ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމަށާއި މިސްކިތްތަކުގެ އެކިއެކި ބޭނުންތަކަށް ފައިސާ ޖަމާކުރުމަށް ހުޅުވާފައިވާ "މިސްކިތު ފަންޑަށް ފައިސާ ޖަމާކުރާ ހަފުތާ" ގެ ގޮތުގައި ހަފުތާއެއް ފާހަގަ ކުރަން އިސްލާމިކް މިނިސްޓްރީ ނިންމައިފި އެވެ.

މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މީގެ ދެ އަހަރު ކުރިން މިސްކިތްތަކަށް ފައިސާ ހަދިޔާ ކުރުމަށް ހުޅުވާފައިވާ ފަންޑަށް ފައިސާ ހަދިޔާ ކުރުމުގެ ހަފުތާއެއް ގޮތުގައި ފާހަގަ ކުރަން ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހުގެ ފަހު ހަފުތާ ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ މިސްކިތްތަކުން ގަބުރު ފެނުމުގެ ސަބަބުން މިސްކިތްތަކުގައި ނަމާދު ނުކުރެވޭ ކަމަށާއި ބައެއް މިސްކިތްތަކަށް ބޮޑެތި މަރާމާތުތައް ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.


"އަޅުގަނޑު އެދެނީ ގިނަ ރައްޔިތުން [މިސްކިތު ފަންޑު] ގައި ބައިވެރިވުން. އަދި ކުޑަކުދީން ވެސް މީގައި ބައިވެރި ކުރުވުން. ކިތަންމެ ކުޑަ ފައިސާއަކުން އޭގައި ބައިވިރި ވިޔަސް،، އެއްރުފިޔާ ވިއަސް ފަސް ރުފިޔާ ކަމުގައިވީ ނަމަވެސް އެ ފަންޑުގައި ބައިވެރިވުން،" މިނިސްޓަރު ވިދާޅުވި އެވެ. މިސްކިތު ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ހަފުތާގައި ކުޑަ ކުދިންނަށް ވެސް ހާއްސަ ވަގުތު ތަކެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ރޯދަމަސް އައުމުގެ ކުރިން މިސްކިތު ފަންޑުން ފައިސާ ހޭދަކޮށްގެން މިސްކިތްތައް މަރާމާތު ކުރެވޭނެ ގޮތް ހަދަން ބޭނުންވާ ކަމަށް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން އެހެންވީމަ ބޭނުންވަނީ މިހާރު މި އޮތް އިގުތިސާދީ ދަތި ކަމުގެ ތެރެއިން މި މައްސަލަ ހައްލުކުރަން ރައްޔިތުންގެ އެހީތެރިކަން ހޯދައިގެން ރަމަޟާން މަސް އަންނަ އިރަށް މިސްކިތްތައް ތައްޔާރު ކުރަން. މަރާމާތުތައް ހައްލުކޮށް ގެއްލުންވެފައި ހުރިތަންތަން އަލުން އާރާސްތުކޮށް، މި ހުރިހާ ކަމެއް ކުރަން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.