29 May 2022, 15:50
ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމަށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދޭއިރު މުޅި ދައުލަތުގެ އާމްދަނީއަށް ވިސްނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
'ވިއަވަތި ރާއްޖެ ކޮންފަރެންސް' ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހުރިހާ ކައުންސިލްތަކަށް ވެސް އަދި ޑަބްލިއުޑީސީތަކަށްވެސް ކުރިމަތިވެފައިވަނީ އެއް މައްސަލަތަކެއް ކަމަށެވެ.
"އެންމެ ފުރަތަމަކަމަކަށް ފާހަގަވީ ކުރިއެކޭވެސް އެއްގޮތަށް މާލީ ފުދުންތެރިކަމަށް ހުރި ދަތިތައް. ބަޖެޓުން ދޫކުރާ ގްރާންޓް މަދުކަމުގެ ވާހަކަ. އޭގެ އިތުރުން އިހްތިސާސް ކަނޑައެޅުމުގައި ހުރި ދަތިތަކުގެ ވާހަކަ."
ރައީސް ވިދާޅުވީ އޭގެ އިތުރުން ލޭންޑު ޔޫސް ޕްލޭން ހެދުމުގައި ހުރި ގޮންޖެހުންތައްވެސް ފާހަގަވެގެން ދިޔަ ކަމަށެވެ. މާލީ ބާރުވެރިކަން ދިނުމަށްޓަކައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ.
ރައީސް ވިދާޅުވީ ޚަރަދުތައް ބޮޑުވުމާއެކީގައި ގެންނަން ޖެހޭ ބަދަލުތައް ގެނަސް، ރަނގަޅު މިސްރާބަކަށް ދިވެހިރާއްޖެ ކުރިއަށް ގެންދާނެ ކަމަށެވެ.
ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު އިންތިހާއަށް ކުރަމުންދާ ކަމަށާއި ކާބޯތަކެތި އުފައްދާ މި ދެގައުމުގެ ތަކެތި ނުގެނެވި މުދަލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އޭގެ ސަބަބުން ބަޖެޓު ކޮށްފައިހުރި މިންވަރުގެ އެތައް ގުނައެއް ޚަރަދުކުރަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައުމަށް އިގްތިޞާދީ ގޮތުންނާއި މާލީ ގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދަނޑުވަޅުގައި ވެސް ރާއްޖެ ރަނގަޅު މިސްރާބަކަށް ގެންދަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވި ވިއަވަތި ކޮންފަރެންސާ މި ކޮންފަރެންސް ވަރަށް ތަފާތު ކަމަށެވެ.
"ކުރިއަށްވުރެ ބިނާކުރަނިވި ގޮތަކަށް މިކަން ކުރަން ތިއްބެވި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރު ތިބިކަން ފާހަގަވެގެން ހިނގައްޖެ،" ރައީސް ވިދާޅުވިއެވެ.
މިއަދު ކުރިއަށް ގޮސްފައިވަނީ އެ ކޮންފަރެންސްގެ ތިންވަނަ ސެޝަނާއި ނިންމުމުގެ ރަސްމިއްޔާތެވެ. ކޮންފަރެންސްގެ ތިންވަނަ ސެޝަންގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުތަކުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދޭ ކަމަށެވެ.
އެމަނިކުފާނު ވަނީ އެ ކޮމެޓީތަކަށް ކައުންސިލު އިދާރާތަކުން ޖާގަ ހަމަޖައްސައި ދިނުމުގައި ބައެއް ކައުންސިލުތަކުން ފަސްޖެހޭކަމުގެ ޝަކުވާ މަދުންނަމަވެސް ލިބޭކަން ފާހަގަކުރައްވައިފައެވެ.
އެގޮތަށް ކައުންސިލަކުން އެކަންކުރެވިފައި އޮތް ނަމަވެސް މިހާރުން މިހާރަށް އެކަން ބަދަލުކޮށް ކައުންސިލަށް އޮތް ޖާގައެއްގެ ތެރެއިން އެ ކޮމެޓީއަށް ޖާގަ ހަމަޖައްސައިދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
މި ސެޝަންގައި މަޝްވަރާކުރި ކަންކަމުގެ ތެރެއިން އަންހެނުންގެ ތަރައްގީއާއި އަންހެނުން ބާރުވެރިކުރުވުން ހިމެނެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުން ފާހަގަކުރައްވަން ބޭނުންވެލައްވާ ކަންކަން ފާހަގަކުރެއްވުމަށް ވެސް ފުރުސަތު ދީފައިވެއެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ގެންނަވާފައިވާ ބައެއް ބަދަލުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ހިއްސާ އަންހެނުންނަށް ޚާއްޞަކޮށް ސަރުކާރުން ގެންނެވި ބަދަލާއެކު ޖުމްލަ 388 އިންތިޚާބީ އަންހެން ކައުންސިލަރުން މިހާރު ރާއްޖޭގައި ތިބިކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ، ރައްޔިތުންގެ ވޯޓާއެކު އިންތިޚާބު ކުރެވޭ ބަޔަކަށް ބަދަލުކުރުންފަދަ ސަރުކާރުން ގެންނެވި މުހިންމު ބަދަލުތަކާއެކު ގައުމުގެ ކަންކަމުގައި އަންހެނުން ހިއްސާވާ މިންވަރުގެ އިތުރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް މިއަހަރު ބާއްވަނީ ތިން ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ބައިވެރިވާގޮތަށެވެ.
މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސްއަކީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އަމާޒުކޮށް އއ. އުކުޅަހުގައި ކުރިއަށް ގެންގޮސްފައިވާ ކޮންފަރެންސެވެ. އެ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިންނެވިއެވެ.