"ކޮންކަމެއްހޭ ކުރީ؟... އިކްރާމް އަންހެނެއް ކައިރިއަށް ވަދެ އޮއްވާ ފެނުނީ އަހަރެންގެ މި ދެލޮލަށޭ... އެވެސް އިރަމްއަށް ބަނޑުބޮޑުކަން އެނގުނު ރޭ..." ރަހުމާ އޭނާގެ އަތުގައި އޮތް މޭވާ ކޮތަޅު އިކްރާމާއި ދިމާއަށް ހޫރައިލިއެވެ.

"އޭނ؟..." އިކްރާމަށް ލިބުނީ ސިހުމެކެވެ.

********

"އޮޅުވާލަން އުޅޭނެކަމެއް ނެތް..." ރަހުމާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

"އަހަރެން ކީއްކުރަން އޮޅުވާލަންވީ؟..." އިކްރާމްގެ ހައިރާންކަން ފިލައިގެން ނުދިޔައެވެ.

"އެއީ ހަމަ އިކްރާމްގެ ގަމީސް... އިކްރާމް މަސައްކަތްކުރި އޮފީސްތެރޭ..." ރަހުމާ ހިންދިރުވައިލިއެވެ.

"ރަހުމާ ތިހުރީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭ... އަހަރެން މީ ރަހުމާ ތި ހީކުރާހާ މުޑުދާރު ކަންތައްކުރާ މީހެއް ނޫން... އަހަންނަކީ އިނދެގެން އުޅޭ މީހާއަށް ވަފާތެރި މީހެއް... ތިބުނާ ދުވަހެއްގަ އަހަންނާ އެއްކަހަލަ ގަމީހެއް ލައިގެން އުޅުނީ އަހަންނާއެކީ މަސައްކަތްކުރި އަޖްވަދު... އަހަންނަށް މިހާ ޔަގީންކަމާއެކީ ބުނަން މިއެނގުނީ އެރޭ ތިބުނާ ގަނޑެއް ގަނެގެން އަނެއް ދުވަހު އޭނަ ވަޒީފާއިން ވަކިކުރީމަ... ރަހުމާއަށް އެނގޭނެ އޭނަ އޮފީހުން ކަނޑާލިކަންވެސް... ތިބުނާ ގަމީހަކީ ބޮސް ބޭރަށް ގޮއްސަ އައިއިރު އަހަންނަށް ގެނެސްދިން ގަމީހެއްކަންވެސް ރަހުމާއަށް އެނގޭނެ... އަޖްވަދަށްވެސް ބޮސް ގެނެސްދިނީ ހަމަ އޭގެ ގަމީހެއް..." އިކްރާމް ތަފްސީލް ދިނެވެ.

"އޮޅުވާލަން އުޅޭނެކަމެއް ނެތޭ ބުނެފީމެއްނު..." ރަހުމާ ކުޑަކޮށް ހާސްވެފައި ބުނެލިއެވެ.

އިކްރާމް ބުނީ ތެދެއްހެން ހީވި ނަމަވެސް އެކަން ގަބޫލުކުރަން ރަހުމާގެ ނަފުސު ދެކޮޅު ހެދިއެވެ. ގޮތްދޫނުކުރުމުގެ އާދަ ރަހުމާގެ ކިބައިގައި އަށަގަނެފައިވީ، މީހާ އިސްލާހުވާނޭ މިންވަރަށްވުރެ ބޮޑަށެވެ. އެތަނުން ދާންވެގެން ރަހުމާ ފަސްއެނބުރުނުއިރު، ކުރިމަތީގައި ހުރި އިރަމް އާއި އައިޒަކް ފެނުމުން ހުއްޓުން އެރިއެވެ.

********

ވިޝްކާއަށް ރުހުން ދިން ނަމަވެސް، ސައްތާރު އުޅުނީ ޒަރީނާ އާއި ދުރުދުރުންނެވެ. ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ ގެއިން ކައި ހެދި ނަމަވެސް އޭނާ ޒަރީނާ އާއިއެކު ވަގުތު ހޭދަކުރުން މަދުކުރިއެވެ. ވިޝްކާވެސް ތަކުރާރުކޮށް އެކަމާއި ބެހޭގޮތުން ޒަރީނާ އާއި ސުވާލުކުރިއެވެ. ކޮންމެ ފަހަރަކުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޒަރީނާ އެ ވާހަކަ އޮޅުވާލަނީއެވެ. ޝަކުވާ ނުކުރަން ހުއްޓަސް، ކެތް ނުވެގެން ޒަރީނާ ސައްތާރަށް ގުޅާފައި ޝަކުވާ ފުނި އޮއްސައިލިއެވެ.

"މުޅި އުމުރަށްވެސް ސައްތާރު ދެން ހުންނާނީ ތިހެންތަ؟... އަހަރެން މީ އެއްވެސް މީހަކަށް ނުވިތަ؟... މިހުރިހާ ދުވަހު އަހަރެން ވީ ގުރުބާނީގެ އެއްވެސް އަގެއްވެސް ނެތީތަ؟..." ޒަރީނާ ހުރީ ރޮވިފައެވެ.

"ގެއަށް ދިޔާމަ ތިވާހަކަ ދައްކާނީ..." ސައްތާރު އުޅުނީ ފޯނު ކަނޑައިލާށެވެ.

"އަހަރެން މިއުޅެނީ ބައްޕަ ގެއަށް ބަދަލުވާން..." ޒަރީނާ ބުނެލިއެވެ.

ކުޑަ ވަގުތުކޮޅަކަށް އެއްޗެކޭ ނުބުނެ ސައްތާރު މަޑުން ހުއްޓެވެ.

"އަހަރެންގެ ގޭގެ ޒަރީނާއަށް ނޫޅެވެންޏާ، ޒަރީނާ ހިތްހަމަޖެހޭ ތަނެއްގަ އުޅެން ދިޔުމަށް އަހަރެން އެއްވެސް ހުރަހެއް ނާޅާނަން..." ސައްތާރު ބުންޏެވެ.

"ސައްތާރަށް ކޮންމެ ގޮތެއް ވަރިހަމަތަ؟..." ޒަރީނާގެ ކެތްތެރިކަން ކޮޅުންލިއެވެ.

"ވަރިހަމަ ނޫންވީމައެއްނު އަހަރެން މިހެން މި ހުންނަނީ..." ސައްތާރު ބުންޏެވެ.

"މުހައިމިނު އުޅެނީ އަހަރެމެންގެ ދިރިއުޅުން ހަލާކުކުރަން... އެހެންވެ އޭނަ ސައްތާރުގެ ކައިރީ ދޭތެރެޖެހޭ ކަހަލަ ވާހަކަތައް އެ ދެއްކީ... ކީއްވެތަ ސައްތާރަށް ނުވިސްނެނީ؟..." ޒަރީނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"ޒަރީނާއަށް އެނގޭނެ އަހަރެން މީ ހަމަ މީހަކު އެއްޗެއް ބުނީމަ އެ ވާހަކައެއް ގަބޫލުކުރާނެ މީހެއް ނޫންކަން..." ސައްތާރު ދޫކޮށްލީ ފުން ނޭވާއެކެވެ.

"މިކަން ހައްލުކުރަން އަހަރެން ކިހިނެއްތަ ދެން ހަދަންވީ؟..." ޒަރީނާ ހުރީ ގޮތް ހުސްވެފައެވެ.

"އަހަރެން ހިތްހަމަނުޖެހުނީ ކީއްވެކަން ޒަރީނާއަށް އެނގޭނެ... އަހަންނާ އެކީ ތިހާ ދުވަހު އުޅެވިފަ ހުރިއްޔާ، އަހަރެން ރުއްސާނެ ގޮތްވެސް ޒަރީނާއަށް އެނގެންވާނެ..." ސައްތާރު ބުންޏެވެ.

ޒަރީނާ އިތުރު ވާހަކައެއް ބުނުމުގެ ކުރިން ސައްތާރު ފޯނު ކަނޑައިލިއެވެ.

********

ވީ ދެރައިން މަންމަ އާއި ބައްޕައަށް ބަހެއް ބުނުމެއްނެތި، އިރަމް ވަނީ ގޭތެރެއަށެވެ. އެ ދެމީހުންނަށް ގެއަށް ވަންނަން ދައުވަތު ދިނުމެއްވެސް ނެތިއެވެ. އޭނާ ބާރު ހިނގުމުގައި ގޮސް ކޮޓަރިއަށް ވަދެ، އެނދުގައި ޖައްސައިލިއެވެ. އިރަމްގެ ފަހަތުން އައިޒަކްވެސް އެތެރެއަށް ވަނެވެ. ގަނެގެން ގެނައި އެއްޗެހިތައް މޭޒުމަތީގައި ބަހައްޓާފައި، އިރަމްގެ ކައިރިއަށް ދިޔައެވެ.

އައިޒަކް އިރަމްގެ ކައިރީގައި އިށީނެވެ. އިރަމްގެ ކޮނޑުގައި އަތް ޖައްސައިލަން އުޅެނިކޮށް، އޭނާ ތެދުވިއެވެ.

"ވަރަށް ބަނޑުހައި... ކޯއްޗެއް ކާނީ؟..." އިރަމް ސުވާލުކުރިއެވެ.

އިރަމް ހިތުގައި ޖެހިފައި އިންނަމަވެސް އެކަން ނުދައްކަން މަސައްކަތް ކުރިއެވެ. އޭނާގެ ރަތްވެފައިވާ މޫނާއި ފެންކަޅިވެފައިވާ ދެލޮލުން އެ ހިތުގެ ރިހުން އައިޒަކަށް ރަނގަޅަށް އެނގުނެވެ.

"ހޫނު ނޫޑްލްސް..." އައިޒަކް ބުނެލިއެވެ.

"ސޫޕްގޮތަށް ދޯ..." އިރަމްއަށް އައިޒަކްގެ ހިޔާލު ކަމުދިޔައެވެ.

އިރަމް ބަދިގެއަށް ދިޔުމުން އައިޒަކްވެސް ފަހަތުން ބަދިގެއަށް ދިޔައެވެ. ފިޔާކޮށަން ހުރިއިރު، އިރަމް އޭނާ ލައިގެން ހުރި ހެދުމުގެ އަތުކުރިން ކަރުނަ ފޮހެމުން ދިޔައެވެ. ކުޑައިރުކޮޅަކު އިރަމްގެ ހަރަކާތްތަކަށް ބަލަން ހުރެފައި އައިޒަކް ގޮސް އިރަމްގެ އަތުން ފިޔާ އަތުލިއެވެ.

"މީ އަހަރެންގެ ވައިފް ރޮއްވާލާ އެއްޗެއް... އެހެންވީމަ، މިކަން ކުރާނީ އަހަރެން..." ފިޔާ އާއި ދިމާއަށް ވައްތަރެއް ޖައްސައިލަމުން އައިޒަކް ބުންޏެވެ.

އިރަމްއަށް ހެވުނެވެ. އޭނާ އައިޒަކްގެ ފަހަތުން، ބުރަކަށީގައި ބައްދައިލިއެވެ. ދުވަހަކުވެސް އައިޒަކް ގެއްލެން ނޭދޭ ފަދައަކުންނެވެ. އައިޒަކަކީ އޭނާގެ ދިރިހުރުމުގެ އެއްބަޔެވެ. އޭނާގެ ފިސްފިސްވެފައިވާ ހިތަށް ދިރުން ލިބެނީ އައިޒަކް ކޮށްދޭ ކުދިކުދި ކަންކަމުންނެވެ. އިރަމްގެ ގެއްލިފައިވާ އުފާވެރިކަން ހޯދައިދިނީ އައިޒަކެވެ.

އައިޒަކް ކައްކާ ނިމެންދެންވެސް އިރަމް އުޅުނީ އެހެންނެވެ. މައިންބަފައިންގެ ލޯބި ނުލިބުނީތީ، އިރަމް ކުރިން ކުރި ހިތާމަ މިއަދަކު ނުކުރެއެވެ. މިއަދު އެކަމަށް ޝަކުވާއެއްވެސް ނެތެވެ. އެހުރިހާ ދުވަހު އޭނާގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލުތަކުގެ ޖަވާބުވެސް މިއަދު ލިބިއްޖެއެވެ. މަންމަގެ ނަފުރަތުގެ އަމާޒުފަތްގަނޑަކަށްވީ ކީއްވެ ހެއްޔެވެ؟ ކުޑައިރޫއްސުރެ ގޯނާކުރީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ ކުށެއްނެތް ބައްޕަގެ ބޮލުގައި އެޅުނު ދޮގު ތުހުމަތެވެ. ކުރެވުނު ހަމަ އެންމެ ކުށްހީއެއްގެ ސަބަބުން ކުރި ކަމަކުން، ކިތައް މީހުންގެ ދިރިއުޅުން ހަލާކުވެއްޖެ ހެއްޔެވެ؟

********

އެނގުނު ހަގީގަތެއްގެ ސަބަބުން ރަހުމާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އެވަރުންވެސް ގޮތްދޫކޮށް، މައާފަށް އެދެން އޭނާ ހިތުވެސް ނުލައެވެ. އަމިއްލަ ގަދަރަށް އުނިކަމެއް އައުމަކީ ރަހުމާ އެދޭ ގޮތެއް ނޫނެވެ. ރަހުމާ ގަބޫލުކުރާ ގޮތުގައި މަޢާފަށް އެދުމަކީ، މާ ދަށު ދަރަޖައެއްގެ ބަޔަކު ކުރާނެ ކަމެކެވެ.

ރަހުމާ ގެއަށް ވަންތަން ބަލަން ހުރި އިކްރާމަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. މިއަދު އޭނާ ރަހުމާއަށް ކުރަންވީ ނަފުރަތު ހެއްޔެވެ؟ ނުވަތަ އަދާކުރަންވީ ޝުކުރު ހެއްޔެވެ؟ ރުޅި އައިސް އިރަމްއަށް ގެއްލުން ދޭންވިޔަސް ރަހުމާއަށް ކުރެވުނީ ރަނގަޅު ކަމެކެވެ. އެއީ އިރަމް އާއި އައިޒަކް ގުޅުވުމެވެ. އައިޒަކް އިރަމްދެކެ ވާ ލޯތްބާއި، ދެމީހުންގެ އުފާވެރި ގުޅުން ފެނި، އިކްރާމްގެ ހިތަށް ބުނެދޭން ނޭނގޭ ހަމަޖެހުމެއް ލިބިފައިވިއެވެ. އެހެނަސް، އިރަމް އާއި ދޭތެރޭގައި އޭނާއަށް ވިސްނެނީއެވެ. އެ ދަރިފުޅާއިމެދު އިހުމާލުވެވިފައިވާކަމުގެ އިހުސާސުން އޭނާއަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެކަން އިކްރާމަށް ކަށަވަރުވިއެވެ. އެފަދަ ކަންކަން ދަރިންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.

"ބޭބޭ... މިތާ ކީއްތިކުރަނީ؟..." ރިޝްވާންގެ އަޑަށް އިކްރާމް ސިހުނެވެ.

ރިޝްވާން އިނީ، މަގުގެ އެއް ކައިރިއަށް ސައިކަލު މަޑުކޮށްލައިގެންނެވެ.

"ގެއަށް ދާންވެގެން މިދަނީ..." އިކްރާމް ގަދަކަމުން ހިނިތުންވެލިއެވެ.

"ހިނގާ ލައިދޭނަން..." ރިޝްވާން އެދުނެވެ.

"އިކްރާމް ބޯ ޖަހާލާފައި ރިޝްވާންގެ ސައިކަލު ފަހަތަށް އެރިއެވެ.

********

ވިޝްކާ ހުރީ، އިދާން އާއި އޭނާގެ އަންހެނުން ޖޫޒަން ގެއިން ނުކުންނަންދެނެވެ. މަންމަގެ އަތުގައި އޮންނަ ޑަބަލް ތަޅުދަނޑިފަތިން އިދާންގެ ކޮޓަރި ހުޅުވައިގެން އޭނާ އެތެރެއަށް ދެމިގަތެވެ. ފަހަރަކު ތަނެއް ހޯދަމުން ދަނިކޮށް، އަލަމާރި ތެރޭގައި ފޮރުވާފައި އޮތް ފައިލެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޑަކުޓަރުގެ ރިޕޯޓުތައް އަޅާފައިވާ ފައިލެކެވެ. އިދާންއަކީ ކޮންމެ އަހަރަކުވެސް މެޑިކަލް ޓެސްޓްތައް ހައްދަމުންދާ މީހެއްކަން ވިޝްކާއަށް އެނގެއެވެ.

ފައިލުގައި ހުރި ލިޔުންތައް ފެނުމުން، ވިޝްކާގެ ދެބުމަ ގޮށްޖެހުނެވެ. އޭނާއަށް ހީވި ރަނގަޅަށެވެ. އިދާންގެ ސިއްހީ އެއްވެސް މައްސަލައެއް ނެތެވެ. އިދާން އޭނާގެ ކައިރީގައި ހެދީ ކަނޑައެޅިގެން ދޮގެކެވެ. ކޮންފަދަ ނުބައި ދޮގެއް ހެއްޔެވެ؟ އެކްޓް ކުރަންވެސް އިދާން އެހާ މޮޅު ހެއްޔެވެ؟

ޖޫޒަން އާއިއެކު ބޭރުގައި އުޅެފައި އިދާން ގެއަށް އައީ، އިރުއޮއްސުނު ފަހުންނެވެ. ވިޝްކާ އާއި ޒަރީނާގެ އިތުރުން ސައްތާރު ސިޓިންގްރޫމުގައި ތިބުމުން، ކޮންމެވެސް ކަމެއް ވެއްޖެހެން އިދާންއަށް ހީވިއެވެ. އިދާން ފެނުމުން ޒަރީނާ ތެދުވެގެން އައިސް އިދާންގެ އަތުގައި ހިފައިލިއެވެ. އިދާން ގެންގޮސް ސޯފާގައި ބައިންދާފައި ކައިރީގައި އިށީނެވެ.

"ދަރިފުޅު ކީއްވެ މަންމަމެން ކައިރީ ނުބުނީ؟..." ޝަކުވާގެ ރާގެއްގައި ޒަރީނާ ސުވާކުކުރިއެވެ.

އިދާންއެކޭ އެއްވަރަށް ޖޫޒަން ވެސް ހުރީ ވާނުވާ ނޭނގިފައެވެ. އުރައިގެން ހުރި ދަރިފުޅުގެ ގައިގައި އޭނާއަށް ބާރަށް ހިފަހައްޓައިލެވުނެވެ.

"ބައްޕަ ކައިރީ ބުނަން ނުކެރެންޏާ، މަންމަ ކައިރީވިޔަސް ބުނަން ދަރިފުޅަށް ކެރެންވާނެ..." ސައްތާރު ބުނެލިއެވެ.

"ހިނގާ ހޮސްޕިޓަލަށް... ތިހެން ދޫކޮށްލައިގެން ހުންނަ ވަރަށްވުރެ ބޮޑު ކަމެއް އަނގައިގެ ކެންސަރަކީ..." ޒަރީނާ ބުންޏެވެ.

"އަނގައިގެ ކެންސަރޭ؟..." ޖޫޒަންއަށް ލިބުނީ ސިހުމެކެވެ.

އިދާން ދެބުމަ ގޮށްޖަހައިލަމުން ވިޝްކާއަށް ބަލައިލިއެވެ. އެހުރިހާ ކަމެއް ކުރާނީ ވިޝްކާކަން އޭނާއަށް އެނގުނީއެވެ. ނޫނީ ޒަރީނާމެންނަށް އެކަން އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އިދާން ބަލައިލުމުން، ވިޝްކާ އެއްމިޔަކަނުން ހިނިތުންވެލިއެވެ. އިދާންގެ މޫނުމަތިން ފެނުނު ހާސްކަން ވިޝްކާގެ ހިތަށް އޭނާ ބޭނުންވި ހަމަޖެހުން ގެނެސްދިނެވެ.

"އެއީ ތެދެއް ދޮންބޭ... އަހަރެމެން އެންމެން މިތިބީ ދޮންބެއާ އެކީ... ހިނގާ ދާން ހޮސްޕިޓަލަށް..." ވިޝްކާ ތެދުވެގެން ގޮސް އިދާންގެ އަތުގައި ހިފައި ނަގަން އުޅުނެވެ.

"އިދާން ކީއްވެ އަހަންނަށް އޮޅުވާލީ؟..." ޖޫޒަން ހަޅޭއްލަވައިގަތެވެ.

"މޮޔަވެގެންތަ ތިއުޅެނީ އެންމެން؟... އަހަންނަކަށް ކެންސަރެއް ނުޖެހޭ... އަޑު އިވިއްޖެތަ؟..." އިދާން ވިޝްކާގެ އަތް ފޮޅުވައިލާފައި ގޮސް ކޮޓަރިއަށް ވަނެވެ.

"ޔެސް..." ވިޝްކާއަށް ހިތާއިހިތުން ބުނެވުނެވެ.

އިދާންގެ ފަހަތުން ޖޫޒަން ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން އިވެންފެށީ ދެމީހުން ޒުވާބުކުރާ އަޑެވެ. އެތައް އިރެއް ކޮށްފައި ޖޫޒަން ނުކުތްއިރު، އޭނާގެ އެއް އަތުން ހުރީ ދަރިފުޅު އުރާލައިގެންނެވެ. އަނެއް އަތުން ފޮށި ދަމަމުން ގޮސް ގެއިން ނުކުތެވެ. އެކަކުވެސް ޖޫޒަން ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ރުޅި ފިނިވުމުން ޖޫޒަން އެނބުރި އަންނާނެކަން އެނގޭތީއެވެ.

********

ރާއްޖެއިން ބޭރަށް ގޮސްފައި ޒިވިއަން މެސެޖުކުރުމުން، އައިޒަކް އެކަމާއި ދެރަވިއެވެ. އެނބުރި އައުމަށް އެދި އޭނާ ޒިވިއަންގެ ކައިރިން އާދޭސް ކުރިއެވެ. އެހެނަސް، ޒިވިއަންގެ ހިޔާލު ބަދަލެއް ނުވިއެވެ. އެނބުރި އައުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ޒިވިއަންގެ އުޒުރަކީ ކާމިޔާބު މީހަކަށް ވުމެވެ. އަދި އޭނާއަށް އެކަން ވާނީ، އިޓަލީގައި ހުރެގެން ކަމަށް ބުންޏެވެ. އެންމެފަހުން އައިޒަކަށް މަޖުބޫރުވީ، ޒިވިއަންގެ ނިންމުމަށް ރުހުން ދޭށެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޒަރީނާ އަންނަކަން އެނގުމުން އިރަމް ހުރީ، ގޭގެ ދޮރުމައްޗަށް ނުކުމެއެވެ. ނުވަމަހުގެ ބަނޑާއިއެކު އިރަމް ހުރީ ހިރިވެސްނުލެވިފައެވެ. ރަގަޅަށް ނޭވާވެސް ނުލެވެއެވެ. ޒަރީނާއަށް އިރަމް ފެނުމުން، ހަލުވިކޮށް ހިނގާލާފައި އައިސް ކައިރީގައި ހުއްޓުނެވެ.

"ދަރިފުޅު ކީއްވެ ބޭރަށް ނުކުމެ ތިހުރީ؟..." ޒަރީނާ ޝަކުވާކޮށްލިއެވެ.

"އޯކޭވާނެ... ކުޑަކޮށް ހެލިފެލިވެ އުޅެލަންޖެހޭނެއެއްނު މިދުވަސްކޮޅު...." އިރަމް ހިނިތުންވެލަމުން ބުންޏެވެ.

"މަންމަ އަންނަ ކޮންމެ ދުވަހަކު ދަރިފުޅު ހަދާނީ ތިހެން... އެހާ ވަރަށް ގެއަށް ކާއެއްޗެހިވެސް ނުފޮނުވާށޭ ބުނީމަވެސް ހަދަހަދާފަ ފޮނުވާނެ..." ލިފްޓާއި ދިމާއަށް ދިޔައިރުވެސް ޒަރީނާ ދިޔައީ ޝަކުވާ ކުރަމުންނެވެ.

"ބައްޕަ އަދިވެސް އަހަރެން ފޮނުވާ އެއްޗެހި ނުކައިތަ؟..." ޔަގީންކަން ކުޑަ ގޮތަކަށް އިރަމް ސުވާލުކުރިއެވެ.

"މިހާރު ކުޑަކޮށް ކައި... އިއްޔެ ދަރިފުޅު ފޮނުވި މުގު ބޮނޑިބަތް ކައިފަ ބުނި މީރޭ..." ޒަރީނާ ބުނެލިއެވެ.

"ޒެކް ކައިރީ ބުނެފީމޭ މިހާރު ބައްޕައާ ބައްދަލުކުރާށޭ... ދެ މީހުން ވާހަކަ ދައްކައިގެން ނޫނީ ދެން މައްސަލަ ހައްލެއް ނުވާނެއެއްނު... ޒެކް އެ ހުންނަނީ ބައްޕައާ ބައްދަލުކުރަން ނުކެރިފަ މަންމާ..." އިރަމް ބުންޏެވެ.

"މަންމަ ގޮތެއް ވިސްނައިފިން..." ޒަރީނާ ބުނެލިއެވެ.

(ނުނިމޭ)