ބަމާކޯ (މާޗް 22) : ސަބްސަހަރަން އެފްރިކާގެ އިސްލާމީ ޤައުމެއް ކަމަށްވާ މާލީގެ ވެރިކަން ވައްޓާލައި އެޤައުމުގެ ސިފައިން ޢަސްކަރީ އިންޤިލާބެއް ގެނަސްފިއެވެ.

ހަތިޔާރުއަޅައިގެންތިބި ޢަސްކަރީ ސިފައިން މާލީގެ ރައީސްގެ ގަނޑުވަރަށާއި އޭނާގެ އޮފީހަށާއި ރަސްމީ ޓީވީ ސްޓޭޝަނަށް ގަދަބާރުން ވަދެގަނެ އެތަންތަންހިފުމަށްފަހު ރައީސް އަމާދޫ ތޮރޭ ގެސަރުކާރު ވައްޓާލައި ޢަސްކަރީ އިންޤިލާބެއް ގެނައިކަން މިއަދު ހެނދުނުވަނީ އިޢްލާންކޮށްފައެވެ. ރައީސް އަމާދޫގެ ސަރުކާރު ވައްޓާލުމަށްފަހު ސިފައިންގެ ތަރްޖަމާނަކު ވިދާޅުވީ ރައީސް އަމާދޫގެ ސަރުކާރަކީ ޤައުމުގެ ބާއީޣިންނާ ކުރުމަތިލައި ޤައުމަށް އަމާންކަން ގެނައުމުގައި ނާގާބިލް ސަރުކާރެއް ކަމަށްވާތީ ޤައުމީ މަސްލަޙަތަށްޓަކައި ސަރުކާރު ވައްޓާލީ ކަމުގައެވެ.

ޢަސްކަރީ އިންޤިލާބާގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި ގާނޫނު އަސާސީވެސް އުވާލައިފައިވާ ކަމަށާއި ޤައުމުވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ސިފައިންގެ ތަރްޖަމާން ވިދާޅުވިއެވެ. ތަރްޖަމާން އިތުރަށް ވިދާޅުވީ އިންޤިލާބުގެނައި ސިފައިން ނިސްބަތްވަނީ 'ނެޝަނަލް ކޮމިޓީ ފޮ ދަ އެސްޓަބްލިޝްމަންޓް އޮފް ޑިމޮކްރަސީ' އަށް ކަމަށާއި މިއީ ޤައުމަށް ޙަޤީޤީ ޑިމޮކްރަސީ ގެނައުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. ވަރަށް އަވަހަށް ރިޔާސީ އިންތިޚާބު ބާއްވައި ދިމުޤްރާތީ ސަރުކާރެއް ޤާއިމްކުރާނެ ކަމަށްވެސް އިންޤިލާބީ ސިފައިންގެ ތަރްޖަމާން ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރައީސް އަމާދޫ އަވަހާރަކޮށްލަން ސިފައިން ކުރިމަސައްކަތުން ސަލާމަތްވެ ވަޑައިގެން އޭނާވަނީ އެނާއަށް ވަފާތެރި ބަޔަކާއެކު ޤައުމުގެ ކޮންމެވެސްތަނެއްގައި ފިއްލަވާފައެވެ. ނަމަވެސް އިންޤިލާބީ ސިފައިންގެ އަތްދަށުގައިވި ވަޒީރުން ތިއްބެވީ ރިއާސީ ގަނޑުވަރު ތެރޭގައި ހައްޔަރުކޮށްފައެވެ.
މާލީގެ ސަރުކާރު ވައްޓާލާފައިމިވަނީ އެޤައުމުގެ ސަރުކާރާދެކޮޅަށް ހަނގުރާމަކުރަމުން ގެންދާ ހަތިޔާރުއެޅި "ތަވާރިޤް" ހަނގުރާމަވެރިންގެ ބާރު އެޤައުމުގެ އުތުރުގައި ގަދަވެ ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަމާދޫ ގެ ސަރުކާރު ނާކާމިޔާބުވެފައިވަނިކޮށެވެ.

ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓްގެ ކުރީގައި ހިމެނޭ މާލީގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގަދަވގެންދިޔައީ އެޤައުމުގެ އަވަށްޓެރި ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން ދިފާޢުކުރުމަށްޓަކައި ކުލީސިފައިންގެ ގޮތުގައި ލީބިޔާގައި ޙަރަކާތްތެރިވުމަށްފަހު ގައްޒާފީގެ ވެރިކަން ވެއްޓުމާގުޅިގެން އެނބުރި ޤައުމަށް އައުމުންނެވެ.

ގައްޒާފީގެ ވެރިކަން ވެއްޓި ލީބިޔާގައި އައު ސަރުކާރެއް އުފެދުމުން މާލީގެ ހަނގުރާމަވެރިން ލީބިޔާ ދޫކޮށް އެނބުރި ޤައުމަށްއައިސް އެމީހުންގެ ބާރުގަދަކުރީ ގައްޒާފީގެ ސަރުކާރުން އެމީހުންނަށްދިން އެތަށް މިލިޔަން ޑޮލަރެއްގެ ފައިސާއާއި ޢަސްކަރީ ތަމްރީނާއި ޒަމާނީ ހަތިޔާރުގެ ޝިޕްމަންޓްތަކުގެ އެހީގައި ކަމަށް ޚަބަރު ލިބެއެވެ. -- އޭޕީ