ރާއްޖޭގައި މަސައްކަތްކުރާ ބިސޭދީން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ބާއްވާ އެއްވުންތަކުގައި ބައިވެރިވަމުންދާ ކަމަށާއި އެފަދަ ބިދޭސީންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.

ކޮންޓްރޯލާ އިލްޔާސް ހުސައިން އިބްރާހިމް މިއަދު ވިދާޅުވީ ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި ބިދޭސީން ބައިވެރިވެ ހަރަކާތްތެރިވަމުންދާ ކަމުގެ ޝަކުވާތައް އާންމު ފަރާތްތަކުން ހުށަހަޅަމުންދާ ކަމަށެވެ.

"އާންމު ފަރާތްތަކުން ޝަކުވާތައް ހުށަހަޅަމުން ގެންދޭ. އަނެއްކާ ހަބަރުތަކާއި ބައެއް ވީޑިއޯތަކުން ފެއްނަމުން ދަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ސިޔާސީ އެކި ހަރަކާތްތަކުގައި ބައިވެރިވާތަން،" ކޮންޓްރޯލާ ވިދާޅުވި އެވެ.

ކޮންޓްރޯލާ ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ބައެއް ބިދޭސީންނާ އިމިގްރޭޝަނުން ވާހަކަ ދެއްކުމުން އޭގެ ތެރެއިން ބައެއް ބިދޭސީން ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް ސިޔާސީ އެއްވުންތަކުގައި ބައިވެރިވާ ބައެއް ބިދޭސީން މިހާރުވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ.

ސިޔާސީ އެއްވުން ތަކުގައި ބައިވެރިވާ ބިދޭސީންނާއިމެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިލްޔާސް މިއަދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކުގަ އާއި މަދަނީ ޖަމިއްޔާތަކުން ބާއްވާ އެއްވުންތަކުގައި ބައިވެރިވާ ބިދޭސީންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެ އިމިގްރޭޝަނުން މިއަދުވަނީ ނޫސްބަޔާނެއް ވެސް ނެރެފަ އެވެ.
މި ބަޔާނުގައި އެފަދަ ހަރާކަތެއްގައި ބައިވެރިވެ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ސިޔާދަތަށް ހުރަސް އެޅުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މައްދާގެ (ނ) ގައިވާ ގޮތުގެ މަތީން އަމަލުކުރާނެ ކަމަށް ވެސް އިންޒާރުކޮށްފައި ވެއެވެ.

އިމިގްރޭޝަން ގާނޫނޫގެ 33 ވަނަ މާއްދާގެ (ނ) ގައި ބުނަނީ އިމިގްރޭޝަން ގާނޫނާއި ހިލާފަށް ބިދޭސިއަކު ކުށެއްކޮށްފިނަމަ އެމީހެއްގެ އަދަބަކީ 15000ރ. އާއި 50000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށެވެ. މީގެ އިތުރުން އެމީހަކަށް ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލުމުގެ އިހްތިޔާރު އިމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

އެމްޑީޕީން ދާދި ފަހުން ލޮނު ޒިޔާރަތްކޮޅުގައި ކޭމްޕް ޖަހައިގެން އުޅުނު އިރު އެތާގެ އެއްވުންތަކުގައި ބިދޭސީ ބައިވެރިވެފައި ވެއެވެ. އަދި 23 ޑިސެމްބަރު މުޒާހަރާގައި ވެސް ބިދޭސީން ހަރަކާތްތެރިވި ކަމަށް ބުނެ އެވެ.