ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ހޯދަން އެދިފައިވާ ދެ ބިން އެ ޕާޓީތަކަށް ނުދޭން ނިންމައި، ދަރުބާރުގޭގެ ބިއްދޮށުން އޮންނަ އުސްފަސްގަނޑު އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ތިން މަސް ދުވަހަށް ދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމުން ސިޓީ ކައުންސިލުގައި ހޯދަން އެދުނު ބިންތަކުގެ މައްސަލާގައި މަޝްވަރާކުރުމަށްފަހު، ނިންމާފައިވަނީ އެއްވެސް ބިމެއް ސިޔާސީ ހަރަކާތައް ހިނގުމަށް ދިގު މުއްދަތްތަކަށް ނުދޭ ގޮތަށެވެ. އަދި އެގޮތަށް ފާސްކޮށްފައި ވަނީ ކައުންސިލުގެ އަގުލަބިއްޔަތުންނެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރާޅުގަނޑު ސަރަހައްދު ރޫޅާލުމާއެކު ސިޓީ ކައުންސިލުން ވަނީ ދަރުބާރުގެ ފުރަގަހުން އޮންނަ އުސްފަސްގަޑު އެމްޑީޕީގެ ހަރަކާތްތަށް ބޭއްވުމަށް ދޫކޮށްފަ އެވެ. އަދި އެނގިފައިވާ ގޮތުގައި ތިން މަސްދުވަހަށް އެތަން ދޫކުރީ ކައުންސިލަށް ހުށަހެޅުމެއް ނެތި މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ސޮއި ކުރެއްވި ސިޓީ އަކުންނެވެ.

އަލިބެވެސް މިއަދު ވިދާޅުވީ އެއްވެސް ފަރާތަކަށް ރަޖިސްޓްރީ ނުކޮށް ހުންނަ ހުރިހާ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ބިންތައް ކަމަށާއި އެމްޑީޕީން އެދިފައިވާ މުއްދަށް އުސްފަސްގަނޑު ސަރަހައްދު އެޕާޓީއަށް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

"މާލޭ ސިޓީ ކައުންސިލްގެ ތަންތަން އެއްވެސް ފަރާތަކަށް ރަޖިސްޓްރީ ނުކޮށް ހުންނަ ބިންތަކަކީ، އެތަންތަން ބަލަހައްޓަމުން ގެންދާނީ ސިޓީ ކައުންސިލުން. އެމްޑީޕީން އެދުނު ގޮތަށް އުސްފަސްގަނޑު އެޕާޓީއަށް ވާނީ ދީފަ،" އަލިބެ ވިދާޅުވި އެވެ.

އެމްޑީޕީ އަށް ސުނާމީ ބިނާ ސަރަހައްދު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދިނުމަށް މާލޭ ސިޓީ ކައުންސިލުން ކުރިން ނިންމުމާއި ގުޅިގެން ޕީޕީއެމުން ވަނީ އާޓިފިޝަލް ބީޗް އެއް އަހަރާއި އަށް މަސް ދުވަހާއި ދެ ހަފްތާ އަށް އަދި އެސްޓީއޯގެ ދެކުނުން އޮންނަ ހުސް ބިން އެއް އަހަރަށް ޖުމްހޫރީ ޕާޓީން އަށް ހޯދުމަށް އެދިފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ