24 May 2022, 10:34
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް މަސައްކަތެއް ނެތުމުން ނިންމާލައިފިއެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާ ކުރެވިގެން ކުރިއަށް ގެންދެވުނީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބު އިއްވުމެވެ.
އަދި މީގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން، ހެލްތް މިނިސްޓަރު އަޙްމަދު ނަސީމާ ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލުގެ ޖަވާބުވެސް މިއަދުގެ މަޖިލީހުގައި އިއްވިއެވެ.
މިއަދުގެ މަޖިލީހުގައި، ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއަވާފައި ހުންނަވާ ސަފީރު އަޙްމަދު ލަތީފް، އަނބުރާ ރާއްޖެއަށް ގެންނެވުމަށް ނިންމަވައި، އެ މަޤާމަށް އައިޝަތު ޝާން ޝާކިރު ހަމަޖެއްސުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ފޮނުވައިފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު ނެރުނު ރިޕޯޓަށް ބަހުސް ކުރުން ކުރިއަށް ގެންގޮސްފައިވަނީ އެންމެ 19 މިނެޓަށެވެ.
ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ އަޤުލަބިއްޔަތުން ޝާން ޝާކިރުއަށް ވަނީ ރުހުން ދީފައެވެ.
މިއަދުގެ މަޖިލީސް ކުރިއަށް ގެންގޮސްފައިވަނީ 45 މިނެޓަށެވެ.
މިދިޔަ ހޯމަ އަދި އަންގާރަ ދުވަހުގެ މަޖިލިސް ވެސް ނިންމާލައިފައިވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ. އެ ދެ ދުވަހުވެސް މަޖިލިސް ކުރިއަށް ގެންގޮސްފައި ވަނީ 35 މިނެޓަށެވެ.
މަޖިލީހުގައި ޖުމްލަ 85 މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކަށް ލިބޭ މިންވަރު 80،000 އަށް ވުރެ އިތުރެވެ.