"ތިބާގެ ހިތުގައި ﷲ ސުހުބާނަހޫ ވަތައާލާ ވާނަމަ ތަދަކީ ހިތްވަރަށް، ހިތާމަ ފޮންޏަށް، ރުޅިވެރިކަން މަޑުމައިތިރިކަމަށް، އަދި ނަފްރަތު ލޯތްބަށް ބަދަލުވެދާނެއެވެ."

***

ހާރިސް ހައިރާންވީ އެރިކްގާތު ނިގާބީ އަންހެންކުއްޖަކު އިނުމުންނެވެ. ލޯވެސް ފެންނާކަށްނެތެވެ. އެރިކްއަށް އެންމެފަހުން ހެޔޮވިސްނުން ލިބި ބައްޕަ އެދިލެއްވި ފަދައިން ސޯލިހު އަންހެން ކުއްޖަކު ޚިޔާރުކުރީހެއްޔެވެ؟ ކުރިމަތީގައި ހުރީ އާވިއަރަ އަރާ ހުރި ކޮފީއެވެ. ހާރިސް ގޮނޑީގައި ހަމަޖެހިލިއެވެ.

"އެރިކް މެރީކުރީތަ؟ އަންގާވެސް ނުލާ..." ހާރިސްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"އަދި ނުކުރަން....."

"ދެން...." ހާރިސްގެ ރާގު ބަދަލުވިއެވެ.

"ޝީޒް އަވަރ ސްޓެޕްސިސް ޚައިރާ..ޚައި ހެރީއާއި ބައްދަލުކުރީ ވަރަށް ބޮޑު ބޭނުމެއް އޮތީމަ......ޚައި ވާހަކަދައްކަބަލަ.." އެރިކް މަޑުމަޑުން ޚައިރާގެ އަތުގައި ކޮށްޓައިލިއެވެ.

"އަހަ..އަހަރެން ބޭނުމީ އިސްލާމްދީނަށް ވަންނަން...."ޚައިރާއަށް އާ ގަނެވުނެވެ. އޭނަ މޫނު އަޅައިގެން އިނަސް މޫނަށް އަނގުރު އަލިފާނުގެ ކުލައަރާ އޭނަގެ މުޅި ވުޖޫދުވެސް ލަދުވެތިކަމުގެ ކަނޑަށް ގެނބިއްޖެއެވެ. ނިގާބުގެ ތެރެއިންވެސް ހާރިސްގެ ލޮލަށް ބަލަން އޭނަ ފަސްޖެހުނެވެ. ހާރިސްގެ ސީރިޔަސްކަމުގެ ކުރިމަތީގައި ލަދުން މީހަކު މަރުވާނެ ނޫންހެއްޔެވެ؟

"އަލްހަމްދުލިﷲ. ގުޑް ނިއުސް ސިސްޓަރ....." ޚައިރާއަށް ހާރިސްގެ ޖުމްލައިން އުފާވެރިކަމެއް ލިބުނަސް ނިންމައިލަމުން އެބުނި ބަސް މޫނުމަތީ ޖެހި އެތިފަހަރަކަށްވިއެވެ. ސިސްޓަރއެއް ނޫނޭ ވައިފްއޭ ބުނެ ހަޅޭއްލަވައިގަނެވުނީ ހިތުންނެވެ.

***

ޚައިރާ އިސްލާމްދީނަށް ވަންނަން ޝަހާދަތް ކީ ވަގުތު އޭނަގެ ލޯ ފުރުނީ އުފާވެރިކަމުގެ ކަރުނުންނެވެ. ބުނަން ނޭގޭފަދަ އުފާވެރިކަމާއި އަމާންކަމެއް މުޅި ޖިސްމަށްވެރިވެ ލުއިވިހެންވެސް ހީވިއެވެ. ހީކަރުވާފައި ހުއްޓާ ހޫނު ރަޖާގަނޑެއްގެ ހިމާޔަތް ލިބުނުފަދައެވެ. އެ ދުވަހަކީ ހަޔާތުގެ އެންމެ އުފާވެރި ރީތި ދުވަސްކަމުގައި ޔަގީނުންވެސް ވާނެއެވެ. ހިދާޔަތް ލިބުމުގެ އަސްލަކަށްވީ ހާރިސްކަމުގައި ވުމުން އެއީވެސް ޚާއްސަ މީހަކަށްވިއެވެ. ދެރައީ ހާރިސްގެ ހިތުން ޖާގައެއް ލިބުން ފަސޭހަކަމަކަށް ނުވިކަމެވެ.

ހާރިސްގެ ގާތުގައި އެރިކް ޚައިރާގެ ވާހަކަދެއްކީ ދެމީހުން އެކަނި ވުމުންނެވެ. ހާރިސް ޚިޔާރުކުރީ ހިމޭންކަމެވެ.

"ހެރީ ބުނަން ވާހަކައެއް؟ ރިވާޓް ކުދިން މާ ރަގަޅުވާނެ..."

"ބުނަމެއްނު ތި ނަން ނުކިޔާށޭ....."

"ސޮރީ ލިޓްލް ބްރަދާ...." އެރިކް ހީގަނެގެން ދެންވެސް ގަސްތުގައި ހާރިސް ރުޅިއަރުވައިލަން ގޮވައިލީ އޭނަ ނުރުހޭ ނަމަކުންނެވެ. ސަބަބަކީ ދެމީހުންގެ އުމުރުގައި މިނިޓްތަކެއްގެ ފަރަގު ހުރުމުން ހާރިސް ބޮޑަށް ހުންނަނީ އެރިކްއަށްވުރެ ހަރު މީހާކަމަށް ހެދިގެންނެވެ. އެރިކްއަށްވުރެ ސީރިޔަސްވެ ބޮޑުމީހާކަމަށް ވެގެންނެވެ.

"ހާރިސް ބުނީމެއްނު ކައިވެނި ހަމަޖެހުނު ކުއްޖާވެސް ސީރިޔާއަށް ދިޔައީއޭ، އައި ތޯޓް އެކްސްޓްރީމް ކުދިންވީމަ ކެމިސްޓްރީ ވަރުގަދަވާނެކަމަށް އެކަމަކު އެ ގާލް ކެހިދީފައި ފިލައިގެން ދިޔައީ ދޯ..." އެރިކް ހާރިސްގެ ހިތް އަނބުރައިލަން ދުރުދުރުން ވާހަކަފެށިއެވެ.

"ތިބުނީ މުޅިން ރަގަޅަށް ނޫން. އަހަރެމެންގެ ޚިޔާލު ތަފާތުވީމަ އޭނަ ދިޔައީ. އެއީ ކެހިދިނީ ކަމަށް ގަބޫލެއްނުކުރަން. އޭނަ ދެކުނީ ހިޖުރަވާން ޖެހެނީ ސީރިޔާއަށް ކަމަށް އެކަމަކު އަހަރެންގެ ފެވެރިޓް ޕްލޭސްއަކީ މަދީނާ. ދެމީހުން ހިޖުރަކުރަން ބޭނުންވި ތަން ތަފާތުވުމުން އެކީގައި އުޅުން އެހާ ރަގަޅުކަމަކަށް ނުދެކުނީ.މަދީނާއިން ދީނީ އިލްމު އިތުރަށް ހޯދައި އެތާގައި ހަޔާތުގެ ބާކީ ބައިި ހޭދަކުރުމަކީ މަގޭ ހުވަފެން. އެހެންވީމަ ކޮންމެ ކަމަކަށް ޖަޖް ނުކުރައްޗޭ. އެކްސްޓްރީމްއޭ ތިބުނަނީ ކިހިނެއް މާނަކޮށްފައިކަމެއް ނޭގުނު....." ދެމީހުން އެކީގައި މަގުމަތިން ހިނގާފައި ދިޔައިރު އެދެމީހުންނަށް މީހުންގެ ނަޒަރު އަމާޒުވިއެވެ.

އެރިކް އެ ވާހަކަ އިތުރަށް ކުރިއަށް ގެންދަން ބޭނުމެއްނުވިއެވެ.

ހާރިސް ރުޅިއައިސްދާނެތީއެވެ. ރީތިކޮށް ވާހަކަދައްކައިގެން ޚައިރާއާއި މަންމައާއި އޮތް ގުޅުން ރަގަޅުކޮށް ހާރިސް އެމީހުންގެ ތެރެއަށް ގެނެސް "ނޯމަލް" އާއިލާއެއްހެން އުފާވެރިކޮށް އުޅުމަކީ އެރިކްގެ ހުވަފެނެވެ.

"ހާރިސް ބުނެބަލަ. އުފާވެރިކަން ހޯދަނީ ކިހިނެއްތަ؟ އެއްވެސް މަޖާ ކަމެއްނުކޮށް..........." ކުއްލިއަކަށް އެރިކް ކުރީ އެހެން ސުވާލެކެވެ.

"އުފާވެރިކަމުގެ ތަޅުދަނޑިއަކީ އެމީހަކަށް ލިބިގެންވާ އެއްޗަކަށް ޝުކުރުވެރިވުން. އަބަދުވެސް ހެއްދެވި ފަރާތަށް ޝުކުރުވެރިވާންޖެހޭ. އެފަރާތަށް ޕްރެއިޒްކުރަން ޖެހޭ. އަބަދުވެސް ހެއްދެވި ފަރާތަށް ދުޢާކޮށް އެމީހެއްގެ ހިތުގެ ޝުއޫރުތައް ފާޅުކުރަންޖެހޭ. އަހަރެމެން ހެއްދެވި ފަރާތަށްވުރެ ބޮޑަށް އަހަރެމެންގެ އިހުސާސްތައް އަންޑަސްޓޭންޑްވާނެ އެހެން ފަރާތެއްނެތް. އަހަންނަށް ލިބިފައިވާ ބްލެސިންތައް ގުނާ އަދަދުނުކުރެވޭ. މިވަރަށް ޑިޒާވް ވާވަރަށް މަސައްކަތެއް ނުކުރެވޭ.......އެކިމީހުންގެ އުފަލާއި މަޖާ ހޯދުމުގެ ގޮތްތައް ވަރަށް ތަފާތު. އަހަންނަށް ބަލަބަލާ ހުރެވެނީ ނަމާދު ކުރާނެ ވަގުތަށް. ސަބަބަކީ ހެއްދެވި ފަރާތަށް ކުރިމަތިލާން މުސައްލަމަތީގައި ހުންނަ ވަގުތުގައި އެލިބޭ އުފާވެރިކަން އެހެން ކަމަކުން ނުލިބޭތީ......އެރިކްއަށް އަދި އެކަން ރިއަލައިޒްވާނެ. ވަގުތު ފާއިތުނުވާނެކަމަށް އުއްމީދުކުރަނީ. އަހަރެން އަބަދުވެސް ދުއާކުރަން އެރިކްއަށް...އާއިލާއަށް. ކޮންމެ ފަހަރަކު ސަޖިދައިގާ އޮވެ ދުޢާކޮށް......އެދެނީ ހަމަ އެންމެނަށް ހިދާޔަތް ލިބުމަށް......"

ހާރިސް ސިއްރުކުރީ އޭނަ ދުޢާކުރާއިރު ކަރުނައިން މުސައްލާ ތެމޭކަމެވެ. ލޯބިވާ އާއިލާއާއެކު ޖަންނަތުގައި އުޅުމަށްވުރެ އޭނަ އެދޭ އެހެން ކަމެއްނެތެވެ.

***

ހާރިސް ދިނަށް ދައުވަތުދިނުމުގެ ޕްރޮގްރާމް މަގުމަތީގައި ހިންގާއިރު އެކިދީންތަކުގެ އަހުލުވެރިންނާއި އިލާހަކު ނުވާކަމަށް ގަބޫލުކުރާ މީހުންވެސް އޭނައާއި ޖަދަލުކުރަން އައިސް އެއްވެގެން ތިބެއެވެ. ހާރިސްއަށް ލިބިފައިވާ އިލްމާއި ވާހަކަދެއްކުމުގެ ހުނަރާއި އެއްވަރަށް އެރީތިކަމުން އަސަރުކޮށް ގިނަ އަންހެންކުދިންތައްވެސް އެތަނަށް އެއްވެ އޭނަގެ ސަމާލުކަން އަތުލައިގަންނަން މަސައްކަތްކުރެއެވެ.

"ހައު ޑޫ ޔޫ އެކްސްޕީރިއެންސް ގޯޑް؟"

"ބިގްބޭންގް އެކްސްޕްލެއިން ކޮށްދީފާނަންތަ؟"

"ގޯޑް އެކްޒިސްޓް ވާކަމުގެ ހެކިދައްކަބަލަ..."

ކޮންމެ ފަދަ ސުވާލަކަށްވެސް ހާރިސް ފަރިތަކަމާއެކު ޖަވާބުދެއެވެ.

ކެތްރީން ބެލްކަނީގައި އިރުގަނޑެއްވާންދެން ހާރިސްގެ ހަރަކާތްތައް ދެކެން ހުރުމަށްފަހު ތިރިއަށް ހިނގައިގެންފިއެވެ. "މަގޭ ދަރި އެބަހުރި މީސްކޮޅެއް އެއްކޮށްލައިގެން ބަހުސްކުރަން. އިސްލާމްފޯބިއާގެ ސަބަބުން އޭނައަށް ގެއްލުމެއް ދީފާނެތީވެސް ބިރުގަނޭ. ހާރިސް އެވަރުން ދީނާއިހެދި އުޅެނީ ހާރިސްއަށް ޕްރެގްއިރު އަހަންނަށް މާ ދީނީ ވެވުނީތަ؟ އެބަ އަންނަން ހާރިސް ކިޔާ އެއްޗެއް އަހާފައި.............."

"އޭނަގެ މޮޔަ ވާހަކަ އަޑުއަހައިގެން ސިއާރާހެން ބްރެއިން ވޮޝްވެއްޖެއްޔާ......." މާކް ކަންބޮޑުވިއެވެ." ނަތާ....އަހަންނަށް އެނގޭ މަންމައަކަށް ދަރިފުޅު ކޮންމެފަދަ މީހަކަށްވިޔަސް ދުރު ނުވެވޭނެކަމާއި ހިތުގައި އޮތް ލޯތްބާއި ކުލުނަކީ ދެގޮތެއްނުވާ މާތް އެއްޗެއްކަމާއި ކިތަންމެ ބުންޏަސް ނަތާ އޭނައާއެކީ ވާނެކަން. އެހެންވެ ނުބުނާނަން ނުދާށޭ. މަންމައަކާއި ދަރިއެއްގެ ދޭތެރެއަށް ހުރަސް އަޅާ މީހަކަށް ނުވާނަން. އެ ދީނެއްގެ ބަޔަކާއި ހެދި މަގޭ އެލީ ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކުރީ.......އެކަމަކު ނަތާގެ ދަރިއަށް ހާރިސް ވީމަ...ކީކޭ ބުނާނީ؟ ގޯޑް ވޯކްސް އިން މިސްޓީރިއަސް ވޭއިސްދޯ..."

"އާނ މާކް......" ކެތްރީން ފެންކަޅިވިއެވެ."އެ މަދާސް ލަވް އިޒް އަންކޮންޑިޝަނަލް އެންޑް އިޓާނަލް. އެކަމަކު މި މަންމަ ހިތާއި ދެކޮޅަށް ހާރިސްއާއި އެރިކްއަށް ވަރަށް އަނިޔާވެސް ދިނިން. އެކުދިންގެ ބައްޕަގެ ފަރާތުން ބަދަލުހިފަން. މިއަދު އެކަމާއި ހިތާމަކުރަން. ހާރިސް ވަރަށް ސްޓަބްން، ދުވަހަކު މާފު ދޭނެކަމެއްވެސް ނޭގޭ. އެހެންވެ ހާރިސް ފެނުމުން ނުގޮސް ނުހުރެވެނީ..."

ކެތްރީން ހަގީގަތުގައި ފޮރުވަން ބޭނުންވީ އޭނަގެ ހިތް އިސްލާމް ދީނަށް ލެނބެން ފެށިކަމެވެ. ހާރިސްގެ ދަރުސްތައް ހިތުގައި ބީހިލާ ވަރާއި އެ ވާހަކަތަކުން ހިތަށް ކުރާ އަސަރުތައް މާކްއަށް ރޭކާލައިފިއްޔާ އެދެމީހުންގެ ދޭތެރޭގައި ފެށިދާނެ ހަގުރާމައަކަށް އޭނަ ބިރުހީވެއެވެ. ސިއްރު ސިއްރުން ހާރިސްގެ ޗެނެލްއަށް ވަދެ އެ ލެކްޗާތައް އެެހުމާއި ގުރުއާން އަޑުއެހުމުގައި އޭނަގެ ހުސް ވަގުތުތައް ދުއްވައިލެވެންފެށީ ޚައިރާފަދައިންނެވެ.

ކެތްރީން އެއްފަރާތުގައި މަޑުކޮށްލައިގެން ހުރީ ކަޅު އައިނަކުން ލޯ ފޮރުވާލައިގެންނެވެ.

"އެހެރީ މަގޭ މަންމަ......ވަރަށް އުފާވޭ މަންމަ ކްރިސްޓިއަނަކަށް ވިޔަސް އަހަރެންގެ ވާހަކަތައް އަހަން ކެތްތެރިވެގެން ހުންނާތީ. ދެ ދީނެއްގެ ދެމީހުންނަށްވިޔަސް ﷲ ސުހުބާނަހޫ ވަތައާލާގެ ރަހުމަތްފުޅުން އުމުރުގެ ވަކި ހިސާބަކުން މަންމައާއި ބައްދަލުވީ. އެކަމުގެ ހިކުމަތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް. ތޭންކްސް މަމް.." ހާރިސް އޭނަގެ މަންމައަށް ނަޒަރު ހުއްޓައިލަމުން ހިނިތުންވެލިއެވެ. މަންމަ ހުރިކަމަށް ހަދާނުލާ އެއްފަރާތްކޮށްލުމުގެ ބަދަލުގައި ހާރިސް އަމަލުކުރިގޮތުން ވަކިން ބޮޑަށް ކެތްރީންއަށް އަސަރުކުރިއެވެ.

***

އަސްލަން އޭނަގެ މަންމަ ޒެފްރީނަށް ވީޑިއޯކޯލެއް ކުރިއެވެ. ފިނި މޫސުމް ނިމި ބަހާރު މޫސުމްގެ ކުލަތައް ބަގީޗާތެރެއިން ފެންނައިރު މަންމަ ނެތުމުން ފަޅުވެފައިވާ ކަމުގައި އަސްލަން ބުނެލިއެވެ. ދޮންމަންމަވެސް ރަގަޅުކަމަށާއި އެކަމަކު މަންމަ ނެތުމުގެ އުނިކަން އިހުސާސްވާކަމުގައެވެ.

"މަންމާ..އަޅުގަނޑު ބޭނުން ކައިވެނިކުރަން..." އަސްލަން ކުއްލިއަކަށް ބުނެލިއެވެ.

"ދަރިފުޅާ..ކާކު؟ އެއަށްވުރެ ނަސީބު ރަގަޅު އަންހެންކުއްޖެއް ކާއިނާތުގައި ހުންނާނެތަ؟"

"އެކުއްޖާ ނަސީބުވެރިއެއްނުވާނެ....."

"އެއީ ކީއްވެތަ؟"

"މަންމާ. އަޅުގަނޑު އިންނާނީ ދިވެހި ކުއްޖަކާ...މަންމަ އެކަންކޮށްދޭންވީނު. އެރެންޖް މެރިޖްއެއް ތަޖުރިބާކޮށްލަންވެގެން..."

"ކީކޭ؟" ޒެފްރީނާ ލޯބޮޑުކޮށްލިއެވެ."މަންމަގެ އަސްލަން ކާލައިގެން އައިސް ހުރި ޖިންނިއެއްތަ؟ ނޫނީ ދަރިފުޅު ހާދަ މުސްކުޅި ފިކުރަކަށް ތި ދިޔައީ؟ އެރެންޖް މެރިޖް؟"

"ޔެސް. އެވެސް ނިގާބީ ކުއްޖެއް. މަންމަ އަޅުގަނޑަށް ނިގާބު އަޅައިގެން ހުރި އަންހެންކުއްޖެއް ހޯދަދެއްވާ. ޕްލީޒް..." އަސްލަން ސީރިޔަސްވެލިއެވެ.

"އެކަމަކު....ދަރިފުޅަކީ މުސްލިމެއްނޫން.."

"އިސްލާމްވާނަން. ދީންވެސް އުނގެނޭނަން. ކޮންމެހެން އެކުއްޖާ ގާތު މަންމަ އެހެން ކިޔާނެކަމެއްނެތް އިނގޭ. މަންމަ ބުނާނީ އަޅުގަނޑަކީ މުސްލިމެކޭ. ހުރިހާ ނަމާދެއްކުރެއޭ، ރޯދަ ހިފައޭ. އެ ދެން ދޮގަކަށްނުވާނެ މިއަދު ފޫހިވެގެން ނުކައި މިހިރީ. އައި މިސް ޔޫ މަމް..........." އަސްލަން އޭނަގެ މަންމައަށް ދޮނެއް ފޮނުވައިލީ އަތުންނެވެ. ޒެފްރީނާ އުފަލާއެކު ބަލައިގަތެވެ.

"ހޫމް. ދަރިފުޅު އަރަބިބަސް ދަސްކުރަންވީނު. ފްރެންޗް އިޓޭލިއަން ސްޕެނިޝް އަދި ޗައިނީޒްވެސް އެނގެއެއްނު. އެހެން ލެންގުއޭޖްތައްވެސް ފަސޭހައިން ދަސްކުރެވިދާފަދަ ކުއްޖެއްތިއީ. އޭރުން އެމީހުންނަށް ކޮންވިންސްވާނީ. މިވީގޮތުން ޝޭޚެއްގެ ދަރިއަކު ހަމަޖައްސަންވީ......މްމމްމ..އޯ.. ހަމަ ޕަފެކްޓް ގާލް ފެނިއްޖެ އިނގޭ. މިބުނާ ފެމިލީ އަނެއްހެން ދީންވެރި އެކަމަކު އެމީހުންގެ ދަރިފުޅު އަލާނާ އަދްނާން އެއީ ހަމަ ހައްދުފަހަނަޅާ އެއްފައި ސީރިޔާގައި އަޅައިގެން ހުރި ކުއްޖެއް. ސޯ އޭނަ ރަގަޅުވާނެތަ؟ ވަރަށް ލޯބިވެސް ކުއްޖެއް. ފޮޓޯ ދައްކަންތަ؟"

"ނޯ ނޯ ނޯ........" އަސްލަން އަވަސްއަވަހަށް ބުނެލިއެވެ.

"ކީއްވެތަ؟"

"އެރެންޖް މެރިޖްގައި އޮންނަ ގޮތް އެރިކް މަށަށް ކިޔާދިން. ސީދާ ގާލް ބަލަން އެގެއަށް ދާން ބޭނުމީ. މެރީކުރުމުގެ ކުރިން މޫނު ފެންނާނެކަމަށް އެރިކް ބުނީ...." އަސްލަން އަނގަޔަށް ގޮތެއް ހެދިއެވެ.

"ދަރިފުޅު ، ސިއާރާ........" ޒެފްރީން އެއްޗެކޭ ބުނަން އުޅުނެވެ.

"ސިއާރާއަކީ ޕާސްޓް. އަޅުގަނޑު ބޭނުމީ މޫވްއޮން ކުރަން.."އަސްލަން އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ.

"މަންމަގެ ހިތްވަރުގަދަ ދަރިފުޅު. ތިހެން ވާން ޖެހޭނީ. އެހެންނޫނަސް ސިއާރާއަށްވުރެ އަލާނާ ހުރިހާގޮތަކުން ޕާފެކްޓް. އަދި އަސްލަންއާއި އަލާނާގެ ނަން ކިހާ ގުޅޭ.والله. ދަރިފުޅާއި އަލާނާ ނިކަން ގުޅޭ....." ޒެފްރީނާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ.

ނުނިމޭ