22 Mar 2012, 13:11
ދެހާސް ދިހަވަނަ އަހަރު މައްޗަންގޮޅީ ސަހަރާ ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލަދިން އެއްވެސް މީހަކު ޝަރީއަތުގެ މަޖިލީހުގައި ނެތް ކަމަށް އެ މައްސަލައި ދައުވާ ލިބޭ މީހުންގެ މައްޗަށް ހެކިބަސް ނަގަން ހާޒިރުކުރި ހެއްކަކު ބުނެފި އެވެ.
ދެހާސް ދިހަވަނަ އަހަރު އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ މައްޗަންގޯލި ސަހަރާ ކައިރިން ސ. ހިތަދޫ އައްސޭރި، އަހުމަދު ހާރޫނަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ޣައިރުގާނޫނީ އެއްވުމަކުން ބާރު ދެއްކުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ބުނާ ހ. ހަމަރޯޅި ރިޟުވާން ފަރުހަތު ގެ އިތުރުން ގއ. ދާންދޫ ދިލްކަޝްވިލާ، ހައުޒާން ނިޒާމް އަދި ގދ. ގައްދޫ އޯކިޑްވިލާ، މުހައްމަދު ޝަޒީލް އަބްދުﷲ ގެ މައްޗަށެވެ.
ޝަރީއަތް ކުރާ ކޮޓަރިއާއި ވަކިން ހުރެ ޝަރީއަތުގެ މަޖިލީހުގެ ވީޑީއޯ ބަލަމުން، އަޑު ބަދަލުކޮށްގެން ހެކިބަސް ދިން މީހާ ބުނީ މައްޗަންގޯޅި ސަހަރާ ކައިރީގައި ސައިކަލެއްގެ މަތީގައި ހާރޫނު ފޯނެއްގައި އިންދާ އެވަގުތު އެތަނަށް ދެ ސައިކަލް އައި ކަމަށެވެ. އަދި އެވަގުތު އެ ސަރަހައްދު އޮތީ ވަރަށް އަނދިރިކޮށް ކަމަށާއި ދެ ސައިކަލްގެ ފަހަތުގައި ތިބި މީހުން ގޮސް ހާރޫނުގެ ބުރަކަށްޓަށް ތޫނު އެއްޗެއް ހެރި ކަމަށާއި އެވަގުތު އޭނާ ވެސް އެ ސަރަހައްދުގައި ހުރި ކަމަށެވެ.
އެއިން މީހަކު ޝަރީއަތުގެ މަޖިލީހުގައި އެބައިންތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ އެއިން އެއްވެސް މީހަކު ޝަރީއަތުގެ މަޖިލީހުގައި ނެތް ކަމަށެވެ. ޝަރީއަތަށް ހާޒިރުކޮށްފައި ތިބި މީހުން ވަކިވަކިން ދެއްކުމުން އޭނާ ބުނީ ރިޟުވާން އާއި ވަރަށް ވައްތަރު މީހަކު އެތަނުން ދުށް ކަމަށާއި ނަމަވެސް އެތަނުން ފެނުނީ އޭނާ ނޫން ކަމަށެވެ.