އަންހެން ފުލުހުންނަށް އަމާޒުކޮށްގެން ޕަބްލިކް އޯޑާ ޓްރެއިނިން ކޯހެއް ފަށައިފި އެވެ. ފުލުހުން ބުނީ މިއަހަރު ޕޮލިސް އެކަޑަމީން ހިންގާ ކޯސްތަކުގެ ތެރެއިން އަންހެން ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ޕަބްލިކް އޯޑާ ޓްރެއިނިންގް ކޯހަކީ އެއް މަސްދުވަހުގެ މުއްދަތަށް މާލޭ ގައި ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ.

އަންހެން 24 ފުލުހަކު ބައިވެރިވާ މިކޯސް ފުރިހަމަ ކުރުމުން ޣައިރު ގާނޫނީ އެއްވުންތަކާއި ހަމަނުޖެހުންތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް ކޮންޓްރޯލްކޮށް، ރޫޅާލުމުގެ ހުނަރާއި ގާބިލުކަން ލިބޭނެ އެވެ. ކޯސް ފެށީ މިމަހުގެ 18 އިގަ އެވެ.

އަންހެން ފުލުހުންނަށް ފުރަތަމަ ފަހަރަށް ޕަބްލިކް އޯޑާ ޓްރެއިނިން ކޯހެއް ފަށާފައިވާއިރު، މީގެ ދެ ދުވަސް ކުރިން ވަނީ އަންހެން ފުލުހަކަށް ހަމަލަދީ ޒަޚަމްކޮށްލާފަ އެވެ.