22 Mar 2012, 15:53
މީޑީއާއި ގުޅޭ ޖިނާޢީ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި ފުރަތަމަ ޕޮލިހަށް ހާޒިރުކުރުމުގެ ބަދަލުގައި އެ މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)އާއި ހިއްސާކޮށް ދެފަރާތް ގުޅިގެން މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުމާބެހޭ އެމްއޯޔޫއެއްގައި ޕޮލިހާއި އެމްބީސީއާ ދެމެދު ސޮއިކޮށްފި އެވެ.
ފަސް އަހަރުގެ ދުވަހުގެ މުއްދަތަށް ހެދި އެމްއޯޔޫގެ ބޭނުމަކީ ގާނޫނުގައި ބަޔާންވެގެންވާ ގޮތުގެ މަތިން މީޑީއާގެ މިނަވަންކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމާއި، ހަމަހަމަކަމާއި ހާމަކަން ބޮޑު ގޮތެއްގައި ޚަބަރު ފެތުރުމަށް ބާރުއެޅުމާއެކު ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޢަމަލުކުރާނަމަ އެންމެ ފުރިހަމަ ގޮތުގައި ބްރޯޑްކާސްޓް މީޑިއާގެ ފަރާތްތައް ޖަވާބުދާރީ ކުރުމެވެ.
އެމްއޯޔޫގެ ދަށުން ދެފަރާތުން އެއްބާރުލުންދޭނެ ކަންތައްތަކުގެ ތެރޭގައި ބްރޯޑްކާސްޓް މީޑިއާގައި މަސައްކަތްކުރާ ފަރާތެއްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި ނަމަ އެކޮމިޝަނާއި ހިއްސާކުރުމާއި، އެފަދަ މައްސަލައެއް ތަހްޤީޤްކުރުމުގައި މަޢުލޫމާތު އެއްފަރާތުން އަނެއް ފަރާތަށް ބަދަލުކުރުމުގެ އިތުރުން އެއިން ތަނެއްގެ މުވައްޒަފަކު ކުއްލި ހާލަތެއްގައިނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެނަމަ އެކަން ލަސްނުކޮށް ކޮމިޝަނާއި ހިއްސާކުރުން ހިމެނެއެވެ.
ހަ މާއްދާއެއްގެ މައްޗަށް ހިމެނޭ މި އެމްއޯޔޫގެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒުއެވެ. ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް ބަދުރުއްނަސީރެވެ.