22 Mar 2012, 16:25
ދަރުބާރުގޭ ފުރަގަހުން އޮންނަ އުސްފަސްގަނޑުގެ ސަރަހައްދު މާލޭ ސިޓީ ކައުންސިލުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ތިން މަސްދުވަހަށް ދީފައިވަނިކޮށް، އެ ބިމަކީ އާއްމުން ހިތްފަސޭހަކޮށްލުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދެއް ކަމުގައިވާތީ އެނޫން ގޮތަކަށް އެބިން ބޭނުން ނުކުރުމަށް ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދަރުބާރުގޭ ފުރަގަހުން އޮންނަ ހުސް ފަސްގަނޑުގެ ސަރަހައްދަކީ އާއްމުން ހިތްފަސޭހަކޮށްލުމަށްޓަކައި އެސަރަހައްދަށް ގޮސްއުޅުމަށާއި އާއްމުންގެ ހިތްހަމަޖައްސާލުމަށް ގޮސް އުޅޭ ސަރަހައްދެއްގެ ގޮތުގައި ހަމަޖެހިފައިވާ ސަރަހައްދެއް ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ މާލޭ ސިޓީ ކައުންސިލުން އާއްމު ބޭނުންތަކަށް ހުރުމަތްތެރިކޮށް ހިތުމެއް ނެތި، މިހާރު އަމަލްކުރަމުން ގެންދާ ގޮތާމެދު އެމިނިސްޓްރީން ކަންބޮޑުވާ ކަމަށާއި އެބިން ސިޓީ ކައުންސިލަށް ހަވާލުކޮށްފައިވާ ބޭނުން ނޫން އެހެން ކަންކަމަށް ބޭނުން ނުކުރުމަށާއި ސިޓީ ކައުންސިލާ މިނިސްޓްރީން ހަވާލުކޮށްފައިވާ އެފަދަ ބިންތައް ކަނޑައެޅިފައިވާ ބޭނުންތަކަށް ބޭނުން ކުރަމުން ގެންދެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް އެތަންތަނުން ފައިދާކުރާނެ ގޮތް ކަމުގައި ދެކޭ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލްގައި ހުރި ދައުލަތުގެ ބިންތަކުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް 19 ސެޕްޓެންބަރު 2011 ގައި ހަވާލުކުރި ބިންތަކުގެ ތެރޭގައި ހިމެނޭ ބިމެކެވެ. އަދި އެ އެސަރަހައްދަކީ އާއްމުންގެ ލުއިފަސޭހައަކަށްޓަކައި ބޭނުންކުރެވޭނެ ސަރަހައްދެއް ކަމަށް ހަމަޖައްސައި، އެގޮތުގެ މަތިން އެތަން ބޭއްވުމަށް މާލޭ ސިޓީ ކައުންސިލާއި އެ ސަރަހައްދު ހަވާލުކުރިއިރު ހަވާލުކުރެވިފައިވާ ލިޔެކިޔުންތަކުން އަންގާފައިވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން އުސްފަސްގަނޑުގެ ސަރަހައްދު އެމްޑީޕީއަށް ދީފައިވާ ކަމަށް އެކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވަނީ ވިދާޅުވެފަ އެވެ. އަދި އެސަރަހައްދުގައި މިރޭ އެމްޑީޕީގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް އެޕާޓީން ވަނީ ހަމަޖައްސާފަ އެވެ.