ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފޯރުކޮށްދޭ ކުނި ނެގުމުގެ ޚިދުމަތަށް 42 މިލިއަން ރުފިޔާ ނުލިބި ވާކަމަށް އެ ކުންފުނީން ބުނެފިއެވެ.

އަންނަ މަހުން ފެށިގެން ކުނި ވަކިކޮށްގެން ބަލައިގަތުމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ އެ އަދަދަކީ ވެމްކޯގެ ތާރީޚުގައި ނުލިބިހުރި ފައިސާކަމަށެވެ.

އެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭނީ ގާނޫނީ ފިޔަވަޅެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް ހުރި ބިލްތައް ސަސްޕެންޑް ކޮށް ރަނގަޅު ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވެސް އެނާ ވިދާޅުވިއެވެ.

"މިކަން ފެށިގެން އައި އިރު ރެޖިސްޓްރޭޝަންގެ ކަންކަން ވެސް ދިޔައީ އެންމެ ރަނގަޅަކަސް ނޫން. ރެކޯޑްސް އިން އެބަ ދައްކާ އެކަންކަން. މެނޭޖްމަންޓުންވެސް އެކަން ގަބޫލުކުރަށްވާ،" ސިރާޖް ވިދާޅުވިއެވެ.

ކަންމިހެންއޮތް ނަމަވެސް ސިރާޖު ވިދާޅުވީ ބިލް ދެއްކުމަށް ގިނަ ބަޔަކު މިހާރު އަހަންމިއްޔަތުކަން ދޭކަމަށެވެ.

"80 ޕަސަންޓާ 90 ޕަސަންޓާ ދެމެދު ކަސްޓަމަރުން ބިލް ދެއްކުމަށް މިހާރު އަހަންމިއްޔަތުކަން ދޭކަން ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.

މާލެއިން ކުނި ވަކިކޮށްގެން އުކާލަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ. ކުނި ވަކިކޮށްގެން އުކާލުމުގެ ބޭނުމަކީ މެޝިނަރީޒްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރެވެނީ ކުނި ވަކިކޮށްފައި ހުރުމުން ކަމުގައި އެންވަޔަރްމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ އެކަމުގެ ސަބަބުން ވެމްކޯ މުއައްޒަފުންގެ މަސައްކަތު މާހައުލު ރަނގަޅުވާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަގުތު ސަލާމަތްވެ ވެމްކޯއިން އެކަމަށް ކުރާ ޚަރަދު ކުޑަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ކުނި ވަކިކޮށްގެން ބަލައިގަންނަން ފެށި ނަމަވެސް ކުނިނަގާ އަގަށް ބަދަލެއް ނާންނާނެކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.