"ޒެކް ބޭބީ..." އިރަމް ބުނެލިއެވެ.

"މަލާމާތް ކުރާނެ ކަމެއް ނެތް އިނގޭ..." އައިޒަކް ދެބުމަ ކައިރިކޮށްލައި، މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

********

"ކުރާނަން..." އިރަމް އޮތީ މަޖާ މޫޑެއްގައެވެ.

އިތުރު ހިތްވަރެއް ލިބުނު ފަދައަކުން އައިޒަކް އޭނާގެ އަތުގެ ތެރޭގައި އިރަމް ގައިދުކޮށްލިއެވެ. ގުޑިވެސް ނުލެވޭނޭހެން ހިފަހައްޓައިލުމަށްފަހު، އިރަމް ހެއްވަން ފެށިއެވެ.

"ޒެކް ދެން ނުހެއްވަބަލަ..." އިރަމް ހެމުން އައިޒަކްގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައެވެ.

"ބުނޭ މިވެސް ބޭބީއެކޭ... އޭރުން ހުއްޓާނީ..." އައިޒަކް އިރަމްގެ ކޮލުގައި ތުންފަތް ޖައްސައިލަމުން ބުނެލިއެވެ.

"ނުބުނާނަން..." އިރަމް ހީގަތެވެ.

"މީ މިހާރު ހާދަ ގޮތްދޫނުކުރާ ކުއްޖެކޭ..." އައިޒަކް އަނެއްކާވެސް އިރަމް ހެއްވަން ފެށިއެވެ.

"އޯކޭ އޯކޭ... ސްޓޮޕް..." އިރަމް ވަރަށް އުނދަގުލުން ބުނެލިއެވެ. "މިވެސް ބޭބީއެއް..."

އައިޒަކް އެދުނުގޮތަށް ކަންތައް ކުރުމުން، އޭނާގެ މޭގެ ތެރޭގައި އިރަމް ފޮރުވައިލިއެވެ. ހީހީ ވަރުބަލިވެފައި އޮތް އިރަމްއަށް އައިޒަކްގެ އެ އަމަލުން ދޫކޮށްލެވުނީ، ހަމަޖެހުމުގެ ނޭވާއެކެވެ.

"އަހަރެމެންނަށް ލިބޭނީ ކޮންކަހަލަ ބޭބީއެއްހެން ހީވަނީ؟..." ނޭވާ ހަމައަކަށް އަޅުވައިލަމުން، އިރަމް ސުވާލުކުރިއެވެ.

"މިކަހަލަ ލޯބިލޯބި ގާލްއެއް..." އައިޒަކް ވަގުތުން ޖަވާބު ދިނެވެ.

"އަހަރެން ބޭނުމީ ކުޑަކުޑަ ޒެކްއެއް ލިބެން..." އިރަމް ބުނެލިއެވެ.

"އޭރުން އަހަންނަށް އަހަރެންގެ ވައިފް ގެއްލިދާނެ..." ލާނެތް އަޑަކުން އައިޒަކް ބުންޏެވެ.

"ކީއްވެ؟..." އިރަމް ތުންފިއްތައިލިއެވެ.

"އޭރުން އިރޫއަށް އަހަރެން ނެތަސް އޯކޭވާނެއެއްނު... ކުޑަ ޒެކް ހުރީމަ..." އިރަމް ކުޑަކޮށް ދުރުކޮށްލަމުން އައިޒަކް ވާހަކަ ދެއްކީ، އެ މޫނަށް ނަޒަރު ހުއްޓާލައިގެން އޮވެއެވެ.

އައިޒަކްގެ ޖުމްލައިން އިރަމްގެ މޫނުމަތީގައިވާ ސަމާސާގެ ކުލަވަރު ފިލައިގެން ދިޔަތަން އައިޒަކަށް ރީތިކޮށް ފެނުނެވެ. އައިޒަކް ކަންބޮޑުވެފައި އިރަމްގެ ކޯތާފަތުގައި އަތް ޖައްސައި، ފިރުމައިލިއެވެ. އޭރު އިރަމްގެ ދެލޯ ފެންކަޅިވެއްޖެއެވެ.

"ޒެކް..." ކުރެހެމުންދިޔަ އަޑަކުން އިރަމް ގޮވައިލިއެވެ. "ދެން ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދައްޗޭ... ޒެކް ގޮއްސިއްޔާ އަހަރެން..."

"ޝްޝްޝް..." އިރަމްއަށް ރޮވެން ފެށުމުން، އައިޒަކް އޭނާ ހުއްޓުވިއެވެ. އަނެއްކާވެސް އޭނާގެ މޭގެ ތެރޭގައި އިރަމްގެ މޫނު ފޮރުވައިލިއެވެ.

"އަހަންނަށް މިހާ އުފާވެރި ދިރިއުޅުމެއް ލިބުނީ އިރަމްގެ ލޯބިން... މި ލޯބި ދޫކޮށްލާފަ ދާން ހިތަށްވެސް އަރުވާނީ ކިހިނެތް؟... އިރަމްގެ ލޯތްބާ ނުލާ އުޅޭނެ ގޮތެއް ނުވެސް އެނގޭ... އަހަރެން މިހުރީ އިރަމްއާއެކީ މުޅި އުމުރު ހޭދަކުރަން ނިންމައިގެން..." އައިޒަކްގެ އަޑުގައިވީ ޔަގީންކަމެވެ.

އިރަމް އިސާހިތަކު ހަމައަކަށް އެޅުނެވެ. ހިނިތުންވެލުމަށްފަހު، އައިޒަކަށް އިތުބާރުކުރާ ކަމުގައި ބުނެލިއެވެ. އިރަމް ގޮސް ފާހާނާއަށް ވަނުމުން، އައިޒަކް ގޮސް ހުއްޓިލީ ދޮރުފޮތިގަނޑުގެ ކައިރީގައެވެ. ފޮތިގަނޑު ކަހާލާފައި ދޮރު ހުޅުވައިލުމުން، ޖެހިލީ ފިނި ރޯޅިއެކެވެ.

"މަންމާ!... މިއަދު މަންމަ ހުރިނަމަ، އަހަރެންގެ ދިރިއުޅުން ހާދަ ފުރިހަމަވީހޭ... ހާދަ އުފާވެރިވީހޭ..." އުދަރެހަށް ނަޒަރު ހުއްޓާލައިގެން ހުރި އައިޒަކްގެ ހަނދާންތައްވީ މާޒީގެ ދުވަސްތަކާއި ގުޅިފައެވެ.

"އަހަންނަށް އެނގޭ މަންމަ ދެން އެނބުރި ނާންނާނެކަން... އެކަމަކު، އަހަރެންގެ ހިތުން ދުވަހަކުވެސް މަންމަގެ ހަނދާންތައް ފިލައިގެން ނުދާނެ... އަހަރެން އަބަދުވެސް މަންމައަށް ހެޔޮދުޢާ ކުރާނަން..." އައިޒަކް ހިތާއިހިތުން ވައުދުވިއެވެ.

********

ޒިވިއަން ގުޅާފައި ބައްދަލުކޮށްލަން އެދުމުން، ޝާލިން ހުރީ ތައްޔާރުވެލައިގެން ދޮރުމައްޗަށް ނުކުމެއެވެ. ޕާކުކޮށްފައިވާ ސައިކަލާއި ދިމާއަށް އޭނާ މިސްރާބުޖެހިތަނާ، ސައިކަލެއްގެ ބަރުގޮނުގެ އަޑު އިވުނެވެ. ޝާލިން ބަލައިލިއިރު، ޒިވިއަން އޭނާގެ ސައިކަލު މަގުގެ އެއްފަރާތަށް ހުއްޓައިގެން އިނެވެ.

"އަރާ..." ޒިވިއަން ބުނެލިއެވެ.

ޝާލިން ދެފިކުރެއްގައި ހުރެފައި ގޮސް ޒިވިއަންގެ ސައިކަލު ފަހަތަށް އެރިއެވެ. ސައިކަލުގައި ރަނގަޅަށް ހަމަޖެހިލިއިރު ޝާލިންގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. ޒިވިއަންގެ ގައިން ދުވަމުންދިޔަ ސެންޓުގެ މީރުވަހުން ޝާލިންގެ ސިކުނޑި ތާޒާވިއެވެ.

"އަހަރެންގެ ކަމަކު ތަނަކަށް ދަންޏާ، އެތަނަކަށް ގެންދަންވާނީވެސް އަހަރެންތާ..." ޒިވިއަން ބުނެލިއެވެ.

ޒިވިއަން ސައިކަލު ދުއްވާލުމުން، ޝާލިންއަށް ދެލޯ މަރާލެވުނެވެ. އެއީ ދުވަހަކުވެސް ވެދާނޭކަމަށް އޭނާ އުއްމީދުކުރި ކަމެއް ނޫނެވެ. ޒިވިއަން އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ޝާލިންއަށް އޭނާ ކަމުދިޔައެވެ. އެ ޒުވާނާއަށް އޭނާގެ ހިތް ކިޔެވެ. ކިތަންމެ ވަރަކަށް އެ ސޫރައަށް ބެލިޔަސް އޭނާ ބަލާ ފޫހިނުވެއެވެ.

"މިއާދެވުނީ..." ޒިވިއަންގެ އަޑާއިއެކު، ޚިޔާލެއްގެ ތެރޭގައި އިން ޝާލިންއަށް ސައިކަލުން ފޭބުނު ގޮތްވެސް ނޭނގުނެވެ. ފައި އަޅާލެވުނު ގޮތަކުން ފަޔަށް ތަދުވިހެންވެސް އޭނާއަށް ހީވިއެވެ.

ޒިވިއަން ހީލާފައި، ކުރިމަތީގައި ހުރި ރެސްޓޯރެންޓަށް ވަނުމުން، ޝާލިންވެސް އޭނާގެ ފަހަތުން އެތެރެއަށް ވަނެވެ. ޒިވިއަންގެ ފިރިހެންވަންތަ ހިނގުމާއި، އިސްކޮޅާއި، ރޫފައަށް ތައުރީފު ކުރަމުންނެވެ. ޝާލިން ގަބޫލުކުރީ ރީތި ކޮންމެ އެއްޗަކީ ލިބޭނޭ އެއްޗެއް ނޫންކަމެވެ. އަދި ހާސިލުކުރެވޭނޭ އެއްޗެއްވެސް ނޫންކަމެވެ.

"މިތަން އޯކޭތަ؟..." ޒިވިއަން އަހައިލީ އެކުވެރި ރާގަކަށެވެ.

ޝާލިން ބޯޖަހައިލުމުން، ގޮނޑި ދަމާލަދީފައި ޒިވިއަން ގޮސް އިށީނެވެ.

"ކޯއްޗަކަށް އޯޑަރު ދޭނީ؟..." މެނޫ ގެނައުމަށް ވޭޓަރަށް އިޝާރާތްކޮށްލަމުން ޒިވިއަން އަހައިލިއެވެ.

"ކާނީ..." ޝާލިންއަށް އަވަސް އަވަހަށް ބުނެވުނެވެ.

އެވަގުތުކޮޅު އެހާ އަވަހަށް ނިމިދާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކޮފީއެއް ގެންނަން ބުނެފިނަމަ، ދެތިން މިނެޓުގެ ތެރޭގައި ކޮފީ ބޮއެ ނިމޭނެއެވެ. އޭރުން ޒިވިއަން އޭނާ އާއިއެކު އެތަނުގައި މާ ގިނައިރު އިންނާކަށް ބޭނުމެއް ނުވާނެއެވެ. އޭގެ ބަދަލުގައި ކާ އެއްޗަކަށް އޯޑަރުކޮށްފިނަމަ،ޝާލިން ހިތްހަމަޖެހޭ ވަރަށް ޒިވިއަން އާއިއެކު އިނދެވިދާނެއެވެ.

"އޯކޭ..." ލުއި ހިނިގަނޑަކާއިއެކު ޒިވިއަން ބުނެލިއެވެ.

ޒިވިއަން ހީކުރީ ޝާލިން މާ ބޮޑަށް ބަނޑުހައިވެފައި އިނީ ކަމަށެވެ. މެނޫ ޝާލިންގެ އަތަށް ދީފައި ޒިވިއަން ނެގީ އޭނާގެ ފޯނެވެ.

"ބަޓާޗިކަންއާ ފަރާޓާ..." ޝާލިން ނެގީ ޔަގީނުންވެސް އެންމެ ގިނައިރުން ހެދޭނެ އެއްޗެކެވެ.

"ފުރުޓް ސެލެޑެއް ގެނެސްދީ..." ފޯނު އަނބުރާ ޖީބަށް ލަމުން، ޒިވިއަން އެދުނެވެ.

ވޭޓަރު ދިޔުމުން، ދެމީހުންނަށް އެކަކު އަނެކަކާއި ދިމާއަށް ބަލައިލެވުނީ އެއްފަހަރާއެވެ. ޒިވިއަން އިނީ ވާހަކަ ފަށާނޭކޮޅެއް ނޭނގިފައެވެ.

"ޝާލިންއަށް މިހާރު ކޮންމެސް ވަރަކަށް އެނގިފަ ކަންނޭނގެ އޮންނާނީ... ދައްކަން މިއުޅެނީ ކޮން ވާހަކައެއްކަން..." ޒިވިއަންގެ މޫނުން ފެނުނީ ލަދުވެތިކަމެވެ.

"ކުއްލިއަކަށް ހަގީގަތް އެނގުނީމަ އިރޫއަށް އަދި އުނދަގޫވަނީ ވާހަކަ ދައްކަން..." ޝާލިން ބުނެލިއެވެ. އޭނާ ހީކުރީ، ޒިވިއަން ދައްކަން އުޅެނީ އިރަމް ވާހަކަ ނުދައްކާ ވާހަކަ ކަމަށެވެ.

"އަހަންނަށް އަންޑަސްޓޭންޑްވޭ... އެވަރުގެ ކަމެއް ދިމާވީމަ އެހެންވާނެ... އަހަންނަށްވެސް އުނދަގޫ އެ ދެމީހުންގެ ކުރިމައްޗަށް އަރަން..." ޒިވިއަން އިސްޖަހައިލިއެވެ.

"ޒިވިއަންގެ ކުށެއް ނެތްކަން އެންމެންވެސް ގަބޫލުކުރޭ... މިވަގުތު ފޭސްކުރަން އުނދަގޫވިޔަސް، އަހަންނަށް ޔަގީން އިރޫމެން ޒިވިއަންއަށް ހިތްގޯސް ނުކުރާނެކަން..." ޝާލިން ޔަގީންކަން ދިނެވެ.

"އަހަރެން ޝާލިންގެ ކައިރިން އެދެން މިއުޅެނީ ވަރަށް ބޮޑު ކަމަކު..." ޒިވިއަން އޭނާގެ ވޮލެޓުން ނެގި ކޭޝް ކާޑު ޝާލިންގެ ކުރިމަތީގައި ބޭއްވިއެވެ.

"ތި އެކައުންޓްގަ ހުންނާނީ އަހަރެންގެ ބައްޕަ އަހަންނަށް ދިން ފައިސާ... ތި ފައިސާގެ ހައްގުވެރިޔަކީ އަހަންނެއް ނޫން... ބޭބެ..." ޒިވިއަން ބުނެލިއެވެ. "ބޭބެގެ ބައްޕަގެ މުދާތަކުން ބައްޕަ މިހުރިހާ ދުވަހު ނެގި ފައިދާ ނުދެވުނަސް، ތި އެކައުންޓްގަ ފުދޭ ވަރަކަށް ފައިސާ ހުންނާނެ... އަހަންނަށް އެނގޭ އެމީހުން މި ބޭނުން ނުކުރާނެކަން... އެހެންވެ، ޝާލިންގެ އެހީތެރިކަމަށް އެދެން މި ޖެހުނީ..."

"އަހަރެން..." ޝާލިން އުޅުނީ ދެކޮޅުހަދާށެވެ.

"ބޭބެމެންނަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާ ދުވަހަކުން، ތި ފައިސާއިން ޝާލިންގެ ނަމުގަ އެމީހުންނަށް އެހީތެރިވެދީ..." ޒިވިއަން އެދުނެވެ.

"ޒިވިއަން ތިއުޅެނީ ތަނަކަށް ދާންތަ؟..." ޝާލިން ސުވާލުކުރީ އުނދަގޫ ގޮތަކަށެވެ.

"ހޫމްމް... އިޓަލީއަށް ދާން މިއުޅެނީ..." ކަރުނުން ފުރެމުންދިޔަ ދެލޯ މަރައި، ހިނިތުންވެލަން މަސައްކަތްކުރަމުން ޒިވިއަން ބުނެލިއެވެ.

"ކީއްވެ؟..." ޝަކުވާގެ ރާގެއްގައި ޝާލިންއަށް އަހައިލެވުނެވެ.

"ކަންކަން ހަމައަކަށް އެޅިލީމަ އަހަރެން އެނބުރި އަންނާނަން..." ކަރުނަތައް ހިންދާލަމުން ޒިވިއަން ހިނިތުންވެލިއެވެ.

"އެކަމަކު..." ޝާލިން ދެރަވިއެވެ.

"ބޭބެމެން ކައިރީ ނުބުނައްޗޭ އަދި... އަހަރެން އެކޮޅަށް ގޮއްސަ މެސެޖުކުރާނަން ބޭބެއަށް..." ޒިވިއަން އޭނާގެ ފަހުގެ ނިންމުން ހާމަކުރިއެވެ. އެ ނިންމުން ބަދަލުނުވާނޭކަން ޝާލިންއަށް ޔަގީންވިއެވެ.

ޝާލިންގެ ތަބީއަތު ހަރާބުވިއެވެ. ކާތަކެތި އައުމުން ކާހިތްވެސް ކެނޑުނެވެ. ޒިވިއަން ހުއްޓުވަން ބޭނުންވި ނަމަވެސް އޭނާގެ އޮތީ ކޮން ހައިސިއްޔަތެއް ހެއްޔެވެ؟ އޭނާއަކީ ޒިވިއަންގެ ކާކު ހެއްޔެވެ؟ އެންމެ ދުވަހަކު ގާތްކޮށް ވާހަކަ ދައްކާލުމުން، އަމިއްލަ މަގާމު އޮޅުވައިނުލާން ޝާލިންގެ ހިތުގެ ކަނަކުން ބުނެލިއެވެ.

********

އިރަމް ބަލިވެއުޅޭކަން އެނގުމާއިއެކު، މޭވާ ކޮތަޅެއް ހިފައިގެން ރަހުމާ އެގެއަށް ދިޔައެވެ. އޭރު ދޮރުމަތީގައި އިކްރާމްވެސް ހުއްޓެވެ. އިކްރާމް މަޑުކޮށްލައިގެން ހުރީ އިރަމްމެން ބޭރުގައި އުޅެފައި އެނބުރި ގެއަށް އަންނަ ވާހަކަ ބުނުމުންނެވެ. ރަހުމާގެ ނަޒަރު އިކްރާމުގެ ދެއަތް ފުރާލާފައިވާ ކޮތަޅުތަކުން އެ މޫނަށް ހުއްޓުނުއިރު، މޫނުމަތިން ފެންނަމުންދިޔައީ ހަސަދަވެރިކަމެވެ.

"އިރަމްގެ ބައްޕަ މިހާރު އަހަންނަށް ފާރަލާންވެސް ފެށީތަ؟... އަހަރެން އަންނަހާ ތަނަކަށް ތި އަންނަނީ..." އިކްރާމާއި ދިމާއަށް ތުންއަނބުރައިލަމުން ރަހުމާ ބުންޏެވެ.

"ރަހުމާ އަންނަކަން އެނގޭނަމަ، މިގަޑީ އަހަންނެއް ނާންނާނަން..." އިކްރާމުގެ އަޑުގައި ހުރީ ދުރުގޮތެކެވެ.

"ހޫން... ތިބުނަނީ އަހަރެން ހިނގާ މަގަކުންވެސް ނުހިނގާނަމޭތަ؟..." ރަހުމާ ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ.

"އަހަންނަށް އެނގޭ ރަހުމާ އަހަރެންދެކެ ރުޅި އަންނަކަން... އަހަރެންގެ ދަރިފުޅުދެކެވެސް ރުޅި އަންނަކަން... ތި ހަސަދަވެރިކަމާއެކީ އިރަމްގެ ކުރިމައްޗަށް ނޭރިއްޔާ ރަނގަޅުވާނީ..." ކެތްތެރިވާން އުޅުނަސް، އިކްރާމަށް އެކަމެއް ނުވިއެވެ.

"އިކްރާމަކަށް ނޭނގޭނެ އަހަރެން ކަންތައް ކުރަންވީގޮތް ކިޔާދޭކަށް... ހަމަ ރަނގަޅަށް އެނގޭނެ ކީއްވެކަން އަހަރެން އިރަމްއަށް ނަފުރަތުކުރަން ޖެހުނީ..." ރަހުމާ ދަތްކުނޑިވިކައިލިއެވެ.

"ރަހުމާ ބޭނުންނުވެ ހުއްޓާ އިރަމްއަށް ބަނޑުބޮޑުވުން އެއީ އިރަމްގެ ކުށެއްތަ؟... ތި އަންނަ ރުޅި އަހަންނަށް ބާލާ..." އިކްރާމް އަމުރުކުރިއެވެ.

"އިކްރާމް ހީކުރީ އިކްރާމްގެ ހަގީގަތް އަހަންނަށް ނޭނގޭކަމަށްތަ؟..." ރަހުމާގެ އަޑުގައި ރިހުމެއްގެ އަސަރުވިއެވެ. "އިރަމްއަށް ބަލިވެއިންކަން އެނގުނު ރޭ އަހަރެން ހުރީ ހާދަ އުފަލުންނޭ... ހުރިހާ ކަމެއް ބަދަލުކޮށްލީ އިކްރާމް... ހުރިހާވެސް މައްސަލައަކީ ހަމަ ތީ..."

"އަހަރެން ކޮންކަމެއް ކުރީތަ ރަހުމާ އަހަރެންދެކެ ތިހާ ރުޅިއަންނަން؟..." އިކްރާމް ސުވާލުކުރީ ރަހުމާގެ ވާހަކަ ގަބޫލުނުކުރެވިފައިވާ ރާގަކަށެވެ.

"ކޮންކަމެއްހޭ ކުރީ؟... އިކްރާމް އަންހެނެއް ކައިރިއަށް ވަދެ އޮއްވާ ފެނުނީ އަހަރެންގެ މި ދެލޮލަށޭ... އެވެސް އިރަމްއަށް ބަނޑުބޮޑުކަން އެނގުނު ރޭ..." ރަހުމާ އޭނާގެ އަތުގައި އޮތް މޭވާ ކޮތަޅު އިކްރާމާއި ދިމާއަށް ހޫރައިލިއެވެ.

"އޭނ؟..." އިކްރާމަށް ލިބުނީ ސިހުމެކެވެ.

(ނުނިމޭ)