25 May 2022, 11:39
ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ ޖުލައި މަސް ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރާނެކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު، ޗައިނާ މެޝިނެރީ އިންޖިނީރިން ކޯޕަރޭޝަން(ސީއެމްއީސީ) ދީފައިވާކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ ދެން އެންމެ އަވަހަށް ހުޅުމާލޭގައި މީހުންވަނެ، ދިރިއުޅެން ފެށޭނީ "ވިނަރެސް" ފްލެޓުތަކުގައި ކަމަށާއި އަންނަ ޖުލައިމަހު ކޮންޓްރެކްޓަރު ފްލެޓުތައް އެޗްޓީސީއާ ހަވާލުކުރާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި "ވިނަރެސް" ފްލެޓުތަކުގެ ބޮޑު ޕަސެންޓޭޖެއް ލިބޭނީ މާލޭގެ ރައްޔިތުންނަށެވެ. އަތޮޅުތަކުން މާލެއައިސް ދިގު މުއްދަތަކަށް މާލޭގައި ދިރިއުޅޭމީހުންނަށް ވެސް ފްލެޓު ލިބުމުގެ ފުރުޞަތު އެބައޮތް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް ދަންނަވާލަން ފްލެޓުގެ ބޮޑު ޕަސެންޓޭޖެއް ލިބޭނީ މާލޭގެ ރައްޔިތުންނަށް. ކޮންމެވެސް މިންވަރެއް ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ،" އަސްލަމް ވިދާޅުވިއެވެ.

ވިނަރެސް ފްލެޓްތައް -- ސަން ފައިލް ފޮޓޯ
"ވިނަރެސް" މަޝްރޫއުގެ ދަށުން އިމާރާތްކުރާ 1،344 ފްލެޓް ހުންނާނީ 10 ޓަވަރަށް ބަހާފައެވެ. އަދި ކޮންމެ ޓަވަރެއްގައި 13 ފަންގިފިލާ ހުންނަ އިރު ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރި އާއި ތިން ފާޚާނާ އާއި ބެލްކަންޏެއް ހުންނާނެއެވެ.
"ވިނަރެސް" ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

ވިނަރެސް ފްލެޓެއްގެ އެތެރެ --- ސަން ފައިލް ފޮޓޯ
ވިނަރެސް ފްލެޓްތައް ވިއްކާ އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ނަމަ އަގަށް ބަދަލު އާދެއެވެ.