28 May 2022, 11:49
ފަޅުރަށްތައް ބެލެހެއްޓުމަށް އަތޮޅު ކައުންސިލުތަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ކުރިއަށްދާ "ވިޔަވަތި ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ އަތޮޅު ކައުންސިލު ތަކަކީ މުޅި އަތޮޅުގެ ރިސޯސް ސެންޓަރަށް ވުމުގެ ޓެކްނިކަލް ކެޕޭސިޓީ ހުރި ތަންތަން ކަމުގައި ވާން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ވެސް ކައުންސިލުތަކަށް ދިމާވެފައިވާ އެކި ގޮންޖެހުންތައް ފާހަގަކުރައްވަމުން އަފްޝަން ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ނުހެދުމުގެ ސަބަބުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށާއި، ގޯތި ދިނުން ލަސްވަމުންދާ ކަމަށެވެ.
"ކައުންސިލުތަކާ ޕްރައިވެޓް ސެކްޓާ ގުޅިގެން މަސައްކަތް ކުރެވޭނެ އެކި މޮޑެލް ހެދުން މުހިއްމު ކަމުގައި އަޅުގަނޑުމެން ދެކެން،" އަފްޝަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި، ދައުލަތުގެ އިދާރާތައް ގިންތިކުރުމުގައި ކައުންސިލުތައް ހަތަރުވަނަ ދަރަޖައިގައި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.

އުކުޅަހުގައި މިއަދު ކުރިއަށްދިޔަ "ވިޔަވަތި'' ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
"[މި] ވާހަކަތަކަކީ ދައުލަތުގެ ކަމާގުޅޭ އެކި އިދާރާ[ތަކުގަ]އާއި، މީޑިއާ އާއި، ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވާހަކަ[ތައް]" އަފްޝަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ފެށި ފޯރަމަކީ އެފަދަ މައްސަލަތަކާ މެދު މަޝްވަރާކޮށް ހައްލު ހޯދޭނެ ހަރަކާތެއް ކަމަށެވެ.
މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ފޯރަމުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކައުންސިލަރުން ބައިވެރިވެއެވެ.