ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ގެންދާ ބިދޭސީން ހޯދަން ރައީސް ނަޝީދުގެ ސަރުކާރުން ފެށި ޕްރޮގްރާމެއްގެ ދަށުން ބަންގްލަދޭޝްގެ މީހުން ރާއްޖެ ގަނައުން ހުއްޓާލާފައި އޮތުމަށްފަހު، އަންނަ އާދީއްތަ ދުވަހުން ފެށިގެން ބަންގްލަދޭޝް މީހުން ރާއްޖެ ގެނައުމުގެ ހުއްދަދިނުމަށް ނިންމައިފި އެވެ.

ލޭބާ މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބަންގްލަދޭޝް މީހުނަށް ވޯކް ޕާމިޓް ދިނުން ހުއްޓާލައި އޮތުމަށްފަހު، މާޗް 25 2012 ވަނަ ދުވަހުން ފެށިގެން އަލުން ވާކްޕާމިޓް ހޯދުމަށް އެޕްލައިކުރެވޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އިން ކުރަމުން ގެންދިޔައެއް ބިދޭސީންނާ ބެހޭ މަސައްކަތްތައްތައް އިމިގްރޭޝަނަށް ބަދަލުކުރުމަށް ދާދިފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ އިލްޔާސް ހުސައިން އިބްރާހިމް މިއަދު ބިދޭސީންނާ ބެހޭ މަސައްކަތްތައް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ލިޔެކިތުންތައް ލިބިފައިވާ ކަމަށާއި ނަމަވެސް ބަންގްލަދޭޝް މީހުން ރާއްޖެ ގެނައުން ހުއްޓުވާފައި އޮތް އޮތުމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގެންނަވާ ކަމަށެވެ. ނަމަވެސް އިމިގްރޭޝަނުން އެއްވެސް ގައުމަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް އިލިޔާސް ވިދާޅުވި އެވެ.

" އިމިގްރޭޝަނުން ނޯންނާނެ އެއްވެސް ގައުމެއްގެ ބަޔަކު އެތެރެވުން ހިފަހައްޓާފައެއް ނޯންނާނެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ނުހިފަހައްޓާނަން،" އިލިޔާސް ވިދާޅުވި އެވެ.