04 Jun 2022, 09:14
"ޒެކް ކައިރީ ބުނެފީމޭ މިހާރު ބައްޕައާ ބައްދަލުކުރާށޭ... ދެ މީހުން ވާހަކަ ދައްކައިގެން ނޫނީ ދެން މައްސަލަ ހައްލެއް ނުވާނެއެއްނު... ޒެކް އެ ހުންނަނީ ބައްޕައާ ބައްދަލުކުރަން ނުކެރިފަ މަންމާ..." އިރަމް ބުންޏެވެ.
"މަންމަ ގޮތެއް ވިސްނައިފިން..." ޒަރީނާ ބުނެލިއެވެ.
********
"ހިނގާ އިހަށް އިށީންނަން..." އިރަމް އެދުނެވެ.
ދެމީހުން ގޭތެރެއަށް ވަނެވެ. އިރަމްގެ ތަރުތީބުކަމުން ޒަރީނާ ހުރީ އަޖައިބުވެފައެވެ. ކުޑަ ދަރިފުޅު ދުނިޔެއަށް އައުމުގެ ކުރިން، އެދަރިފުޅަށް މަރުހަބާ ކިޔުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވެފައި ހުއްޓެވެ. ސީލިންގުގައާއި ފާރުތަކުގައި ހުރީ، ކުލަކުލައިގެ އެއްޗެހި ހަރުކޮށްފައެވެ. ފާރުތަކުގެ ކުލަ އާކޮށްފައެވެ.
"ކުޑަ އެނދުވެސް ހޯދީތަ ދަރިފުޅުމެން؟..." ސިޓިންގްރޫމުގައި ހުރި ކުޑަ އެނދު ފެނުމުން ޒަރީނާ ސުވާލުކުރިއެވެ.
"ހުރިހާ އެއްޗެއްވެސް ހޯދައިފިން... މިހާރު މަދުވަނީ އެންމެ އެއްޗެއް..." ސޯފާގައި އިށީންނަމުން އިރަމް ބުންޏެވެ.
"އެއީ ކޯއްޗެއް؟..." ޒަރީނާވެސް އިރަމްގެ ކައިރީގައި އިށީނދެލިއެވެ. "މަންމަ ގަނެދޭނަން... އަވަހަށް ބުނޭ..."
"ކާފަ..." ބަނޑުގައި އަތް ޖައްސާލަމުން އިރަމް ބުންޏެވެ.
"ކާފަވެސް ލިބޭނެ..." ޒަރީނާ ޔަގީންކަމާއި އެކުގައި ބުންޏެވެ. "ބައްޕަގެ އުފަން ދުވަސް އެބަ އާދޭ... ދަރިފުޅުމެން ކުޑަ ހަފުލާއެއް ބާއްވަންވީނު... ބައްޕަ ވަރަށް އުފާވާނެ އެކަހަލަ ކަންކަމާ..."
"މިއަދު ޒެކް އައީމަ ތިކަމާ މަޝްވަރާކޮށްލާނަން..." ޒަރީނާގެ ޚިޔާލު އިރަމްއަށް ކަމުދިޔައެވެ.
"މަންމަ ބުނާނަން ވިޝްކާ ކައިރީ ދަރިފުޅަށް އެހީވާން... ދަރިފުޅު އެކަނި ހުރިހާ ކަމެއްގަ ނޫޅޭތި..." ޒަރީނާ އެދުނެވެ.
އިރަމްގެ މަޖާ މިޒާޖުގެ ސަބަބުން، ޒަރީނާ އާއި އެކުވެރިވެލީ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އަމިއްލަ ދަރިއަކާއި ވާހަކަ ދައްކަން ނުކެރޭހައި ގާތްކޮށް އިރަމް އާއި ވާހަކަ ދައްކަން ޒަރީނާއަށް ކެރެނީވެސް އެހެންވެއެވެ. ޒަރީނާ ދެކެނީ އިރަމްއަކީވެސް އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. އަމިއްލަ މަންމަގެ ފަރާތުން ނުލިބޭ ލޯތްބާއި އުފާ ޒަރީނާގެ ފަރާތުން އިރަމްއަށް ލިބެމުން ދިޔައެވެ.
ޒަރީނާ ދިޔުމުން އިރަމް ބަލައިލީ ގަޑިއެވެ. އިރު އޮއްސެން ކައިރިވީއިރުވެސް އައިޒަކް އޮފީހުން ގެއަށް ނާދެއެވެ. އިރަމް ނިންމީ އައިޒަކަށް ނޭނގޭނޭހެން އޮފީހަށް ދާށެވެ. ކުޑަ ތައްޓަކަށް ކާއެއްޗެހި އަޅައި، ތައްޔާރުކޮށްލުމަށްފަހު، ކުޑަކޮށް ތައްޔާރުވެލައިގެން އޭނާ ގެއިން ނުކުތެވެ.
ނަސީބު ދިމާކުރިގޮތުން އިރަމްއަށް ވަރަށް ފަސޭހައިން ޓެކްސީއެއް ލިބުނެވެ. އޭނާ ޓެކްސީއަށް އަރައަރައި ހުއްޓައި ކޮންމެވެސް މީހަކު ކޮނޑުގައި އަތް ޖައްސައިލިއެވެ. ކައިރީގައި ހުރި މީހަކު ފެނުމާއިއެކު އިރަމް ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. އިރަމްއަށް ފަހަތަށް ޖެހިލެވުނެވެ. ސިފައަށް ބަދަލު އައިސްފައި ވިޔަސް، ކުރިމަތީގައި ހުރީ، މުހައިމިނު ކަން ދެނެގަންނަން އޭނާއަށް އުނދަގޫ ކަމަކަށް ނުވިއެވެ. ދިގުވެފައިވާ ބޮލާއި، ތުނބުޅިމަތިމަހުގައި މުހައިމިނު ހީވަނީ މަގުމައްޗަށް ގިނަވެގެން އުޅޭ މީހެއް ހެންނެވެ. ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. ހީވަނީ ކާއެއްޗެއް ނުލިބޭ ނިކަމެއްޗެއް ހެންނެވެ. ތުންފަތް ހިކި، ކުރަކިވެފައެވެ. ދެލޯކައިރި ކަޅުވެ، ވަޅުވަދެފައެވެ.
"ތިހެން އުފަލުގަ އުޅުނަކަ ނުދޭނަން..." މުހައިމިނު ހަޅޭއްލަވައިގަތެވެ.
އިރަމްގެ ހިތް ހީވީ ބޭރަށް ފުންމައިލި ހެންނެވެ. އޭނާ އަވަހަށް ކާރަށް އަރަން އުޅުނެވެ. މުހައިމިނު ގަދަކަމުން ކާރުގެ ދޮރު ބޮޑަށް ހުޅުވުނަ ނުދީ ހިފެހެއްޓިއެވެ. އެއަށްފަހު، ދޮރު ލެއްޕިއެވެ.
"އަހަރެން ކަލޭ މަރާލާނަން... ބަނޑުގަ އޮތް ދަރިވެސް މަރާލާނަން..." މުހައިމިނު ހީވަނީ މޮޔަވެފައިވާ މީހެއް ހެންނެވެ.
އޭނާ އިރަމްގެ އަތުގައި ހިފެހެއްޓިއެވެ. ބިރުން ގޮސް އިރަމްގެ އަނގައިން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ. ޑްރައިވަރު ކާރުން ފައިބައިގެން އައިސް އިރަމް އާއި މުހައިމިނުގެ މެދަށް ވަނެވެ.
"އޭނަ އެހުރީ އަހަރެންގެ ދަރިފުޅު ކާލައިގެން... އޭނަ މަރާލާ..." މުހައިމިނު ހަޅޭއްލެވިއެވެ.
ޑްރައިވަރު މުހައިމިނަށް ވިސްނައިދީ ދުރުކުރަން މަސައްކަތް ކުރިއެވެ. ގަދަހަދާލާފައި މުހައިމިނު އުޅުނީ، އިރަމް އާއި ދިމާއަށް ފުންމައިގަންނާށެވެ. މަގުމަތިން ހިނގާފައި ދިޔަ މީހުންވެސް އެތަނަށް އެއްވިއެވެ. އިރަމްއަށް ހިމާޔަތް ދީގެން އެއްބަޔަކު ތިބިއިރު، އަނެއް ބަޔަކު ދިޔައީ މުހައިމިނުގެ އަމަލުތައް ފޯނުގައި ރެކޯޑުކުރަމުންނެވެ.
މީހުންތައް ދުރުކުރަމުން އައި އައިޒަކަށް އިރަމް އާއި ދިމާއަށް ދެވުނު ގޮތްވެސް ނޭނގުނެވެ. އިރަމްގެ ގައިގައި ހިފަހައްޓާލަމުން އޭނާ މުހައިމިނަށް ބަލައިލީ، ދެބުމަ ކައިރިކޮށްލަމުންނެވެ. ހުރިހާ ނުބައި ކަމަކަށްފަހު، އަދިވެސް މުހައިމިނު މަސައްކަތް ކުރަނީ އައިޒަކްގެ ދިރިއުޅުމަށް ވިހަލާށެވެ.
އާއްމުންގެ ބަޔަކު މައްސަލަ ހުށަހެޅިއެވެ. ގިނައިރުތަކެއްނުވެ ފުލުހުން އައެވެ. މައްސަލައިގެ ތަހުގީގު ފެށުނެވެ. މާޒީގައި ކަފުންކޮށް ވަޅުލާފައިވާ ބޮޑު ސިއްރު ތިލަވިއެވެ. އެއީ އިރަމް ބޭނުންވި ގޮތެއް ނޫނެވެ. އެ ވާހަކަ ދައްކަން އޭނާއަށް ފަސޭހައެއް ނުވިއެވެ. މައްސަލަ ފެންމަތިވީ، މުހައިމިނަށް ދެއްކުނު ވާހަކައަކުންނެވެ. މާޒީގައި ހިނގައިދިޔަ ހާދިސާއަށް މުހައިމިނަށް އިއުތިރާފުވެވުނީ، އޭނާގެ އަމިއްލަ ނަފުސަށްވެސް ނޭނގިއެވެ.
"ކަލޭމެން ހީކުރީތަ އުފަލުގަ އުޅެވޭނެއޭ.... އޭނ؟... އޭރުވެސް ދުރުކުރިގޮތަށް ދެންވެސް ކަލޭމެން ދެމީހުން ދުރުކުރާނަން..." ފުލުހުންގެ އިދާރާގައި އިނދެ، އައިޒަކަށާއި އިރަމްއަށް މުހައިމިނު އިންޒާރު ދިނެވެ.
ފުލުހުން ނަސޭހަތް ދިނުމުންވެސް އޭނާ ނުހުއްޓިއެވެ. ފުންމައިގެން އިރަމް އާއި ދިމާއަށް ދާން މަސައްކަތް ކުރިއެވެ. އެންމެފަހުން ފުލުހުންނަން މަޖުބޫރުވީ، މުހައިމިނުގެ ދެއަތުގައި ބިޑި އަޅުވާށެވެ.
"ކަލޭގެ މަންމަ ހީކުރީ އަހަންނާ އިނީމަ ހުރިހާ ކަމެއް ނިމުނީ ކަމަށްތަ؟... އެއީ ބޭވަފާތެރިއެއް... އަހަންނާ އިނދެގެން ހުރެވެސް، މަރުވެފަ އޮތް ކަލޭގެ ބައްޕަދެކެ އޭނަ ލޯބިވީ... ޒިވިއަންއަކީ އަހަންނަށް ލިބުނު ދަރިއެއްވީމަ އޭނައަށް ލޯބިނުދިނީ... އޭނަ ބާކީކޮށްލާ، ކަލެއާ ހެދި އެވަރުން އުޅުނީ... އަހަރެން ބޭނުންވި ބަދަލު، އޭނަގެ ކިބައިންވެސް، ކަލޭގެ ކިބައިންވެސް ހިފިއްޖެ... އަދިވެސް ހިފާނަން... އަޑު އިވިއްޖެތަ؟..." މުހައިމިނު ހަޅޭއްލަވަމުން ދިޔައެވެ.
ފެންކަޅިވެފައި އިން އައިޒަކަށް ގޮނޑީގައި އިނުން ވީ ދަތިކަމަކަށެވެ. މަންމަ އާއި ގުޅުވައިގެން މުހައިމިނު ދައްކަމުންދިޔަ ވާހަކަ އަޑުއަހަން އޭނާއަށް ފަސޭހައެއް ނުވިއެވެ. އެއްފަހަރުން ޖެހިޖެހީނުން މުހައިމިނުގެ އަނގަމަތި ފަޅާލަންވެސް އޭނާގެ ހިތް ބުންޏެވެ.
"ޒެކް..." އިރަމް އައިޒަކްގެ އަތްމަތީގައި އަތް ބާއްވައިލިއެވެ.
އެ ނާޒުކު ދަނޑިވަޅު އައިޒަކަށް ހިތްވަރު ލިބުނީ އިރަމްގެ ލުއިލުއި އެންމެ ބީހިލުމަކުންނެވެ. މާޒީގެ ސަބަބުން، މުސްތަގުބަލު ބަނަކޮށްލާހައި މިއަދު އޭނާ ވިސްނުން ކޮށްޓެއް ނޫނެވެ. އިރަމް އެ ހަޔާތަށް އައުން އެއީ އައިޒަކްގެ ނަސީބެވެ. އޭނާ އެކަމަށް ޝުކުރުވެރިވެއެވެ.
"އައިޒަކްގެ ބައްޕައެއް ނެތް... ސްކޫލްގަ ކުދިން އެސޮރަށް ގަނާކުރަނީ..." މުހައިމިނު ހޭންފެށިއެވެ. "ޒިވިއަންގެ ވާހަކަ އަހަރެން ބުނާ ކޮންމެ ފަހަރަކު ކަލޭގެ މަންމަ ދައްކާ އުޒުރަކީ އެއީ... ދެން އަހަރެންގެ ދަރިއަކީ ދަރިއެއް ނޫންތަ؟... ޒިވިއަންއަކީވެސް އެ ބަނޑުން އުފަންވި ކުއްޖެކޭ..."
އައިޒަކް ތެދުވިއެވެ. އިރަމް އެ އަތުގައި ހިފެހެއްޓުމުން ހަމަޖެހިލައިގެން އިނުމަށް އެދުނެވެ.
"ހަސަދަވެރިކަމުން ހިތް ފުރިއްޖެއްޔާ، އެމީހެއްގެ ދިރިއުޅުން އުފާވެރިއެއް ނުވާނެ... މަންމަ ބުނީ ރަނގަޅު ވާހަކައެއް.... ހަސަދަވެރިންނަން ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ... އެ މަންޒަރު މިއަދު އަހަންނަށް އެބަ ފެނޭ..." އައިޒަކް ވަރަށް ހަޖެހިލާފައި ބުންޏެވެ.
އައިޒަކްގެ ޖުމްލަތަކުން މުހައިމިނުގެ ލޭ ކެކިގަތެވެ. ފުލުހުން ފޮޅުވައިލާފައި އައިޒަކާއި ދިމާއަށް ދާން އުޅުނެވެ. އިރަމް ގޮވައިގެން އައިޒަކް ފުލުހުންގެ އިދާރާއިން ނުކުތްއިރުވެސް މުހައިމިނު ހަޅޭއްލަވާ އަޑު އިވިއިވި ހުއްޓެވެ.
********
ސައްތާރުގެ އުފަންދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ތައްޔާރީތައް ވާންފެށިއެވެ. އިސްކޮށް ހަރަކާތްތެރިވެ އުޅުނީ ވިޝްކާ އާއި އިރަމްއެވެ. ދެމީހުންގެ އެކުވެރިކަން ފެނި، މާކިން އާއި އައިޒަކްގެ ތުންފަތުން ހިނިތުންވުމުގެ އަސަރު ފިލައިގެން ނުދެއެވެ. އެ އުފާވެރި ވަގުތުގައި އައިޒަކް ހަނދާންވީ ޒިވިއަންގެ މަތިންނެވެ. ޒިވިއަން ހުރިނަމަ ކިހާ އުފާވެރިވީސް ހެއްޔެވެ؟
ގެއަށް ބޭނުންވާ ތަކެތި ގަންނަން ކަމަށް ބުނެ، ޒަރީނާ ސައްތާރު ގޮވައިގެން ބޭރަށް ދިޔައީ، އިރަމްމެންނަށް ގޭތެރެ ޒީނަތްތެރިކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ތައްޔާރީތައް ނިންމައި، ކޭކާއި، ހަދިޔާތަކާއި، ކާތަކެތިން މޭޒުމަތި ފުރާލިއެވެ. ޝާލިންވެސް އިރަމްމެންނާއި ބައިވެރިވިއެވެ. މޫނު ކުނިކޮށްލައިގެން ހުރެ، އިދާން އާއި ޖޫޒަންވެސް އެ ހަރަކާތުގައި ބައިވެރިވިއެވެ. މުހައިމިނުގެ ހަގީގަތް އެނގުނުފަހުން، އިދާން ހުންނަނީ، މައިތިރިވެފައެވެ. މުހައިމިނުގެ ސަބަބުން އިދާން އާއި ޖޫޒަން ފުލުހުންގެ އިދާރާއަށްވެސް ހާޒިރުކުރެވުނެވެ. ސިއްރުން އިރަމް އާއި އައިޒަކްގެ ތަސްވީރުތައް ނެގި މައްސަލާގައި ބަޔާން ނެގިއެވެ. މުހައިމިނު މަސައްކަތްކުރީ، ގެނބެމުންދިޔައިރު، އޭނާއާއިއެކުގައި އެހެން މީހުންވެސް ގަންބައިލާށެވެ. އެ މައްސަލައިން އިދާން އާއި ޖޫޒަން ސަލާމަތްވީ، އިރަމް އާއި އައިޒަކްގެ ސަބަބުންނެވެ. ދެމީހުން މައްސަލަ ދޫކޮށްލީއެވެ. ސައްތާރަށް ލިބިފައިވާ މުއްސަނދިކަމަކީ، އައިޒަކްގެ ބައްޕަގެ ފަރާތުން ލިބުނު މުއްސަނދިކަމެއްކަން އިދާންއަށް އެނގުންވެސް ވެގެންދިޔައީ އޭގެ ސަބަބެއް ކަމުގައެވެ. އެހެނަސް އިދާންގެ ހިތުގައި އައިޒަކާއި މެދުގައި އޮތް ހަސަދަވެރިކަން ފިލައިގެން ނުދެއެވެ. ބައެއް މީހުންގެ ހިތަކީ އުމުރު ދުވަހަށްވެސް ބަދަލުވާނެ އެއްޗެއް ނޫނެވެ.
ވިޝްކާ ހުރީ ފޯނަށް ބަލަބަލައެވެ. ޒަރީނާ މެސެޖުކޮށްލުމާއިއެކު، ގޭގެ ބޮކިތައް ނިވާލިއެވެ. އެންމެން މަޑުމަޑުން ތިއްބާ، ގޭގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. އެމީހަކު އެތެރެއަށް ވަނުމާއިއެކު، އެންމެން އެއްފަހަރާ ހަޅޭއްލަވައިގަންނަމުން ބޮކި ދިއްލައިލިއެވެ.
"ސަޕްރައިޒް..." ވިޝްކާ އޭނާގެ އަތުގައި އޮތް ކަރުދާސްތައް ދޮރުމަތީގައި ހުރި މީހެއްގެ ގަޔަށް އުކާލަމުން ބުންޏެވެ.
ދޮރުމަތީގައި ހުރި ޒިވިއަން ފެނި، އެންމެންނަށް ލިބުނީ ސިހުމެކެވެ. ޒިވިއަން ހުރީ ވާނުވާ ނޭނގިފައެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ، ދެލޯ ބޮޑުވެ، އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ހުރި ޝާލިންއެވެ. ޝާލިން ހުރިގޮތުން ޒިވިއަންގެ ކައިރިއަށް ހިނި އަންނަގޮތް ވިއެވެ. އޭނާ ޝާލިންއަށް ސިއްރު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއަށްފަހު، ގޮސް އައިޒަކްގެ ގައިގައި ބައްދައިލިއެވެ.
"ނުބައި ގަޑިއެއްގަ ދޯ މި އާދެވުނީ؟..." ޒިވިއަން ހީގަތެވެ.
އައިޒަކް ހުރީ އުފަލުންނެވެ. ޒިވިއަން އައުން ވެގެންދިޔައީ ދުވަސް މާ އުފާވެރިވެގެންދިޔަ ކަމަކަށެވެ. އެތައް ދުވަހަކަށްފަހު ޒިވިއަން ފެނުނުއިރު އެ ހަށިގަނޑުގެ ރޫފަވެސް ކުރިއަށްވުރެ ރަނގަޅެވެ.
"އެންމެފަހުން ގޮސް ބައްޕަ ތިކުދިންނަށް ދޯ ސަޕްރައިޒް މިދިނީ..." ޒިވިއަންގެ ފަހަތުން ގޭތެރެއަށް ވަން ސައްތާރު ޖަހައިލީ ހިނިގަނޑެކެވެ.
"މަންމާ ކީއްތަ ތިކުރީ؟..." ޒަރީނާގެ ކައިރިއަށް ޖެހިލަމުން ވިޝްކާ ޝަކުވާކޮށްލިއެވެ.
"މަންމައަކަށް ނޭނގެއޭ ބައްޕަ ޒިވިއަން ގެނައިކަމެއް... ދޮރާ ހަމައަށް އައިތަނާ މަންމައަށްވެސް ޒިވިއަން ފެނުނީ... ދެން ކިހިނެއް އެހާ އަވަހަށް ދަރިފުޅުމެން ކައިރީ ބުނާނީ..." ޒަރީނާ ބުނެލިއެވެ.
ސައްތާރު ހުރީ އުފަލުންނެވެ. އޭނާގެ އާއިލާ ފުރިހަމަވީއެވެ. އެންމެން އެކުވީއެވެ. އެވަރުގެ އުފާވެރިކަމެއް އޭނާއަށް އެއިން ދުވަހެއްގައިވެސް ނުލިބެއެވެ. އޭނާ ރުޅި އައިސްފައި ހުރީ، އެކަން އެގޮތަށް ކުރަން ފަސޭހަވީތީއެއް ނޫނެވެ. ޒަރީނާ އާއި ރުޅިން ހުރި ދުވަސްތަކަކީ، ސައްތާރުގެ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަސްތަކެވެ. އެކަމަކު، އެ ހިތާމަތައް އެއްފަރާތްވެ، މިއަދު އޭނާ އެހުރީ އުފަލުންނެވެ. ސައްތާރު ދެކެން ބޭނުންވި ދުވަސް އަތުވެއްޖެއެވެ.
އެންމެން ކޭކު ފެޅުމާއިވެގެން މަސްއޫލުވީ ވަގުތު ޒިވިއަން އިރަމްގެ ކައިރިއަށް ޖެހިލިއެވެ. އިރަމްގެ ބަނޑުގައި އަތް ޖައްސައިލިޔަސް އެންމެ ރަނގަޅުތޯ ސުވާލުކުރިއެވެ. އިރަމް ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ.
"ދޮންދޫނިގެ ދޮންތިއްތިބެ މިއައީ ބޭބީ އުރާލަން... ދެން މަންމި ބަނޑުގަ އޮންނާނެ ކަމެއް ނެތް... އަވަހަށް ނުކުންނައްޗޭ..." ޒިވިއަން ލުއި ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"ދޮންތިއްތިބެއޭ ކިޔާނެކަމެއް ނެތް..." ވިޝްކާ ޒިވިއަންގެ ބޮލުގެ ފުއްކިބައިގައި ޖެހިއެވެ. "އެންމެން ހާސްކޮށްލާފަ އިނގޭ ތިހިރީ... ބޭބީ އައީމަ ކުޓުވާލާނަމޭ..."
ބޮލުގެ ފުއްކިބައިގައި ފިރުމަން ހުރި ޒިވިއަންގެ ނަޒަރު ދުރުގައި ހުރި ޝާލިންއަށް ހުއްޓުނެވެ. ޒިވިއަން ބަލައިލުމުން ޝާލިން އިސްޖަހައިލިއެވެ.
އެންމެން އެކީގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅު ނިމުމާއިއެކު، އިރަމް އަވަސްވެގަތީ ގެއަށް ދާށެވެ. އޭނާގެ ބަނޑަށް ނޭނގޭ އުނދަގުލެއް ވަމުންދިޔައެވެ. އިރަމް ހުރިގޮތުން ޝައްކުވެގެން ޒަރީނާ އާއި އައިޒަކްވެސް ދެތިން ފަހަރަކު ސުވާލުކުރިއެވެ. ކޮންމެ ފަހަރަކުވެސް ކަމެއް ނުވާކަމުގައި އިރަމް ބުނީ، އެ އުފާވެރި ވަގުތުކޮޅު ނިމެން ބޭނުންނުވާތީއެވެ.
**********
އިވެމުންދިޔައީ، އަތިރިމައްޗަށް ރާޅު ބީއްސަމުންދިޔަ އަޑެވެ. ހުދު ދޮންވެލިގަނޑުގެ މަތީގައި އިށީނދެލައިގެން ތިބި ޝާލިން އާއި ޒިވިއަންގެ ނަޒަރު ހުއްޓިފައިވީ މޫދަށެވެ. ޒިވިއަން އިރުއިރުކޮޅުން ޝާލިންއަށް ބަލައިލައެވެ. ޝާލިން އެންމެ ފަހަރަކުވެސް ޒިވިއަންއަށް ބަލައިނުލައެވެ.
"ރުޅި އައިއްސަތަ؟..." ޒިވިއަން ސުވާލުކުރިއެވެ.
"ކޮންކަމަކާ؟..." ޝާލިން އަހައިލީ ފަރުވާކުޑަ ރާގަކަށެވެ.
"ނޭނގެ..." ޒިވިއަންއަށް އިތުރު ވާހަކައެއް ދައްކާކަށް ނުކެރުނެވެ.
"ކީއްކުރަން މިތަނަށް އަންނަން ބުނީ؟..." ޝާލިން ކުޑަކޮށް ނުރުހިފައި ސުވާލުކުރިއެވެ.
"ކިހިނެތްވީ؟... މައްސަލައެއްތަ އަނެއްކާ؟... ނޫނީ މައްސަލަ ޖައްސާނެ މީހަކު މިހާރު ހުރީތަ؟..." ޒިވިއަންގެ އަޑުގައި ނުތަނަވަސްކަމުގެ އަސަރު ވިއެވެ.
"ހޫމްމް... އެބަހުރި..." ޝާލިން އެއްބަސްވިއެވެ.
"ކާކު؟..." ބޭއިހުތިޔާރުގައި ޒިވިއަންއަށް އަހައިލެވުނެވެ.
(ނުނިމޭ)