29 May 2022, 16:09
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅުގައި ދަމާފައިހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް އެ ގެއަށް ވަނުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުލުހުން އެ ބެނާ ނެގީ ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެއްސަށް ވަނުމަށްފަހުގައެވެ.
ހ. ދޫވެއްސަށް ވަނުމަށް ފުލުހުންގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު, ބާތިލްކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅުއްވީ ރައީސް ޔާމީނެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ, އާންމު މަސްލަހަތަށް ގެއްލުންވާފަދަ އަމަލެއްގެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނު ނަމަވެސް އެ އަމަލެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ, ބޭނާ ހަރުކުރުމަކީ ކުށެއް ކަމަށް ބުނި ނަމަވެސް އެ ބެނާ ނެގުމަށް ޔާމީނަށް ފުލުހުން ކުރިން އެންގި ސަބަބު އެނގެން ނެތް ކަމަށެވެ. އަދި ކޯޓު އަމުރުގައި, ހެކިތަކެއް ހޯދުމަށް ފުލުހުން އެދިފައި ހުރި ނަމަވެސް ދޫވެހިގެއިން ހަމައެކަނި ގެންގޮސްފައިވަނީ ބެނާކަން އެނގެން އޮންނަ ކަމަށް އެ އަމުރުގައިވެއެވެ.
ބަލައި ފާސްކުރުމުގެ އަމުރެއް ނެރެދޭއިރު، އެ އަމުރު ނެރޭ ސަބަބުން ސާފުކޮށް އެނގެން ޖެހޭނެ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ. ނަމަވެސް އެ އަމުރަށް ވާސިލްވި ގޮތް ބަޔާންކޮށްފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއުއެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު ހުސައިން ޝަހީދުއެވެ.
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލް ކުރުމަށް ހުކުމް ކޮށްފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.