ފަހަކަށް އައިސް ފަނޑިޔާރުންނަށް އަމާޒުކޮށް އެކި ކަހަލަ ހަމަލާދެމުންދާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެ، އެފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، ހަރުކަށި އަދަބު ދިނުމަށް ޖުޑީޝަލް ސާވިސްސަސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ގޮވާލައިފި އެވެ.

ޖޭއެސްސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ފަހަކަށް އައިސް ފަނޑިޔާރުންނަށް އެކިކަހަލަ ހަމަލާ ދެމުންދާ ކަމަށާއި އެ ހަމަލާތަކުގައި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ފަނޑިޔާރުންނަށް ގެއްލުންވާ ކަމަށެވެ. އަދި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި އެއީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅި، އާއްމު މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

"... މިފަދަ އަމަލުތައް ތަކުރާރުވަމުން ދިއުމަކީ އޭގެ ސަބަބުން މުޅި ދުސްތޫރީ ނިޒާމު ހަލާކުވެ، ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަމަށް ފެންނާތީ، މިކަންކަން އަވަސް ބާރުމިނެއްގައި ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް، އެފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތަކާ މެދު އަވަސްފިޔަވަޅުތަކެއް އަޅެމަށް މިކޮމިޝަނުން ގޮވާލަމެވެ،" ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

ޖޭއެސްސީން އެކަމާ ކަންބޮޑުވިއިރު ދާދިފަހުން ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުގެ ކާރުކޮޅަށް ހަމަލާދީފަ އެވެ. ސްޕްރީމްކޯޓްގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދުގެ ކާރުކޮޅަށްވެސް ބަޔަކު މީހުން ވަނީ މި ހަފްތާ ތެރޭ ހަމަލާދީފަ އެވެ. އަދި ފުވައްމުލަކު ކޯޓްގެ މެޖިސްޓްރޭޓަށްވެސް ވަނީ ގުރޫޕަކުން ހަމަލާދީ މާރާމާރީ ހިންގާފަ އެވެ.

ފަނޑިޔާރުންނަށް ހަމަލާދިނުން ފަދަ އަމަލުތައް ނުހިންގުމަށް ވެސް ޖޭއެސްސީން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.