25 May 2022, 08:46
މެންޗެސްޓާ ޔުނައިޓެޑުގެ ފުރަތަމަ ޓާގެޓަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން ކަމަށް އެ ޓީމާ އަލަށް ހަވާލުވި ކޯޗު ޓެން ހެގް ބުނެފިއެވެ.
ޓެން ހެގް މެންޗެސްޓާ ޔުނައިޓެޑާއެކު ތަށިތަކެއް ހޯދަން ބޭނުންވެފައި ހުރި ނަމަވެސް އޭނާގެ ފުރަތަމަ އަމާޒަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުންކަމަށް އޭނާ ވަނީ ސްކައި ސްޕޯޓްސްއަށް ބުނެފައެވެ.
"އެންމެ ފުރަތަމަ ވެސް، މެންޗެސްޓާ ޔުނައިޓެޑް ނިސްބަތްވަނީ ޗެމްޕިއަންސް ލީގަށް. އެހެން ވީމާ އަހަރުމެންގެ ފުރަތަމަ އަމާޒަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން," ޓެން ހެގް ބުންޏެވެ.
ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އަޔެކްސްގެ ކޯޗުގެ ގޮތުގައި ތިން ވަނަ އެރެޑިވިސީ އުފުލާލުމުގެ މޭސްތިރިއަކަށް ވުމަށް ފަހު ޔުނައިޓެޑާ ގުޅި އޭނާ އަންނަ ސީޒަނުގައި ކުޅެން ޖެހޭނީ ޔޫއެފާ ޔޫރޮޕާ ލީގެވެ.
ޓެން ހަގް އެ ކްލަބަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޕްލޭންތަކެއް ރާވާފައި ހުރި ނަމަވެސް، ކަންކަން އެހެން ދިމާލަކަށް އަނބުރާލަން ވަގުތު ނަގާނެ ކަމަށް އޭނައާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
"އަހަރެން ބުނީ މިއީ ޔުނައިޓަޑް އަލުން ކޮޅަށް ޖެހުމަށް ހިންގާ ޕްރޮޖެކްޓެކޭ. ނަމަވެސް އަހަރެމެން މިހާރު މިއޮތް ހާލަތު ވެސް ގަބޫލުކުރަން ޖެހޭ،" ޓެން ހަގް ބުންޏެވެ.
މި ސީޒަން މެންޗެސްޓާ ޔުނައިޓެޑަށް ނިންމާލަން ޖެހުނީ ތާވަލުގެ ހަ ވަނައިގައި އޮވެއެވެ. އަންނަ ސީޒަނަށް ތައްޔާރުވާއިރު އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް އެ ޓީމުގެ ކުޅުންތެރިން ދޫކޮށްލައި އެ މަގާމުތަކަށް ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެގޮތުން ބާސެލޯނާއަށް ކުޅޭ ނެދަލެންޑުގެ ޒުވާން މިޑްފީލަޑަރު ފްރެންކީ ޑި ޔޯންގް ހޯދުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ. އެނާ އެ ޓީމަށް ގެނައުމަކީ ޓެން ހެގްގެ ވަރަށް ބޮޑު އުންމީދެކެވެ. ނަމަވެސް ޑި ޔޯންގް ވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަމަށް ބުނެފައެވެ.