އއ. އުކުޅަހުގައި އިއްޔެ ފެށި ''ވިއަވަތި'' ކޮންފަރެންސަށް ދާން ދައުވަތު ދިންކަން ސިޓީ ކައުންސިލުން ކައުންސިލަރުންނަށް އަންގާފައި ނުވާ ކަމަށް ބުނެ، އެކަމުގެ ޝަކުވާ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއަކުން ފޮނުވައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހް ''ސަން''އަށް ވިދާޅުވީ އެ ކޮންފަރެންސްގައި ބައިވެރިވާނެ ޝައުގުވެރިކަން އެއްވެސް ކައުންސިލަރަކު ފާޅުކޮށްފައި ނުވާކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށެވެ.

"އަޅުގަނޑަށް ނުވެސް އެނގޭ ކޮންފަރެންސެއް އޮތްކަމެއްވެސް. ނާންގަންޏާ ނޭނގޭނެ ދެއްތޯ. އެންގިނަމަ ޔަގީނުންވެސް އަޅުގަނޑު ކޮންފެރެންސްގައި ބައިވެރިވާނަަން،" ސައިފް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވިއަވަތި ކޮންފަރެންސުގައި ބައިވެރި ނުވި ސަބަބާ ބެހޭ ގޮތުން އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް އިއްޔެ ވިދާޅުވީ، ކޮންފަރެންސަށް ދައުވަތު ދިނީ މާ ލަހުން ކަމަށެވެ. އަދި ކައުންސިލަރުން އެ ކޮންފަރެންސުގައި ބައިވެރިވެއްޖެ ނަމަ މާލޭގައި ކުރިއަށްގެންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫ އަރާނެ ކަމަށެވެ.

''ކޮންފެރެންސްގައި ބައިވެރިވުމަށް ދެ ތިން ކައުންސިލަރުން ދިޔުމަކުން އަޅުގަނޑަކަށް ހިޔެއްނުވޭ މާލޭގެ އޮޕަރޭޝަންސް ހުއްޓުމަކަށް އަންނާނެހެނެއް. ކައުންސިލަރުންނެއް ނޫން ދޯ ނުކުމެ މަސައްކަތް ކުރަނީ. ޕޮލިސީއެއްނޫންތޯ ކައުންސިލަރުން ކަނޑައަޅާނީ،" ސައިފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކައުނސިލަރުންނަކީ އަމަލީގޮތުން މަސައްކަތް ކުރުމަށް ނުކުމެ އުޅެން ޖެހޭ ބަޔަކަށް ނުވާއިރު ކޮންފަރެންސްގައި ބައިވެރިވެއްޖެނަމަ މާލޭގެ މަސައްކަތްތައް ހުއްޓޭނެ ކަމަށް ބުނުމުން އެކަން ގަބޫލުނުކުރެވޭނެކަމަށެވެ.

''މިސާލަކަށް މަގުތަކުގައި ގާ އެޅުން. އަޅުގަނޑުމެން ކައުންސިލަރުންނެއް ނޫން ދެއްތޯ ގޮސް ގާއެޅުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ އަޅުގަނޑުމެން ހަމައެކަނި މި ކިޔާދެނީ ގާއަޅަންވީގޮތް،" ސައިފް ވިދާޅުވިއެވެ.

''ވިއަވަތި'' ކޮންފަރެންސްގައި ބައިވެރިވުމަށް މާލެސިޓީ ކައުންސިލަށް ދައުވަތު ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ކޮންފަރެންސަކީ ދެ ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ބާއްވާ ކޮންފެރެންސްއެކެވެ.

ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ބާއްވާ މި ކޮންފަރެންސްގައި ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާއި ބިނާވެށި ޕްލޭން އެކުލަވާލުމާއި ލާމަރުކަޒީ ނިޒާމްގެ މިހާރުގެ މިސްރާބާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ޕްރެޒެންޓޭޝަންދީ, އެއާ ގުޅޭ ގޮތުން ކައުންސިލަރުންގެ ހިޔާލު ހޯދައި މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.