29 May 2022, 15:37
ސްރީލަންކާއިން ރަޝިޔާގެ ތެލުގެ ޝިޕްމަންޓެއް ޑެލިވަރީކޮށް، އެގައުމުގެ ހަމައެކަނި ރިފައިނަރީގައި އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމާފައިވާކަމަށް ސްރީލަންކާގެ ހަކަތައާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.
ޕަވަ އެންޑް އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖެސެކެރާ އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވެފައިވަނީ މަހެއްހާ ދުވަސް ވަންދެން ރަޝިޔާގެ ތެޔޮ ޑެލިވަރީ ނުކުރެވި އޮތް ސަބަބަކީ އެކަމަށް ދައްކަންޖެހޭ އެތައް މިލިއަން ފައިސާތަކެއް އެ ގައުމުން ނުދެއްކޭތީކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތެލުގެ 90،000 ޓަނުގެ ޝިޕްމަންޓް ގަތުމަށް ސްރީލަންކާއިން 72.6 މިލިއަން ޑޮލަރު ދައްކާނެކަމަށެވެ.
އެ ޝިޕްމަންޓަކީ ދުބާއީގެ ކޮރަލް އެނާޖީ މެދުވެރިކޮށް އޯޑަރު ކޮށްފައިވާ ޝިޕްމަންޓެއް ކަމަށާއި، އެ ޝިޕްމަންޓާއެކު، މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައިވާ އެ ގައުމުގެ ހަމައެކަނި ރިފައިނަރީގައި އަލުން މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރަޝިޔާގެ ތެލުގެ ސީދާ ސަޕްލައި ހޯދުމަށް އަޅުގަނޑު ވާނީ ރަޝިޔާގެ ސަފީރަށް ރަސްމީ ގޮތުން އެދިފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިޖެސެކަރާ ވިދާޅުވި އެވެ.
ސްރީލަންކާއަށް އިގުތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާއިރު، ތެލާއި އެހެނިހެން ޒަރޫރީ ބޭނުންތައް މަދުވުމުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ތެލުގެ ސަޕްލައި ކަށަވަރުކުރުމަށް އެ ގައުމުން މަސައްކަތްފަށާފައި މިވަނީ ޔޫކްރެއިންގެ މައްސަލައިގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން މަޝްވަރާކުރައްވަމުން ގެންދަވަނިކޮށެވެ.
ސްރީލަންކާގެ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ)ގެ ރިފައިނަރީ މިދިޔަ މާޗް މަހު ބަންދުކުރީ ބޭރު ފައިސާގެ ދަތިކަން ކުރިމަތިވުމާ ގުޅިގެންނެވެ.