22 Mar 2012, 13:37
ކުރީގެ ރައީސް މުހަންމަދު ނަޝީދު މިއަދު ހެނދުނު ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.
ވެރިކަން ބަދަލުވުމަށްފަހު ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅޫގައި އެމަނިކުފާނާއެކު ބައިވެރިވެވަޑައިގަންނަވަނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި، ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ސޯލިހާއި، އެ ގްރޫޕްގެ ނައިބު ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ އިތުރުން ރައީސް ނަޝީދުގެ ކެބިނެޓްގެ ބައެއް ވަޒީރުންނެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދު ސްރީލަންކާއަށް ވަޑައިގަންނެވީ ވެރިކަން ބަދަލުވެގެންދިޔަ ހާދިސާއާބެހޭ ގޮތުން ބައިނަލް އަގުވާމީ މުޖުތަމައުއަށް މައުލޫމާތު ދެއްވުމަށް ކަމަށެވެ. ރައީސް ނަޝީދު މިއަދު ލަންކާއަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް މިވަގުތު ވެސް ހުންނެވީ ސްރީލަންކާގަ އެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ފުރަތަމަ ހުންނަވީ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވޭ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ އެމަނިކުފާނުގެ ޕާސްޕޯޓް ދޫކޮށްލާފަ އެވެ.