ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން ކުރީގެ ފަންޑުލިބިފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ރަށްތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެއް ހަފުތާއަށް ދުނިޔޭގެ ފެނުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު އަބުލް މަތީން މުހައްމަދު ވިދާޅު ކުރީގެ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ފެނާ ނަރުދަމާގެ މަޝްރުއޫތަކުގެ ތެރެއިން ހިޔާލީ ޕޮރޮޖެކްތައް ކުރިއަށް ނުގެންދެވުނު ނަމަވެސް އެގްރިމެންޓް ކޮށްފައި ހުރި ޕްރޮޖެކްތްތައް ކުރިޔަށްދާނެ ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ ކުރީގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓާލުމެއް ނޫން. ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދިއުން އެއީ ޕޮލިސީ އޮތް ގޮތަކީ. އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތްކަމުގައި ވާނަމަ އެފަރާތަކުން އެ އެއްބަސްވުމަކާއި ހިލާފު ނުވާހާ ހިނދަކު ސަރުކާރަކުން އެއްބަސް ވުން އުވައެއް ނުލާނެ. [އެކަމަކު] މީގެ ތެރޭގައި ހުރި ހިޔާލީ ޕްރޮޖެކްޓްސްތައް ކުރިއަކަށް ނުގެން ދެވޭނެ،"މަތީނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ވަރަށް ގިނަ އަދަދެއްގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުތަކެއް ފަށަން އިއުލާން ކޮށްފައި ވިޔަސް މިހާތަނަށް ޑީޓެއިލް ޑިޒައިން ހަދަން ފަށާފައިވަނީ ހަ ރަށެއްގެ ފެނުގެ މަޝްރޫއު އާއި އަށް ރަށެއްގެ ނަރުދަމާގެ ނިޒާމް ކަމަށެވެ.

އައްޑޫއާއި ފުވައްމުލަކުގައި ސަދަން ޔުޓިލީޓީސް އާއި ބައިވޯޓާ ގުޅިގެން ހިންގާ އައްޑޫ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވާހަކަތައް ފެތުރު ނަމަވެސް އެއިން އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލަން އަންގާފައި ނުވާނެ ކަމަށް މަތީނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިހާތަނަށް ފެނުގެ ނިޒާމް ގާއިމްކުރަން ފަންޑު ލިބިފައިވާ ރަށްތަކަކީ ރ. ދުވާފަރާއި، ގދ. ގައްދުއާއި. ހއ. ދިއްދުއާއި، ޅ. ހިންވަރާއި، އދ. މަހިބަދޫއާއި، ހއ. އިހަވަންދޫ އެވެ. އެ ރަށްތަކުގައި އަމަލީ މަސައްކަތްތަށް ފަށަން ކުރަން ޖެހޭ މަސައްކަތަތަށް ކުރިއަށްގެންދާ ކަމަށް ވެސް މަތީން މިއަދު ވިދާޅުވި އެވެ.

ޑިރެކްޓާ ޖެނެރަލް ޝަހީދާ އާދަމް ވިދާވީ ރިސޯޓް ތަރައްގީ ކުރުމާއި ގުޅުވައިގެން ފަޅުރަށް ދިނުމަށް ފަހު ނަރުދަމާ ނިޒާމް ގާއިމުކުރަން ހިންގާ މަޝްރޫއު، ސީއެސްއާރު ޕްރޮޖެކްޓްގައި ނަރުދަމާ އަޅަން ކަނޑައަޅަފައިވާ ރަށްތަކަކީ ފ. މަގޫދޫ އާއި ކ. ގާފަރާއި، ނ.ހޮޅުދޫއާއި، އެއަތޮޅު ވެލިދުއާއި، ހދ. ނޮޅިވަރަމާއި، އެއަތޮޅު ނޭކުރެންދޫގެ އިތުރުން ރ. މަޑުއްވަރީ ކަމަށެވެ.
އެ ޕްރޮޖެކްޓް ގެތެރެއިން ފެނުގެ ނިޒާމް ގާއިމްކުރާ ރަށްތަކަކީ މަގުދޫއާއި ހޮޅުދޫއާއި، ވެލިދުއާއި، ކުޑަރިކިއްޔާއި އެއަތޮޅު ހިތާދޫގެ އިތުރުން ނޮޅިވަރަމެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކުރީގެ ރައީސް ނަޝީދު އދ. މަހިބަދޫގެ ނަރުދަމާގެ ނިޒާމް އިފްތިތާހު ކޮށްދެއްވުމަށްފަހު ވިދާޅުވީ 2013 ވަނައަހަރު ނިމޭއިރު ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދެވޭނެ ކަމަށާއި އެމަނިކުފާނު ސަރުކާރު ހިންގެވުމާ ހަވާލުވެ ވަޑައިގެންނެވިއިރު، ނަރުދަމާގެ ނިޒާމް ފޯރުކޮށްދެވިފައިވަނީ، ރާއްޖޭގެ އާބާދީގެ 22 ޕަސެންޓަށް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަނި ވެސް 22 ޕަސެންޓް އިތުރަށް ނަރުދަމާ ފޯރުކޮށްދެވިފައިވާ ކަމަށެވެ.