14:30


ސަރުކާރުން ފޯރުކޮށްދޭން ވަޢުދުވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް، މާލެ ފިޔަވައި އެހެން ރައްރަށުގައި މިނިވަން ދުވަހާ ގުޅިގެން ފެށޭނެ ކަމަށާއި އެގޮތުން އެ ދުވަހު ގދ. ތިނަދޫގަޔާއި، ގއ. ކޮލަމާފުށީގައި އެމަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި، މިއަދު ވާހަކަދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ އެމަނިކުފާނު ވަރަށް އުފާކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ. މިމަޝްރޫއުގެ އަމަލީ މަސައްކަތް ގދ. ތިނަދޫގަޔާއި، ގއ. ކޮލަމާފުށީގައި އެދުވަހު ފެށޭނެ ކަމަށާއި އަދި އެއަށްފަހު، ދާދި އަވަހަށް އެމަސައްކަތް ކުޅުދުއްފުށީގަޔާއި، މަނަދޫގަޔާއި، ނައިފަރުގަޔާއި، އައްޑުއަތޮޅު ފޭދޫގައި ވެސް ފެށިގެންދާނެ ކަމަށާއި، ރާއްޖޭގެ އެހެން ކިތަންމެ ރަށެއްގައި ވެސް ބޯހިޔާވަހިކަމުގެ މި މަޝްރޫޢު ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޖުލައި 26 ވަނަ ދުވަހު ސަރުކާރުގެ މަގު ހެދުމުގެ ޕްރޮގްރާމެއް ވެސް ފެށޭނެ ކަމަށާއި، އެންމެ ފުރަތަމަ އެޕްރޮގްރާމް ފެށޭނީ ކުޅުދުއްފުށީގައި ކަމަށް ވިދާޅުވި އެވެ. އެއަށްފަހު ގދ. ތިނަދޫގަޔާއި، އައްޑުއަތޮޅު ހިތަދޫގަޔާއި، އައްޑުއަތޮޅުގެ އެހެން ރަށްރަށުގަޔާއި، ފުވައްމުލަކުގަޔާއި، ލ. އަތޮޅު ގަމުގައިވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި އެދުވަހު ކިތަންމެ ބަނދަރެއްގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ހަމަ އެދުވަހު މާލޭގައި ކިތަންމެ އިމާރާތެއް ހުޅުވިގެންދާނެ ކަމަށާއި އޭގެތެރޭގައި ދާރުލްއާސަރާއި ވެލާނޭގޭ އޮފީސް އިމާރާތާއި ޕޮލިސް އިމާރާތާއި ޑިފެންސް މިނިސްޓްރީގެ އިމާރާތް ހިމެނޭ ކަމުގައި ވިދާޅުވި އެވެ.


ރައީސް ނަޝީދުގެ ވާހަކަފުޅުގައި ބައެއް ރަށްރަށުގައާ މާލޭގައިވެސް ކުޅިވަރު ކުޅެވޭނެ ތަންތަނާއި ކުޅިވަރު ކުޅޭނެ ސާމާނު އުފެއްދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށާއި އޭގެތެރޭގައި ޒުވާނުންނަށް ކުޅިވަރުގެ ގިނަ ފުރުސަތުތަކެއް ހުޅުވާލުންވެސް ހިމެނޭ ކަމުގައި ވިދާޅުވި އެވެ. އެގޮތުން ޖުލައި 26 ވަނަ ދުވަހު ވަރަށް ގިނަ ރާޒުވާ ކްލަބްތައް ހުޅުވިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.


އަންނަ ހޯމަ ދުވަހަކީ ރާއްޖޭގެ މިނިވަންދުވަސް ކަމަށްވުމާއެކު، ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގެ މައްޗަށާއި، އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ރާއްޖެދިޔަގޮތާއި، އަދި 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނުގޮތާއި، އެކަމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ. އެގޮތުން މިނިވަންކަމަކީ ކޮބައިކަމާއި، އެމިނިވަންކަން ރައްކާތެރި ކުރުމާ، މިކަންކަމާ ގުޅޭގޮތުން މުޅި މިހަފްތާގައި ވެސް ޚިޔާލުކޮށް ފިކުރުކޮށް ހިންގާ ހެދުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށްދިޔައީ، 1887 ވަނަ އަހަރުކަން ފާހަގަކުރައްވަމުން، ރާއްޖެއަކީ އެއްވެސް އިރެއްގައި އިނގިރޭސިންގެ އިސްތިޢުމާރީ ބާރުގައި ކޮލޮނީއެއްގެ ގޮތުގައި އިނގިރޭސިން ދެކެމުން އައި ތަނެއް ނޫން ކަމަށާއި، ރާއްޖެއަކީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި އޮތް ތަނެއްގެ ގޮތުގައި، އެމީހުން ދެކެމުން އައި ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެ ވަނިކޮށް، ރާއްޖެ އަލުން އަނބުރާ ދިވެހިންގެ ސީދާ މިނިވަންކަމަށް ބަދަލުވީ، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައިކަން ބަޔާންކުރައްވަމުން، އެމަސައްކަތް ކުރެވިގެންދިޔަގޮތާއި، އެކަންކަމާގުޅޭ ވަރަށްގިނަ ޙަޤީޤަތްތައް މިހާރު އަޅުގަނޑުމެންނަށް ފެންނަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.