29 May 2022, 11:07
އޯޕަން އެކްސެސް ނެޓްވޯކަކީ އިންޓަނެޓު އަދި ޓީވީ ފަދަ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެވެމުން އަންނަ ޒަމާނީ މޮޑެލްއެކެވެ. އެޗްޑީސީއިން މިހާރު ހުޅުމާލޭގައި ގާއިމުކޮށްފައިވާ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ.
މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއް ވިއުގަ އަކުން އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެވެއެވެ. އަދި ވަކިވަކި ނެޓްވޯކުތައް ނާޅައި އެއް ވިއުގައެއް ހިއްސާކުރުމުން ޚިދުމަތް ދިނުމަށްދާ ޚަރަދުވެސް ކުޑަވެގެންދެއެވެ. މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިރާގު، އުރީދޫ، މީޑިއާނެޓު، އަދި އާރް.އޯ.އެލްގެ ޚިދުމަތްތައް މި ވިއުގަ މެދުވެރިކޮށް ވަނީ ފޯރުކޮށްދޭން ފަށާފައެވެ. އަދި އޯޕަން އެކްސެސް ނެޓްވޯކް އާއިއެކު މަގުތައް ކޮނުން މަދުކުރެވި، ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން އެއްނެޓްވޯކެއްގައި ގިނަ ބަޔަކަށް އެއްފަހަރާ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދެއެވެ.
މީގެއިތުރުން، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެއެވެ. މިގޮތުން، އަންނަ ބޮޑު ބަދަލާއިއެކު ވޭސްޓް މެނޭޖްމަންޓް، ސެކުއިރިޓީ، ސްމާޓް ޕާކިންގ، ރިމޯޓް އެމްޕްލޯއިމެންޓް ފަދަ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މި ނެޓްވޯކްގެ ދަށުން މަގުފަހިވެގެންދާނެއެވެ.
އޯޕަން އެކްސެސް ނެޓްވޯކްގެ މޮޑެލް އަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދައިފައިވާ ނެޓްވޯކްއަކަށް ވަނީ ވެފައެވެ. އަދި އެޗްޑީސީއިން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށެވެ.