ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދު ފަހަރުގައި ޖަހާ ޕާކިން ވަޔަލޭޝަން ސްޓިކާ ފުލުހުން އަތުން ހުސްވެގެން ވަގުތީ ގޮތުން ސްޓިކާ ޖެހުން ހުއްޓާލައިފިއެވެ.

ފުލުހުން، ޕާކިން ސްޓީކާ ޖެހުން ހުއްޓާލުމުން އެއްވެސް ހަމައެއް ލަމައެއް ނެތި މީހުންނަށް ހިނގާބިނގާވެ، އުޅެން އުނދަގޫވާ ގޮތަށް މާލޭގެ މަގުމަތީގައި ޕާކު ކުރުން މިވަނީ ހައްދުންނެއްޓިފައެވެ. މީގެ ތެރޭގައި ކަފިހިހުރަހާއި، ގޭގެއާއި ފިހާރަ، ކެފޭ، ރެސްޓޯރެންޓުތަކުގެ ކުރިމައްޗާ އަދި މަގުގެ އެކި ހިސާބުތަކުގައި ޕާކު ކުރުމަކީ މިހާރު އާއްމު އާއްމު ކަމެކެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީން ފުލުހުންނަށް ޕާކިން ސްޓީކާ ފޯރުކޮށް ނުދޭތާ ހަތަރު މަސް ވެއްޖެއެވެ. އެހެންކަމުން ފުލުހުންގެ އަތުގައި މިވަގުތު ހުރީ ވަރަށް މަދު އަދަދެއްގެ ސްޓިކާއެވެ.

މި މައްސަލައާ ގުޅޭގޮތުން އެ މިނިސްޓްރީގެ ބަހެއް ލިބޭތޯ ތިން ދުވަސް މަތީން ގުޅުމުން ވެސް ފަހުން ގުޅާނެ ކަމަށް ބުނެ، ޖަވާބެއް ނުދިނެވެ.

ފުލުހުންނަށް ޕާކިން ވަޔަލޭޝަން ސްޓިކާ ފޯރުކޮށްދޭން ޖެހެނީ މިނިސްޓްރީން ކަމަށްވާއިރު، މި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ވަކި ޖަވާބެއް ނުދެއެވެ. ހަމައެކަނި ބުނީ ޕާކިން ސްޓީކާގެ މިވަގުތު ހުރީ ވަރަށް މަދު އަދަދެއް ކަމަށެވެ. އެހެން ކަމުން ހަމަހަމަކަމާއެކު އެކަން ނުކުރެވޭނެތީ ސްޓިކާ ޖެހުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ ކަމަށް ބުންޏެވެ.

ގަވައިދާ ޚިލާފަށް ޕާކުކުރުމުން ޖަހާ ޓްރެފިކް ވަޔަލޭންސް ސްޓިކާއެއް -- ފޮޓޯ ކިޔުންތެރިއެއް

ފުލުހުން ބުނީ ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުފަހަރުގައި ސްޓިކާ ޖެހުމަކީ މި ބޮޑު މައްސަލައިގެ ދާއިމީ ހައްލެއް ނޫން ކަމަށާއި މިކަން ހައްލު ކުރެވޭނީ އެންމެންގެ ފަސޭހައާށާއި ރައްކާތެރިކަމަށް ޓަކައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދު ތަކަށް ރައްޔިތުން ބޯލަނބާ ކިޔަމަންތެރިވެގެން ކަމަށެވެ.

ޕާކިން މައްސަލައަށް ހައްލެއް ގެނައުމަށް ޓަކައި ސްޓިކާ ޖެހުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ހިތުހުރިހާ ގޮތަކަށް ޕާކުކުރާ އުޅަނދުފަހަރު ޓޯ ކުރާން ވެސް ފުލުހުން ފެށިއެވެ. އެހެނަސް މިއަދާ ހަމައަށް އައިއިރުވެސް މައްސަލައަށް އުއްމީދުކުރާ ވަރުގެ ހައްލެއް ލިބިފައެއް ނުވެއެވެ.

އެއްގަމު އުޅަނދު ދުއްވުމަށް ލައިސަންސް ދޫކުރުމުގެ އައު ގަވާއިދުގައިވާ ގޮތުން ގަވައިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުފަހަރުގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު އެމީހާގެ ލައިސަންސުން ޕޮއިންޓް އުނި ކުރާނެއެވެ. މިގޮތަށް 100 ޕޮއިންޓުގެ ކްރެޑިޓް ހުސްވެއްޖެ ނަމަ ލައިސަންސް ބާތިލު ވާނެ ކަމަށް އެ ގަވާއިދު ބުނެއެވެ.

ޕާކިން މައްސަލައަކީ މާލޭ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށް ޓަކައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫގެ ވެރިކަމުގައި ވެސް މަސައްކަތްތަކެއް ކުރިއެވެ.

އެގޮތުން މާލޭގައްޔާއި ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ހެދިއެވެ. ނަމަވެސް ވެރިކަން ނިމުނު އިރުވެސް އެތަންތަން ބޭނުން ނުކޮށް ދޫކޮށްލާފައި ބެހެއްޓުމުގެ ސަބަބުން ދަބަރަށްވެ، ހަލާކުވީއެވެ.