22 Mar 2012, 12:12
އުފަންވުމުގައި ހިތުގެ ބަލި ހުންނަ ކުދިން ޑޮކްޓަރަށް ދައްކާ ފަރުވާ ދިނުމުގެ ތިން ދުވަހުގެ ޕްރޮގްރާމެއް، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން މިއަދު ފަށައިފި އެވެ.
ޓައިނީ ހާޓްސްއިން ބުނީ މިއަދު ފެށި ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން ކުޑަކުދިންނަށް ހާއްސަ ހިތުގެ ދެ ޑޮކްޓަރުން، އުފެދުމުގެ ހިތުގެ މައްސަލަ ހުރި ކުޑަކުދިން ބައްލަވާ ފަރުވާ ދެއްވަމުން ގެންދަވާނެ ކަމަށާއި ޑޮކްޓަރަށް ދެއްކުން އޮންނާނީ ހިލޭ ކަމަށް ވެސް ބުންޏެވެ.
ޓައިނީ ހާޓްސްގެ މި ޕްރޮގްރާމްގެ ދަށުން ޑޮކްޓަރުން، ކުދިންނަށް ފަރުވާ ދިނުން އޮންނާނީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ އޯޕީޑީގައި ދެ ދަންފަޅިއަކަ ށެވެ. މިހާރުވެސް ޓައިނީ ހާޓްސްގައި ރަޖިސްޓަރީވެފައިވާ 200 އަށްވުރެ ގިނަ ކުދިންނަށް ވަނީ ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓް ހަމަޖައްސައިދީފަ އެވެ.
އުފެދުމުގައި ހިތުގެ މައްސަލަ ހުރި ކުއްޖެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން އަފަދަ އެހެން ކުދިން ސަލާމަތްކުރުމަށް 2009 ވަނަ އަހަރު އުފެދުނު ޓައިނީ ހާޓްސް ވަނީ މިފަދަ ޕްރޮގްރާމްތަކެއް ކުރިން ވެސް ހިންގާފަ އެވެ. މީގެ އިތުރުން ޓައިނީ ހާޓްސްއިން ވަނީ އޮޕަރޭޝަނަކަށް ދާންޖެހޭ ކުދިންނަށް ކުރިއަށް ދާންވީ މަގުދައްކައިދީ މާލީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.