2012, 18:01
ސަރަހައްދީ އެއާޕޯޓްތައް ހިންގަން ކުރީގެ ސަރުކާރުން ހަދާފައިވާ ކުންފުނިތައް އުވާލައި އެއް ކުންފުންޏެއްގެ ދަށައް ރީޖަނަލް އެއާޕޯޓްތައް ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ރައީސުލް ޖުމްހޫރިއްތާ ރައްޔިތުންގެ މަޖިލީހަށް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވަނީ އެއާޕޯޓްތައް ހަރުދަނާ ކުރުމަށް ރީޖަނަލް އެއާޕޯޓްތައް އެއްކުންފުންޏެއްގެ ދަށައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓާ ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވީ އޮޕަރޭޓް ކުރަމުން ގެންދާ އެއާޕޯޓްތަކުގެ ތެރެއިން ހަނިމާދޫ، ކައްދޫ އަދި ކާޑެއްދޫ އެއާޕޯޓް ހިންގުން ހަވާލުކުރުމަށް މަސައްކަތް ކުރަނީ މާލޭ އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ނޫނީ އައިލެންޑް އޭވިއޭޝަނާ ކަމަށާއި އައިލޭންޑް އޭވިއޭޝަންގެ ޕްރޮޕޯސަލް މިހާރު ވެސް ލިބިފައިވާ ކަމަށެވެ.
"އަނެއް ޕްރޮޕޯސަލް އަންނަ ހަފުތާގައި ލިބޭނެ. އޭރުން އަޅުގަނޑުމެން ބަލާފައި އެތަނުން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ބަޔަކަށް ހަވާލުކުރާނީ. ނޫނީ އެކި ތަންތަން ވަކިން ހަވާލުކުރާނީ. މީގެ ކުރިން އެގޮތަށް ހެދިފައި ހުރި ކުންފުނިތައް މަސައްކަތެއް ނުކުރޭ. ބޯޑުތައް ހުރީ ސިޔާސީ ގޮތުން ބަލައިގެން ނެގިފައި. ފަންނީ މީހުނެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ދެ ކުންފުނިން ރަނގަޅު ޕްރޮޕޯސަލެއް ހުށަނޭޅި ނަމަވެސް ރީޖަނަލް އެއާޕޯޓްތައް ހިންގުމަށް އާ ކުންފުންޏެއް އުފެއްދުމުގެ ހިޔާލު ގެންގުޅުއްވާ ކަމަށާއި ނަމަވެސް އެކަން ކުރައްވާނީ އެހެން ގޮތެއް ނެތް ނަމަ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުން މިހުރީ އާ ކުންފުންޏެއް ނަހަދާ އެ އެއާޕޯޓްތައް ހިންގަން. އެއީ އެންމެ ފަހުގެ އޮޕްޝަނަށް ވާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ދެ އެއާޕޯޓް ނޫނީ ތިން އެއާޕޯޓެއް މިއަހަރު ހުޅުވޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އެއީ ދަރަނަވަންދޫ އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓެވެ. މިނިސްޓަރު ވިދާޅުވީ އަލަށް ހުޅުވާ ރީޖަނަލް އެއާޕޯޓްތައް ވެސް ހަވާލުކުރާނީ ރީޖަނަލް އެއާޕޯޓްތައް އޮޕަރޭޓްކުރަން ހަވާލުކުރާ ކުންފުންޏަކާ ކަމަށެވެ.
ރީޖަނަލް އެއާޕޯޓްތަކަށް އަހަރެއްގެ މައްޗަށް 18 މިލިއަން ރުފިޔާ ލިބޭއިރު 40 މިލިއަން ރުފިޔާ ބަޖެޓުން ހޭދަކުރަންޖެހެ އެވެ. މިނިސްޓަރު ވިދާޅުވީ އެއާޕޯޓްތައް އެއް ކުންފުންޏެއްގެ ދަށައް ގެނައުމުން ވިޔަފާރީގެ އުސޫލުން އެތަންތަން އޮޕަރޭޓް ކުރެވޭނެ ކަމަށެވެ. އޭގެ ސަބަބުން ބަޖެޓުން ފައިސާ ހަރަދުނުކޮށް އެއާޕޯޓްތައް ހިންގޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އެއާޕޯޓް ކޮމްޕެނީ އައިލެންޑް އޭވިއޭޝަން. އެބޭފުޅުންގެ ތަޖުރިބާ އަދި ފަންނީ ބޭފުޅުން ތިބޭނެ. އެ ކުންފުނިތަކުން ހިންގަން ފެށީމައި ކޮމާޝިއަލީ [ވިޔަފާރީގެ އުސޫލުން] ހިންގޭނެ. އޭރުން އެބޭފުޅުން އަމިއްލައަށް އަޅުގަނޑުމެން ހޭދަނުކުރިޔަސް ދެ އަހަރެއްހާ ދުވަސްތެރޭ އޮޕަރޭޓް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.