ސިޔާސީ ހަރަކާތްތަކަށް އާޓިފިޝަލް ބީޗް ސަރައްދު ހޯދުމަށް ޕީޕީއެމުން އެދުމުން ބިން ދޫނުކޮށް އެމްޑީޕީއަށް އުސް ފަސްގަނޑު ދޫކުރި މައްސަލައިގައި މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރުމަށް ޕީޕީއެމް ނިންމައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ކައުސިލްމެންބަރު އަހްމަދު ސަލީމް ( މާޒު ސަލީމް ) ވިދާޅުވީ ޕީޕީއެމުން އާޓިފިޝަލް ބީޗް ސަރަހައްދު ހޯދުމަށް އެދުމުން އެ ސަރަހައްދު ދޫނުކުރެވޭނެ ކަމަށް ބުނެފައި އެމްޑީޕީއަށް އުސް ފަސް ގަނޑު ދިން މައްސަލަ ގާނޫނީ ވަކީލުންނާއި އެކު މިހާރު ދިރާސާ ކުރަމުންގެންދާ ކަމަށެވެ.

"އެމްޑިޕީއަށް މި އޮތީ ތިން މަސްދުވަހަށް އުސް ފަސްގަނޑު ދޫކޮށްފައި. އެހެންވީމަ އަޅުގަނޑުމެން މިހާރު މިދަނީ މިއީ މިކަން އޮންނަ ގޮތްތޯ ބަލަން. އަޅުގަނޑުމެންގެ ލޯޔަރުންނާއި ވާހަކަ ދައްކައިގެން މި މައްސަލަ ކޯޓަށް ހުށަހަޅަން ތައްޔާރުވަމުން. އަޅުގަނޑުން މި މައްސަލަ ކޯޓަށް ހުށަހަޅާނަން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އުސް ފަސްގަނޑު އެމްޑީޕީއަށް ދޫކޮށްފައިވަނީ ސިޓީ ކައުންސިލްގެ އުސޫލުތަކާއި ހިލާފަށް ކަމަށާއި އެއީ "ވަރަށް ހުދުމުހްތާރު" ގޮތަކަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ސިޓީ ކައުންސިލްގެ މެންބަރުންނަކީ މާލޭގެ ކަންތައްތަށް ހިންގުމުގެ ގާބިލްކަމެއް ނެތް ބަޔެއްކަމައްވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު ސިޓީ ކައުންސިލާއި ހަވާލުކުރަން މި ޖެހެނީ ހަމަ އެކަނި މާލޭގެ ސަހަރާތައް ސާފްކުރުމާއި މާލޭގެ ހޭޅިފަށް ސާފް ކުރުމާއި މާލޭގެ ކާނުތައް ސާފްކޮށް އެތަން މަދިރިން ސަލާމަތްކޮށް މި ފަދަ ކަންކަން އަޅުގަނޑުމެނަށް ފެންނަނީ ސިޓީ ކައުންސިލާއި ހަވާލުކުރަން." ސަލީމް ވިދާޅުވި އެވެ.

މާލޭ އާޓިފިޝަލް ބީޗް ސަރަހައްދު އެއްއަހަރު ދުވަހުގެ ދިނުމަށް ޕީޕީއެމުން އެދުމުން މާލޭ ސީޓީ ކައުންސިލުން ބުނެފައިވަނީ އެފަދަ ދިގު މުއްދަތަކަށް އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ސަރައްދު ދޫނުކުރެވޭނެ ކަމަށެވެ.