އަދުލު އިންސާފަކީ އެއްވެސް މީހެއްގެ އަމިއްލަ މަސްލަހަތު ނެގެހެއްޓުމަށް ބޭނުންކުރެވޭ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށާއި އަދުލު އިންސާފު ހޯދޭނީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފި އެވެ.

ސަލަފުން މިހެން ބުނެފައިވަނީ އެމްޑީޕީން ފަހަކަށް އައިސް ކުރިއަށް ގެންދާ އެކިއެކި ސިޔާސީ ހަރަކާތްތަކުގައި ދީނީ ކަންތައްތަކަށް ފުރައްސާރަކޮށް، ދީނީ އިލްމުވެރިންނަށް ފުރައްސާރަކުރަމުންދާ ކަމަށް ބުނެ ނެރުނު ނޫސްބަޔާނެއްގަ އެވެ.

ޖަމިއްޔަތުއްސަލަފްގެ ރައީސް ޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (ޝައިހް އަބްދުﷲ) މިއަދު ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުން ނުކުމެ އެކިއެކި ތަންތަނުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުކޮށްލާފައިވަނީ ބަގާވާތަކުން ކަމަށް ބުނަމުން ގެންދާއިރު އެކަންކަން ތަހުގީގު ކުރުމުގެ ބަދަލުގައި އެކަމާ ގުޅުވައިގެން ނުވަތަ އެކަންތައް އައްޑަނައަކަށް ހަދައިގެން ދީނަށް ފުރައްސާރަ ކުރަމުން ގެންދާ ކަމަށެވެ.
" ދީނުގައި އިންސާފު މިކިޔަނީ މާތްﷲ ބާވާލެއްވި ޝަރީއަތުގެ ތެރެއިން އަންނަ އެއްޗަކަށް. ކޮންމެ މީހެއްގެ އަމިއްލަ މަސްލަހަތަކީ އިންސާފެއް ނޫން. ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް، ދީނަށް އެއްޗެހި ގޮވުމާއި، އެއްވެސް ހަމައެއް ލަމައެއް ނެތި މީސްމީހުންގެ އަނބުރަށް އަރައިގަތަކީ މީހަކަށް ދޭ ޖިސްމާނީ އަނިޔާއަކަށް ވުރެ މާބޮޑު އަދި ނުރައްކާ ކަމެއް ދީނުގަ، އަދުލު އިންސާފު ހޯދަންޖެހޭނީ އިސްލާމީ ޝަރީއަތުގެ ތެރެއިން،" އަބްދުﷲ ވިދާޅުވި އެވެ.

ސަލަފުގެ ނޫސްބަޔާނުގައި ބުނެފައިވަނީ މީސްމީހުންގެ ނަފްސުތަކަށާއި އަބުރާއި މުދަލުގެ ހުރުމަތްކަނޑައި، މާތްﷲ ގެ ހުކުމްފުޅުތަކަށް ފުރައްސާރަކޮށް ދީނަށް ލޯބިކުރާ މީހުންނަށް މަލާމަތްކޮށްގެން ނުވާނެ ކަމަށެވެ. އެގޮތަށް އެކަންތައް ކުރުން ހިމެނިގެންދާނީ ބިންމަތީގައި ފަސާދަ އުފެއްދުމުގެ ތެރެއިން ކަމުގައިވާއިރު ބިންމަތި އޭގެ އަހުލުވެރިންނަށް ނާމާންކޮށް، އެތަނުގައި ފަސާދަ އުފެއްދުމަކީ ކަނޑައެޅިގެން ހަރާމްކަމެއް ކަމަށެވެ.